ލުތުފަރު މަރާލީ ބޯޓުގައި، މަންޒަރު ކުޅުވައިފި

ށ. ޅައިމަގު ބަނދަރުމަތި --

މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ށ. ޅައިމަގުގައި ގެއްލިގެން ހޯދި އެ ރަށު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ، ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިން ފެނިފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ މައްސަލާގައި އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ހަތަރު ބިދޭސީއެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ތިން ބިދޭސީން ވަނީ އޭނާ މަރާލި ގޮތް ފުލުހުންގެ ތަހުގީގަށް ކުޅެދީފަ އެވެ.

މީގެ ކުރިން މީހުން ދައްކާފައި ހުރި ވާހަކަތަކުން ބެލެވިފައި އޮތީ ލުތުފަރު މަރާލީ ރަށުގެ ވަލު ތެރޭގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ކޮށާފައި ފަހުން ކަނޑު ފެއްތީ ކަމަށެވެ. އެހެން ނަމަވެސް، ބިދޭސީން ފުލުހުންގެ ތަހުގީގަށް ދެއްކި ގޮތުގައި ހާދިސާ ހިނގާފައި ވަނީ އެހެން ގޮތަކަށް ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ޅައިމަގުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ބިދޭސީން ލުތުފަރަށް ވީ ގޮތް ފުލުހުންނަށް ދެއްކީ، ދެ ގޯންޏަކަށް އެއްޗެހި އަޅައި ގުޅުވައިގެން، އެ ގޯނިތަކަކީ ލުތުފަރު ކަމަށް ބަލައިގެންނެވެ.

އެ ބިދޭސީން ދެއްކި ގޮތުގައި، ލުތުފަރު މަރާލީ ކުރިމަގު ބޯޓުގަ އެވެ. އަދި އޭނާ މަރާލީ ހޭނެއްތުމަށް ފަހު ކަރުގައި ހިފައި ނޭވާ ހާސްކޮށްގެންނެވެ.

ބަނދަރުގައި އޮތް ބޯޓުގައި އެ މީހުން ޒުވާބު ކުރި އަޑާއި، ލުތުފަރު ކަމަށް ބެލެވޭ މީހަކު ވަރަށް ބާރަށް ހަޅޭއް ލަވައިގަތް އަޑު ރަށުގެ މީހަކަށް އިވިފައި ވެސްވެ އެވެ.

"އޭނަ އެރީމާ ބޯޓު ރަށާ ދުރުކޮށްފައި، އޭނާގެ ގައިގައި ޖަހައި ހޭނައްތާލީ. ހޭނައްތާލާފައި ކަރުގައި ހިފާ މަރާލީ. ދެން އެމީހުން ބޯޓުގެ ކުރީ ކޮޅަށް ގޮއްސަ ޑިސްކަސް ކުރީ ހަދާނެ ގޮތެއް،"

ބިދޭސީން ފުލުހުންނަށް ދެއްކި ގޮތުގައި، ދެން އެ މީހުން ނިންމީ ރީނދޫ ހަމެއް އައްސާފައި، ބަނދަރާ ވީ ފަޅި ނޫން އަނެއް ފަޅިއަށް، ފަޅުތެރެއަށް ލުތުފަރުގެ ހަށިގަނޑު ވައްޓާލުމަށެވެ. އެ ހަން އެއްސީ ފަޅު ތެރޭގައި އޮންނަ ވެލިގަނޑަކަށް ހަށިގަނޑު ދަމާފައި ގެންދިޔުމަށެވެ. ދެން އެ މީހުން ވެސް މޫދަށް ފުންމާލައި ހަށިގަނޑު އެ ވެލިގަނޑަށް ގެންދިޔައީ އެވެ.

އެމީހުން ދެއްކި ގޮތުގައި ލުތުފަރުގެ ހަށިގަނޑު ކަނޑަށް ފެއްތީ އޭނާގެ ޓީޝާޓު ބާލާފައި ހަށިގަނޑުގައި ދެ ވެލި ބަސްތާ އެއްސުމަށް ފަހު އެވެ. އެއީ އޭނާގެ މޭމަތީގައި އެއް ބަސްތާ އަދި ދެ ކަކޫ ކައިރިކޮށްފައި ދެ ކަކުލުގައި އެއް ބަސްތާ އެވެ. ދެން ދެ ބަސްތާ އެއްސުމަށް ފަހު ރީނދޫ ހަން ކަނޑާލާފައި ހަށިގަނޑު ކަނޑަށް ދޫކޮށްލީ އެވެ.

"ދަމާފައި ގެންގޮސް، ފަޅު ނިމޭ ތަނުގެ ކައިރިން ހަން ނައްޓާފައި ކަނޑަށް ވާ ގޮތަށް ދޫކޮށްލީ،"

އެ ރީނދޫ ހަމާއި ލުތުފަރުގެ ޓީޝާޓު އެމީހުން ރަށުގެ ވަލު ތެރޭގައި ވަޅުލި ކަމަށްވެ އެވެ. އެމީހުން އެ ތަކެތި ވަޅުލާފައި ދަނިކޮށް އެ ރަށުގެ އަންހެނަކަށް ފެނިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިދިޔަ މަހު 22 ވަނަ ދުވަހު ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީވެސް ރަށު ކައުންސިލުންނެވެ.

ރަށު ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ފެނުނީ ރަށު ބަނދަރުގެ އިރުމަތީ ފަރާތާ ވީ ދިމާލުން، ކަނޑުންނެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ފެނުމާއެކު އެންމެ ފުރަތަމަ އެ ބައިތައް ގެންދިޔައީ ށ. ފުނަދޫ ހޮސްޕިޓަލަށެވެ. އެތަނުން ސާމްޕަލް ނެގުމަށްފަހު ހަށިގަނޑުގެ ބައިތައް ވަޅުލީ ޅައިމަގުގައެވެ.

ކުރިމަގު ބޯޓުގެ ކެޕްޓަން އަލީ ޝަރީފް މީގެ ކުރިން "ސަން"އަށް ބުނީ ލުތުފަރު އެ ބޯޓުގައި މަސައްކަތް ކުރާތާ ވީ މަހެއްހާ ދުވަސް ކަމަށެވެ.

ރަށުގެ މީހުން ބުނާ ގޮތުގައި ލުތުފަރާއި އޭނާގެ ރައްޓެހިން ޅައިމަގުގައި ވިޔަފާރިއެއް ހިންގި އެވެ. އެއީ ރަށުން ކާއްޓާއި ކުރުނބާ އަދި އެފަދަ އެހެނިހެން ތަކެތި ރަށުން ގަނެގެން މާލޭގައި ކުރި ވިޔަފާރިއެކެވެ. އެ ވިޔަފާރިން އެ މީހުންނަށް ލިބުނު ފައިސާތަކެއް އެ މީހުންގެ މެދުގައި ބެހުމުގެ ބަދަލުގައި ލުތުފަރު ނެގީ ކަމަށް ރަށު ތެރޭގައި ވަނީ އަޑު ފެތުރިފަ އެވެ. އޭނާ މަރާލީ އެހެން ވެގެން ކަމަށް މީހުން ބުނެ އުޅެ އެވެ.

އޭގެ އިތުރުން، ލުތުފަރު މަރާލީ އޭނާގެ އާއިލާއަށް ފޮނުވަން ހަވާލު ކުރި ފައިސާތަކެއް، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީއަކާ ހަވާލު ކުރުމުން، އެ ބިދޭސީ މީހާ އެ ފައިސާ ބޭނުން ކުރުމުން ޖެހުނު މައްސަލައެއްގެ ތެރެއިން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

comment ކޮމެންޓް