އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ޕެރޭޑެއް

އެމެރިކާ އީރާނަށް ބިރުދައްކަން ހަނގުރާމައިގެ ގުރާބުތަކާއި ފްލީޓްތަކައި ލަޝްކަރުތައް ގަލްފުގެ ސަރަހައްދަށް ފޮނުވިނަމަވެސް އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިސްވެރިއެއް ކަމަށްވާ ޔަދުﷲ ޖުވާނީ ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ފާރިސް ނޫސްއެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުގެ ޕޮލިޓިކަލް އެފެއާޒްގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ޔަދުﷲ ޖުވާނީ ވިދާޅުވެފައިވަނީ އީރާނަށް އިސްވެ ޙަމަލާދީފިނަމަ ދެން ކުރިމަތިލާންޖެހޭނެ ނަތީޖާ އެމެރިކާއަށް ތަހައްމަލް ނުކުރެވޭނެކަން އެންމެ ބޮޑަށް އެނގޭނީ އެމެރިކާއަށް ކަމުގައެވެ. އެމެރިކާ އިސްވެ އީރާނަށް ހަމަލާދީފި ހިނދެއްގައި ގަލްފުގައި އެމެރިކާ ކޮންޓްރޯލްކުރާ ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ހިއްވަރު އެމެރިކާގެ ކިބާގައި ނުހުންނާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އީރާނަށް އިސްވެ ހަމަލާދީގެން އެމެރިކާއާ ކުރިމަތިވާނީ ކޮން ކަހަލަ ނަތީޖާއެއްކަން އީރާނުގެ މަސްއޫލުވެރިޔާ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ އިޝާރާތް ކުރައްވަނީ އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް ބާރުއަޅާ ސައޫދީ އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ގެ ތެލުގެ މަރުކަޒުތަކަށް އީރާނުން ރައްދު ހަމަލާދީ އެތަންތަން ހަލާކުކޮށްލުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި އެކަމުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ އެތެރޭގައި އުފެދިގެންދާނެ ކަމަށް ބެލެވޭ ދާޚިލީ ހަމަނުޖެހުންތަކާއެކު އެގައުމުތަކުގެ ރަސްކަމުގެ ނިޒާމުތަކަށް އަރައިގެންދާނެ ލޮޅުންތަކުގެ މައްޗަށް ކަމަށްވަނީ ބެލެވިފައެވެ.

އީރާނަށް އެމެރިކާ އިސްވެ ހަމަލާދީފިނަމަ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބެލެވޭތީ އެކަންކަމާ ގުޅިގެން މުޅި ސަރަހައްދުގައި ހަނގުރާމައިގެ ހުޅުރޯވެ އެ އަލިފާނުގައި ޚުދު އެމެރިކާގެ ބައިވެރިންވެސް އަނދައިގެން ދިޔުމުގެ ބިރު އޮތްކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. ޖުވާނީ ވިދާޅުވީ އެމެރިކާ ހަނގުރާމަ ފަށައިފިނަމަ ހަނގުރާމަ ނިންމާނީ އެމެރިކާ ނޫންކަމުގައެވެ. އަދި ހަނގުރާމަ ދިގުލައިގެންގޮސް ވާ އޮފް އެޓްރިޝަންއަށް ދާނެކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ. އެމެރިކާ ސިފައިންނަކީ ބިންމަތިގައި ހަނގުރާމަކުރަން ޖެހިލުންވާ ބައެއްކަމަށްވާއިރު ބިންމަތީގައި ހަނގުޜާމަ ނުކޮށް އެމެރިކާއަށް ހަނގުރާމަ ކާމިޔާބު ނުކުރެވޭނެކަމަށް އަސްކަރީ މުހައްލިލުން ދެކެއެވެ.

އެމެރިކާ މިހާތަނަށް ކޮށްފައިވާ ގިނަ ހަނގުރާމަތަކުން ކާމިޔާބު ލިބިފައެއް ނުވެއެވެ. ވިއެޓްނާމް ހަނގުރާމައިގާ ނާކާމިޔާބު ވުމާއި ތާލިބާނުން ބަލި ނުކުރެވުމާއި ސޫރިޔާގައި ބައްޝާރު ވައްޓާލުމަށް އެމެރިކާ ނެރުނު ޖަމާއަތްތައް އިނދަޖެހިގެން ދިޔުމާއި އެމެރިކާ ފަހަތުގައި އޮވެގެން ސައޫދީން ލައްވައި ޔަމަންގައި ކުރުވާ ހަނގުރާމައިގާ ހޫޘީން ބަލިނުކުރެވުމާއި އިސްރާއީލަށް ހިޒްބުﷲ އާއި ހަމާސް ޖަމާއަތް ބަލިނުކުރެވުމަކީ އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ސަބަބުތައް ކަމަށް މުހައްލިލުން ދެކެއެވެ. އީރާނާ ދެކޮޅަށް އިސްވެ އެމެރިކާ ހަނގުރާމަ ފަށައިފިނަމަ އިރާގުގައި އައިއެސް ޖަމާއަތް ބަލިކޮށްލި ޙޝާދުއްޝަޢަބީ ފަދަ އިރާގުގެ ޝިޔަޢީ ހަނގުރާމަވެރި މިލީޝިޔާތައްވެސް އެމެރިކާއާ ދެކޮޅަށް ނުކުންނާނެކަމަށް ބެލެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖެނެރަލް ޖުވާނީ ވިދާޅުވީ އެމެރިކާގެ މިހާރުގެ ސަރުކާރާއެކު އީރާނުން ވާހަކަ ނުދައްކާނެ ކަމުގައެވެ. އީރާނުގެ އެތެރެ ގަޑުބަޑުކުރުމަށްޓަކައި ޓެރަރިސްޓުންނަށް އެހީވެގެން އީރާނުގައި ބޮންގޮއްވަން އެމެރިކާ ކުރި މަސައްކަތްތައްވެސް ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ބަޔާން ކުރެއްވިއެވެ. އަދި މިސާލަކަށް އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް އައިނަމަވެސް އިގްތިސާދީ ގޮތުން އީރާން އިނދަނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުގެ ހަމަލާ ދީފާނެކަމަށް ބުނެ އީރާނަށް ބިރުދައްކުމަށާ އަދި މެދުއިރުމަތި ހަލަބޮލި ކުރުމަށްޓަކައި ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ އަބްރަހަމް ލިންކޮން އާއެކު އެމެރިކާ ސިފައިންގެ ބޮޑު ފްލީޓެއް ގަލްފުގެ ސަރަހައްދަށް ފޮނުވާފެއެވެ. މި ފްލީޓް ސުވޭސް ކެނެލް އާއި ރަތްކަނޑު ހުރަސްކޮށް ގަލްފާ ދިމާއަށް ދަތުރުކުރާއިރު ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތައް ވަނީ ގަތަރުގައިވާ އެމެރިކާގެ ވައިގެ މަރުކަޒު ކަމަށްވާ އީދީދް ވައިގެ ބޭހަށް ޖައްސާފައެވެ.

މީގެއިތުރުން ގަލްފުގެ ތެލުގެ މަރުކަޒުތަކަށް އީރާން ދީފާނެ ކަމަށް ބެލެވޭ މިސައިލް ހަމަލާތައް މައިތިރި ކުރުމަށްޓަކައި ސައޫދީ އާއި ޔޫއޭއީގައި ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުތައް ރުކުރުވާލާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރުގެ ބަދަލުގައި ޕެންޓަގަން ހިންގުމާ ހަވާލުވެ ހުންނެވި ޕެޓްރިކް ޝެނަހާންވަނީ ވިދާޅުވެފައެވެ. ނަމަވެސް ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމަކީ ކާމިޔާބު އެއްޗެއް ނޫންކަން މިހާތަނަށް ކޮށްފައިވާ ތަޖްރިބާތަކުންވަނީ ހާމަވެފައެވެ. ތުރުކީވެސް ރަޝިޔާގެ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ގަތީ އެމެރިކާއިން އުފައްދާ ޕެޓްރިއޮޓް މަރުކާގެ ނިޒާމުގެ ފެންވަރު ދަށްކަމުންނެވެ.

އެމެރިކާގެ ހަރުކަށި ބޭފުޅެއް ކަމަށްވާ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ދާދިފަހުންވަނީ އީރާނަށް ބިރުދައްކަވައި ހަނގުރާމައިގެ އިންޒާރުތައް ދެއްވާފައެވެ. މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ގޯނާއެއްކޮށްފިނަމަ އީރާނަށް ވަރުގަދަ ރައްދެއް އީރާނަށް ދޭނެކަމަށް ބޯލްޓަން ވިދާޅުވިއެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ވިސްނުން ގެންގުޅުއްވާ ބޯލްޓަންއަކީ ހަނގުރާމައަށް ބެރުޖައްސަވާ އަދި އީރާނާ އެމެރިކާ ކުރިމަތިލުމަކަށް ގެންދާން ބޭނުންވާ ބޭފުޅެކެވެ. އެއަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ކުއްލި ގޮތަކަށް ވަޑައިގެން އިރާގަށްވެސް ވަނީ އީރާނަށް ބިރު ދައްކަވާފައެވެ.

ޕޮމްޕެއޯ އަކީވެސް ފިނި ހަނގުރާމައިގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާ ސީއާއިއޭ އާއި ކޮންގްރެސް އާއި ސިފައިންގެ އިސް ފަރާތްތައްފަދަ އެމެރިކާގެ ޑީޕް ސްޓޭޓް އޮތީ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިގެން ކުރިމަތިވާނެ ރިކްސްތައް ނަގާގޮތަކަށް ނޫނެވެ.

އީރާނަށް އިސްވެ ހަމަލާ ނުދިނުމަށް ސީއައިއޭން ޕެންޓަގަން އަށް ލަފާދީފައިވާ ކަމަށް ނަންހަމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ. އީރާނަށް އިސްވެ ހަަމަލާދޭން ޖެހޭ ސަބައެއް ނެތްކަމަށާ އެއީ އެމެރިކާއަށް މަސްލަހަތު ހުރިކަމެއްނޫންކަން ސީއައިއޭން ޓްރަމްޕްގެ ސަރުކާރަށް ސިއްރިޔާތުގައި އަންގާފައިވާ ކަމަށް އެމެރިކާގެ އެ މަސްއޫލުވެރިޔާ ވިދާޅުވި ކަމަށް ޚަބަރުތައް ބުނެއެވެ. ވެނެޒުއެލާއަށްވެސް އެމެރިކާ ވަދެނުގަތީ އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތައް އެކަމަށް ދެކޮޅު ހެދުމުން ކަމަށް ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ވައްޓާލުމަށް ޓަކައި އެގައުމަށް އަރައިގަންނާނެ ކަމުގެ އިންޒާރުވެސް އެތަށް ފަހަރަކު ދެއްވާފައެވެ. ނަމަވެސް އެކަންކުރަން އެމެރިކާއަށް ނުކެރިއޮއްވައި ރަޝިޔާ ވަނީ އެގައުމުގެ އަސްކަރީ މުސްތަޝާރުންނާއި ބަރުހަތިޔާރު ވެނެޒުއެލާއަށް ފޮނުވައި މަދޫރޯގެ ސަރުކާރުގެ ހިމާޔަތުގައި ފިޔަވަޅުތަކެއް އަޅާފައެވެ.

އީރާނަށް އެމެރިކާ ބިރު ދައްކަމުން ގެންދާތާ 40 އަހަރު ވީއިރުވެސް އީރާނަށް އެއްވެސް ހަމަލާއެއް ދޭން އެމެރިކާއާށް ކެރިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް