ވާވޭގެ އުފެއްދުންތަކަށް އަމާޒުކޮށް ޓްރަމްޕް ގަރާރެއް ނެރުއްވައިފި

ވާވޭއިން ވަނީ އެކުންފުނީގެ އުފެއްދުންތަކުން ގައުމަށް ނުރައްކަލެއް ނުވާނެ ކަމަށް ބުނެފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މެއި 16): އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އުފެއްދުންތައް އެގައުމުގެ ކުންފުނިތަކުން ބޭނުން ކުރުން މަނާ ކުރާ ގަރާރެއް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވައިފި އެވެ.

ރައީސް ޓްރަމްޕްގެ އެއަމުރުގައި މަނާ ކުރަނީ ވަކި ކުންފުންޏެއް ނުވަތަ ވަކި ގައުމެއްގެ އުފެއްދުންތައްކަން ފާހަގަކޮށްފައި ނުވެ އެވެ. ނަމަވެސް އެއީ ޗައިނާގެ ވާވޭގެ އުފެއްދުންތައް މަނާ ކުރުމަށް ނެރުނު ގަރާރެއް ކަަމަށް ގިނަ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

މީގެ ކުރިން އެމެރިކާ އިން ވަނީ ޗައިނާއިން ވާވޭގެ އުފެއްދުންތައް މެދުވެރިކޮށް އެހެން ގައުމުތަކަށް ޖާސޫސު ކޮށްފާނެ ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެގައުމުގެ ސަރުކާރުގެ އިދާރާތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން މަނާކޮށް، އެކުންފުނީގެ 5ޖީ ޓެކްނޮލޮޖީ ބޭނުން ނުކުރުމަށް އެހެން ގައުމުތަކަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން ވަނީ އެގައުމުގެ "އެންޓިޓީ ލިސްޓުގައި" ވާވޭގެ ނަން ހިމަނާފަ އެވެ. އޭގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ހުއްދައާ ނުލައި ވާވޭއިން އެމެރިކާ ކުންފުނިތަކުގެ ޓެކްނޮލޮޖީ ގަތުން މަނާވާނެ އެވެ.

ނަމަވެސް ވާވޭ އިން ވަނީ އެއީ މިނިވަން ކުންފުންޏެއް ކަމަށާއި އެކުންފުނީގެ ސަބަބުން ގައުމަށް ނުރައްކަލެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ވާވޭގެ އުފެއްދުންތައް އެމެރިކާގައި މަނާ ކުރުމުގެ ގެއްލުން ދައްކާނީ އެގައުމުގެ މީހުންނަށާއި ކުންފުނިތަކަށް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ވާވޭގެ ޗެއާމަން ލިއަންގް ހުއާ ވަނީ އެކުންފުނިން އޮތީ "ޖާސޫސު ނުކުރާނެ ކަމުގެ އެއްބަސްވުންތަކުގައި" ބޭރުގެ ސަރުކާރުތަކާއެކު ސޮއި ކުރަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އިން އެގަރާރު ނެރުނީ އެގައުމާއި ޗައިނާއާ ދެމެދު ފެށިފައިވާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ގޯސްވި ފަހުންނެވެ. އެގޮތުން އެމެރިކާއިން ވަނީ އެގައުމަށް އެތެރެ ކުރާ ޗައިނާގެ އިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ. އަދި ޗައިނާއިން ވެސް ވަނީ އެގައުމަށް އެތެރެ ކުރާ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ.

comment ކޮމެންޓް