ރޫހު އަފްޒާ ނުލިބި އިންޑިއާ މުސްލިމުންގެ ރޫހު މަރުވެފައި

އިންޑިިއާގެ މަގުމަތީ ސްޓޯލެއްގައި ރޫހް އަފްޒާ ގިރައިގެން ވިއްކަނީ: ރޫހު އަފްޒާއަކީ އިންޑިއާ މުސްލިމުންނަށް ރޯދަ މަހު ހާއްސަ ބުޔުމެއް. -- ފޮޓޯ/ އަލްޖަޒީރާ

ނަމުގައި ބުނާހެން "ރޫހު އަފްޒާ" އަކީ ހަމަ ހަގީގަތުގައި ވެސް އިންސާނާގެ ރޫހަށް ތަރޯތާޒާކަން ގެނެސްދޭ ބުއިމެކެވެ. އިންޑިއާގެ ގިނަ މުސްލިމުންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ރޫހު އަފްޒާއަކީ ހާއްސަކޮށް ރޯދަމަހު އެ މީހުންގެ ވަރަށް ހާއްސަ ބައިވެރިއެކެވެ. މިއީ އާންމުކޮށް ދިވެހިން މި ބޭނުން ކުރާ، ރޯސިރަޕް ނޫނީ ފިނިފެން ޝަރުބަތު އާއިލާގެ ވައްތަރެކެެވެ. ނަމަވެސް މި ރޯދަ މަހު އިންޑިއާގެ މުސްލިމުންގެ އެންމެ ބޮޑު ޝަކުވާއަކީ ރޫހު އަފްޒާ ބޭނުންވާ ވަރަށް ނުލިބުމެވެެ. ތަދު އެއްޗަކަށް މާކެޓްގައިވުމެވެ.

"ރޫހު އަފްޒާ ލިބޭތޯ އަހަރެން ދިޔައިން 10 ފިހާރައަށް. ކޮންމެ ތަނަކުން ވެސް ބުނީ އެއެއް ނުލިބެއޭ މިހާރު. މިއޮށް ފަދަ ހޫނުގައި ވެސް މިހާދުރަަށް އަހަރެން މިއައީ ހަމަ މިފިހާރައިން ރޫހް އަފްޒާ ލިބޭތޯ." ރޫހް އަފްޒާ އުފައްދާ ތަނެއްގެ ބޭރުގައި ހުރެ، އުމުރުން 45 އަހަރުގެ ޝައިސްތާ ބުންޏެވެ.

ރަމަޟާން މަހު އިންޑިއާގެ މުސްލިމުން ރޫހުއަފްޒާ އަށް ޖެހިފައިވާ އިރު މިއީ އެމީހުންނަށް ގަބޫލުކުރަން ވެސް ދަތިވި ކަމެކެވެ. ރޫހު އަފްޒާއަކީ އިންޑިއާ މުސްލިމުންގެ ރޯދަ ސުފުރާގެ އެންމެ ހާއްސަ ބައިވެރިޔާ އެވެ.

"ރޫހު އަފްޒާއަކީ ކޮންމެހެންވެސް ރޯދަ ވީއްލަން ހުންނަން ޖެހޭ އެއްޗެއް. އެތަކެއް ޒަމާނެއް ވެއްޖެ ރޯދަވީއްލާއިރު ރޫހު އަފްޒާ ކިރަށް ނުވަތަ ފެނަށް އަޅައިގެން ބޯތާ. ކޮންމެ މީހަކު ވެސް ފުރަތަމަ ރޯދަ ވީއްލަން ބޭނުން ވަނީ ރޫހު އަފްޒާއިން،" ޝައިސްތާ ބުންޏެވެ.

ބައެއް މީހުން ބުނީ ރޫހު އަފްޒާ ގަންނަން ނުލިބިގެން މިހާރު އޭގެ ބަދަލުގައި ބޮނީ ލުނބޯހުތު ފަނި ކަމަށެވެ.

ރޫހު އަފްޒާ. މި ބުއިން އިންޑިއާގެ މާކެޓުން ލިބުނު ވަނީ ދަތިވެފައި---

ރޫހުއަފްޒާ ހޯލްސޭލްކޮށް ޑިސްޓްރިބިއުޓްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތްތަކުން ބުނީ ރޫހު އަފްޒާ ބާޒާރަށް ނެރެވޭ ވަރު މި އަހަރު 50 ޕަސެންޓް ދަށްވެފައިވާ ކަމަށެވެެ.

ރޫހު އަފްޒާއަކީ 110 އަހަރުގެ ދިގު ތާރީހެއް އޮއް ބުއިމެކެވެ. އެ ބުއިމުގެ ފެށުމަކީ، 1906 ވަނަ އަހަރު ހަކީމް އަބްދުލް މަޖީދު ކިޔާ ބޭސްވެރިއަކު އުފެއްދި ބުއިމެކެވެ. ބޭނުމަކަށް ވެފައި އޮތީ، ހޫނު މޫސުމުގައި ހީޓް ސްޓްރޯކުން ސަލާމަތްކޮށްދީ ހަށިގަނޑުު ތާޒާކޮށް ފިނިކުރާނެ ބުއިމެއް އުފެއްދުމެވެ.

ޕާކިސްތާނު 1947 ވަނަ އަހަރު އުފެދުނު ނަމަވެސް ރޫހު އަފްޒާގެ ބާނީ ހަކީމް އާއި އޭނާގެ ދެ ދަރިން އިންޑިއާގައި މަޑުކުރި އެވެ. ނަަމަވެސް އޭނާގެ އާއިލާގެ ބައެއް މީހުންނާއި ފިރިހެން ދަރިއަކު ޕާކިސްތާނަށް ބަދަލުވެ ވަނީ ރޫހު އަފްޒާ އެގައުމުގައި ވެސް އުފައްދަން ފަށައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރޫހު އަފްޒާ މާކެޓުގައި ތަދުއެއްޗަކަށްވެ، ރަނަށް ވެގެން އުޅެނީ އެ ބުއިން ތައްޔާރު ކުރާ ކުންފުނީގެ އާއިލާގެ މެދުގައި އުފެދުނު ކޯޅުންގަނޑަކާ ހެދި އެވެ.

ނަަމަވެސް އިންޑިއާގެ ހަމްދަރުދު ކުންފުނީގެ ބައެއް އޮފިޝަލުން ބުނީ އެ ބުއިން މާކެޓްއަށް ނުނެރެވިގެން އުޅެނީ ރޫހުއަފްޒާ އުފައްދަން ބޭނުންވާ ބައެއް ތަކެތި ގަންނަން ލިބުމުގައި ދަތިތަކެއް ދިމާވެގެން ކަމަށެވެ.

އިންޑިއާގައި ރޫހު އަފްޒާ ލިބުން ދަތިވެ އެކަމުގެ ހަބަރު ޕާކިސްތާނުގެ ކުންފުންޏަށް ލިބުމާ އެކު، އެ ކުންފުނިން ބުނީ ރޫހު އަފްޒާ އިންޑިއާގެ މާކެޓްއަށް ސަޕްލައިކުރަން ތައްޔާރު ކަމަށެެވެ. ނަމަވެސް ޕާކިސްތާނާއި އިންޑިއާއާ ގުޅުން ގޯސްވެ ދެގައުމުގެ ވިޔަފާރީގެ ގުޅުންތައް ހުއްޓިފައިވާތީ މިއީ ވުމަށް ވުރެ ނުވުން ކައިރިކަމެކެެވެ. -- އަލްޖަޒީރާ

comment ކޮމެންޓް