މާލޭ ގެއަކުން ކިލޯއެއްގެ ޑްރަގް ހޯދައި ތިން މީހުން ހައްޔަރު ކޮށްފި

ކުށުގެ ވެށިން އަތުލައިގަތް މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ: ރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއަކުން ވަނީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ތިން މީހުން ހައްޔަރު ކޮށްފައި -- ސަން ފައިލް ފޮޓޯ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މާލެ އިން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓަލިޖެންސް ޔުނިޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލާ ފާސްކޮށް 1.209 ކިލޯގެ ކެނަބިސް ހޯދާފައިވާ ކަމަށެވެ.

ކެނަބިހުގެ އިތުރުން 454.8 ގްރާމްގެ ހެރޮއިންނާއި 0.6 ގްރާމްގެ ކޮކެއިން ވެސް އެ ގެއިން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ ގްރޫޕްއާ ގުޅުން ހުރި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިފަހަކަށް އައިސް މާލެއިން ވަނީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރާ ކަމުގެ ތުހުމަތުގައި ގިނަ އަދެދެއްގެ މީހުން ހައްޔަރު ކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ދޫކޮށްލާފައިވާ އިރު އަނެއްބައި މީހުން މައްސަލަތައް އަންނަނީ ތަހުގީގް ކުރަމުންނެވެ.

މިފަހުން ރާއްޖެ ސްމަގުލް ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފުލުހުން އަތުލައިގެންފަ އެވެ.

comment ކޮމެންޓް