"ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓުމަކުން ރެއާލް މެޑްރިޑް އުފާ ކުރާނެ ކަމެއް ނެތް"

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޑެނިއެލް ލެވިސް

ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓުމަކީ މި ސީޒަނުގައި ރެއާލް މެޑްރިޑަށް ލިބުނު ބޮޑު ނާކާމީޔާބީއަށް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ އެންމެ ވާދަވެރި ބާސެލޯނާ ވަނީ މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ވިލާތުގެ ލިވަޕޫލް އަތުން 0-4ގެ ލަދުވެތި ނަތީޖާއަކުން ބަލިވެ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. އެއާ އެކު ގިނަ ފުޓުބޯޅަ ސަޕޯޓަރުންތަކެއް ދަނީ ބާސެލޯނާ އާއި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ބާސެލޯނާ އިން އެމީހުންގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 0-3ގެ ނަތީޖާއަކުންނެވެ. ތިން ގޯލުގެ ލީޑަކާ އެކު ލިވަޕޫލްގެ ދަނޑަށް އެ ޓީމުން ދިޔައީ އެއް ހަފްތާގެ ރެސްޓެއް ފުލް ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް ފަހު އެވެ. ނަަމަވެސް އޭގެ ދެ ރޭ ކުރިން ލިވަޕޫލް ވަނީ އިނގިރޭސި ލީގުގައި ވަރުގަދަ މެޗެއް ކުޅެފަ އެވެ. އަދި އެ ޓީމުން ބާސެލޯނާ މެޗަށް ނުކުތީ ވެސް އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ނުހިމަނަ އެވެ.

އެހެން ނަމަވެސް އެންމެން ހައިރާން ކޮށްލުމަށް ފަހު ފުރިހަމަ "ކަމްބެކް"އެއް ހަދައި ލިވަޕޫލް ވަނީ ބާސެލޯނާ ކަޓުވާލުމަށް ފަހު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ނާކާމީޔާބީއާ އެކު ވެސް ބާސެލޯނާ އިން ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ތަށި ހޯދައިފަ އެވެ. މިއީ ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި ވެސް ބާސެލޯނާ ލީގު ހޯދި ފަސް ވަނަ ފަހަރެވެ. ނަމަވެސް އެ ޓީމުން މި ސީޒަނުގެ އެންމެ ބޮޑު އަމާޒަކަށް ހެދި ޗެމްޕިއަންސް ލީގު ހޯދުމުގެ އުންމީދު ފުނޑު ފުނޑުވުމުން ބާސެލޯނާގެ މުޅި ޓީމު އޮތީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ.

ކަން މިހެން އޮތް ނަމަވެސް ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބާސެލޯނާ ދިފާއު ކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ރެއާލް މެޑްރިޑުން އެކަމުގެ އުފާ ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ރެއާލް މެޑްރިޑްގެ ސީޒަން ވަނީ އެއަށް ވުރެން ގޯސްވެފަ ކަމަށެވެ.

"ބާސެލޯނާ އިން ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ރެއާލް މެޑްރިޑަށް އުފަލެއް ނެތް. އަހަރަމެން މިވަގުތު މިއޮތީ އެއަށްވުރެން ދަށު ދަރަޖައަކަށް ވެއްޓިފައި،" ޒިދާން ބުންޏެވެ.

"މިހާރު އެހެން ޓީމުތަކަށް އަސްލު އިހުސާސް ވާނެ ޗެމްޕިއަންސް ލީގު ހޯދުމުގެ އުނދަގޫ ކަން. ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ހަތަރު ފަހަރު އަހަރަމެނަށް އެ މުބާރާތް ކާމިޔާބު ކުރެވުނު. އެއީ އަހަރެން އަބަދު ވެސް ފަހުރު ވެރިކަމާ އެކު ބުނާނެ ބަހެއް."

comment ކޮމެންޓް