ފުލުހުންގެ ސާވިސް ނަންބަރު ޔުނީފޯމްގައި ޖަހަނީ

ފުލުހުންގެ ސާވިސް ނަންބަރު ޔުނީފޯމްގައި -- ފޮޓޯ: ފުލުހުން

ފުލުހުންގެ ޔުނީފޯމްގައި އެ ފުލުހެއްގެ ސާވިސް ނަންބަރު ޖަހަން ނިންމައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ފުލުހުންގެ ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

މީގެ ކުރިން ފުލުހުން މުޒާހަރާފަދަ މައިދާންތަކުގައި އެކަށީގެންނުވާ ބާރު ބޭނުންކޮށްފައިވާކަމަށް ބުނެ އާންމުން ވަރަށް ގިނައިން މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ޔުނީފޯމްއަށް ގެނައި ބަދަލާއެކު ވަކި ވަކި ފުލުހުންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ފަސޭހަވެގެންދާނެއެވެ.

" ކޮންމެ ފުލުހެއްގެވެސް އިންނާނެ ތަފާތު ވަކި ނަންބަރެއް. ޒިންމާދާރު ކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަށް ކޮންމެ ފުލުހެއްގެވެސް އައިޑެންޓިޓީ ވަރަށް މުހިންމު" ހަމީދު ވިދާޅުވިއެވެ.

ހަމީދު ކުރިން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަނެ އެ މުއައްސަސާއަށް "ލެޖިޓިމެސީ" ލިބިގެންދާނީ ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް އެ މުއައްސަސާ ވެގެން ކަމަށެވެެ.

ވޭތުވެ ދިޔަ އަހަރު ތަކުގައި ފުލުހުންގެ އަމަލުތައް ފުލުހުންގެ މުއައްސަސާގެ ވެރިންގެ އަމަލުތައް ހުރިގޮތުން ރައްޔިތުންގެ މެދުގައި ފުލުހުންނަށް ކުރާ އިތުބާރު އޮތީ ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ރިފޯމުގެ މަސައްކަތަށް މިހާރު ވަނީ އެ މުއައްސަސާގައި ޑިޕާޓްމެންޓެއް އުފައްދައިފައެވެ. އެ ޑިޕާޓްމެންޓުން މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ މުއައްސަސާ ހިނގާނެ ގޮތުގެ ސްޓެރެޓެޖިކް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކުރުމެވެ

ގުޅޭ ޓެގު
comment ކޮމެންޓް