ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (2)

ކަންތައްތައް ދަސްކުރުމުގައި ގިނަ ވަގުތު އަހަރެން ހޭދަކުރީ ޒުބައިދާ އާއެކުގައެވެ. ރޭގަނޑުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު އަހަރެންގެ ހަށިގަނޑަށް ވެސް ހިސާބެއްގެ ލޮޑުކަމެއް އިޙްސާސްކުރެވުނެވެ. އަހަރެމެންނަށް ޙާއްސަ ކުރެވިފައިވާ ބަޔަށް ދިޔައީ ޒުބައިދާއާ އެކުގައެވެ. ޒުބައިދާ އަހަރެން ކޮޓަރިއަށް ލާފައި ދިޔުމުން އަހަރެންވެސް ފުރަތަމަ ގޮސް އެނދުމަތީގައި ޖައްސާލީމެވެ. އެއަށްފަހު އަހަރެންގެ އެއްޗެހި އަޅާފައި ހުރި އަލަމާރި ކައިރިއަށް ގޮސް ހުޅުވާލީމެވެ. އަހަރެން ގެނައި ހަތަރު ހެދުން އަޅުވާފައި ހުއްޓެވެ. އެތަނުން އަހަރެން ނިދަން ހެދުމެއް ނެގީމެވެ. އަދި ފާޚާނާއަށް ވަނީ ނިދުމުގެ ކުރިން ތާޒާ ވެލުމަށެވެ.

*****

އެގޭގައި ހަފްތާއެއް ފާއިތުވެގެން ދިޔައިރު ޒުބައިދާ ދައްތަގެ ފަރާތުން އަހަރެން ވަރަށްގިނަ ކަންތައްތައް ދަސްކުރީމެވެ. ގޭގެ އުސޫލުތަކާއި ޤަވައިދުތަށް ވެސް ދަސްކުރީމެވެ. ގޭގެ އެހެން ނޯކަރުންވެސް ޒުބައިދާއާ މުޚާތަބް ކުރަނީ ޒުބައިދާ ދައްތައޭ ކިޔާ ކަމުން އަހަރެންވެސް މިހާރު އެގޮތަށް ހޭނިއްޖެއެވެ. އަހަރެން ހީކުރިގޮތާ ހިލާފަށް ޒުބައިދާ ދައްތަވީ ހުރިހާ ނޯކަރުންނާވެސް ގުޅާ މީހަކަށެވެ. ގޭގެ އުސޫލުތައް ދަސްވަމުން ދިޔަވަރަކަށް އަހަރެންނަށް ހައިރާންކަން ވެރިވެގެންދިޔަ ނަމަވެސް މަޑުމަޑުން އެކަންތަކަށް ހޭނެމުންދިޔައެވެ. އެގޮތުން ރޭގަނޑު އެގާރައިގެ ފަހުން ގޭގެ ނޯކަރުންނަށް ވެސް ބޭރަށް ނުކުމެ އުޅުން މަނަލެވެ. ރޭގަނޑު ދިހަގަޑި ބައިގެ ފަހުން ބޭރަށް ދިޔުން އެގޭގެ ހުރިހާ އެންމެންނަށް ވެސް އޮންނަނީ މަނާކޮށްފައެވެ. ހެނދުނުގެ ސައި އަށެއްޖަހާއިރު ތައްޔާރުކުރަން ޖެހެނީ އޮފީހަށް ދާ މީހުން އުޅޭތީއެވެ. އެމީހުންގެ އަމިއްލަ އޮފީހަކާ ކުންފުންޏެއްކަމުން ހުޅުވާ ރަސްމީ ގަޑިއަކީ އަށްގަޑިބަޔެވެ. މެންދުރުގެ ކެއުން އަބަދުވެސް ފަށާ ގަޑިއަކީ ދެއެއްޖަހާއިރުއެވެ. ރޭގަނޑުގެ ކެއުން ބަރާބަރު އަށްގަޑިބަޔަށް ތައްޔާރުކުރަން ޖެހެއެވެ. ހަވީރު ސައި ތައްޔާރުކުރަން ޖެހޭގަޑިއަކީ ހަތަރުގަޑި ސާޅީސްފަހެކެވެ. މިހާ ބޮޑު އުސޫލުތަކަކާ ޤަވައިދުތަކެއް ގެންގުޅޭ ޝާހީބަޔަކަށް ވީތީ އަހަރެން ހީކުރީ މި މީހުންނަކީ ދީނީ ކަންތަކަށް އެހާ ފަރުވާބަހައްޓާ ބައެއްނޫންކަމަށެވެ. އެހެންނަމަވެސް އެއީ އަހަރެންނަށް ކުރެވުނު ކުށްހީއެކެވެ. ފަތިސް ނަމާދުން އަންނަން ވާއިރަށް ކޮފީ ތައްޔާރުކޮށްގެން ޓެރެސްއަށް ގެންދަން ޖެހެއެވެ. އެވަގުތަކީ ގޭގެ ފިރިހެން ވެރިން ސައްލާކުރަން ޓެރެސްގައި ތިބޭ ވަގުތުކޮޅެކެވެ. ވިއްސާރައަކަސް އެފަދައެވެ. ވިއްސާރަރޭރޭ ތިބެން ވެސް ތަނެއް ހިޔާކޮށްފައި އެމީހުން ހުރެއެވެ.

ކުރާ ކޮންމެ ކަމެއްގައި ފަރުވާތެރިވާން ޖެހެއެވެ. ގޭގައި ހުންނަ ކާތަކެތި ކެއުމަކަށް އަހަރެމެންނަށް މަނައެއް ނޯވެއެވެ. ދީލަތިވެސް ބަޔެކެވެ. ކޮންމެ ހަފްތާއެއްގެ ކޮންމެ ދުވަހެއްގެ ކޮންމެ ކާ ގަޑިއަކަށް ތައްޔާރުކުރަންޖެހޭ ލިސްޓެއް ހަފްތާ ފެށުމުގެ ކުރިން އަލްމަޢިއްޔާ ޒުބައިދާ ދައްތައަކަށް ދޭނެއެވެ. އަހަރެމެން އެއްޗެހި ހަދަންޖެހޭނީ އެއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެހެންނަމަވެސް އަހަރެންނަށް ފާހަގަވި ވަރަށްބޮޑު ކަމެއް އެބައޮތެވެ. ބައެއްފަހަރު ބޮޑާ ގޮތެއް ބައެއް މީހުންގެ ގައިގައި ހުރެއެވެ. ހާއްސަކޮށް ކަމެއްގައި ގޮތް ނިންމަންޖެހޭ ފަދަ ހާލަތްތަކުގައެވެ.

އަހަރެން އެނދުގައި ޖައްސާލީ ނިދޭތޯއެވެ. އެހެންނަމަވެސް އަހަރެންގެ ލޮލާ ނިދިވަނީ އެތަސް ހާސްމޭލެއްގެ ދުރުގައެވެ. ހިތްގައިމުކަމާއި ޝާހީކަމާއި ހައިބަތު ހުރިބައެއްކަން އެމީހުންގެ ކޮންމެ އާދައަކުންވެސް އެ ދަނީ ސާބިތުކޮށްދެމުންނެވެ. އެމީހުންގެ ތެރޭގައި އަހަރެމެން ފަދަ ނިކަމެތިކުދިންނަށް އުޅެވިދާނެހެއްޔެވެ؟ އަހަރެންގެ ހިތުގައި ފުރަތަމަފަހަރަށް ސުވާލުއުފެދުނެވެ. އެހެންނަމަވެސް މަޑުމަޑުން އެ ހުރިހާކަމަކަށް އަހަރެންގެ ނަފްސުހޭނެމުން ދާކަން ޚުދު އަހަރެންނަށްވެސް އެނގެއެވެ.

ހަވީރުގެ ސައި އަބަދުވެސް އެމީހުން ބާއްވަނީ ގޭގެ ބިއްދޮށުގައިވާ ބަގީޗާގައެވެ. ކާމޭޒު ބަހައްޓާފައި ގޮނޑިތައް ވަށައިގެން ހުންނައިރު މޭޒު ހުންނަތަން ވަކިކޮށްފައިވަނީ ހަތަރެސްކަނަށް އެއްވަރަށް ކޮށާފައިވާ ފިތުރޯނު ގަސްތަކަކުންނެވެ. އަހަރެންނާ ޒުބައިދާ ދައްތަގެ އިތުރުން އެހެން ކުއްޖަކު ކާމޭޒުމަތި ތައްޔާރުކުރަމުން ދިޔައީމެވެ. މިއަދަކީ ވަރަށް ހާއްސަ ދުވަހެކެވެ. އެހެން ދުވަސްދުވަހަށް ވުރެ ގިނައިން މިއަދު ކާއެއްޗެހިވެސް ތައްޔާރުކުރަން ޖެހުނެވެ. މިއަދަށް ޚާއްސަކޮށް އަލްމަޢިއްޔާވަނީ އަހަރެމެން އަތަށް ތައްޔާރުކުރަންޖެހޭ އެއްޗެހީގެ ލިސްޓެއް ވެސް ދީފައެވެ. އެކަމާ އަހަރެން ޒުބައިދާ ދައްތައާ ސުވާލުކުރީމެވެ.

"އަމްލަޢިއްޔާ މެޑަމްގެ މާމަ ދަރިން މިއަދު އަތުވެއްޖެ" ޒުބައިދާ ދައްތަ ވަރަށް ކުރުކޮށް ޖަވާބުދިނެވެ. އަހަރެން އެހެންހޭ އަހާލީ ހިސާބަކަށް ހައިރާންވެފައެވެ. ގޭތެރެ މީގެ ތިންދުވަސް ކުރިން ފޮޅާ ސާފުކުރަން ފެށީ އެހެންވެހެއްޔެވެ؟ މިގޭގައި އުޅޭއިރުވެސް އެކަން އަހަރެންނަށް ރޭކާނުލިއެވެ.

އަހަރެންގެ ނަޒަރު ހުއްޓުނީ ފަތާ ފެންގަނޑުގެ ފުރަގަހުން ފެންނަން ހުރި ކުޑަ ދޮރަށެވެ. އެއީ އަހަރެންގެ ކޮޓަރީގެ ދޮރެވެ. އަހަރެންގެ ކޮޓަރީގެ އިތުރުން ދެން ހުރި އެހެން ހުރިހާ ކޮޓަރިއެއްގެ ކުޑަދޮރުތައްވެސް ހުރީ ލައްޕާލާފައެވެ. މޭޒުމަތި ތައްޔާރުކުރެވިއްޖެއެވެ. ޒުބައިދާ ދައްތަގެ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލީމެވެ. ބިއްދޮށުގައި ހުރި ބޮޑު ދޮރުން ގޭގެ ހުރިހާ އެންމެން ނުކުންނަން ފަށައިފިއެވެ. ގަޑިން ހަތަރު ގަޑި ސާޅީސްފަހެއް ހިނގަނީއެވެ. ހަވިރު ސައި ފަށާ ގަޑިއަކީ ފަސްގަނޑި ސުން މިނެޓެވެ. ހުރިހާ އެންމެން އައިސް އެމީހަކަށް ހާއްސަ ކުރެވިފައިވާ ތަނުގައި އިށީނެވެ. އެހެންނަމަވެސް އަދި އަހަރެންގެ ލޮލުގައި ޒުބައިދާ ދައްތަ އެ ބުނާ ފިރިހެން ކުއްޖަކު އަޅައެއް ނުގަނެއެވެ. އެހެންކަމުން އަހަރެންނަށް އިރުއިރު ކޮޅަކާ ބިއްދޮށުގެ މައި ދޮރާ ދިމާލަށް ވެސް ބަލާލެވެއެވެ. މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އަހަރެންގެ ލޮލުގައި ޖާނުން ވަރުގަދަ ޒުވާން ދެ ފިރިހެން ކުދިން އަޅައިގަނެއްޖެއެވެ. އެ ފުރިހަމަކަމާއި ރީތިކަމުގެ ސަބަބުން އަހަރެން އާޝާހުވެއްޖެއެވެ. ހިނގުމުގައި ވެސް އެހާ ފިރިހެންވަންތައެވެ. މީގެ ކުރިން އަހަރެންނަށް ފެންނަ އެހެން ޒުވާނުންނާ ތަފާތު ރީތިގޮތެއް އެ ދެ ޒުވާނުންގެ ގައިގައި ހުއްޓެވެ. އަހަރެންނަށް ކަޅި ޖަހާނުލާ ބެލެން ފެށުނެވެ. ހިންދިރުވާލެވުނެވެ.

އެއްޒުވާނަކު ލާފައި ހުރީ ކަޅުކުލައިގެ އަތްދިގު ގަމީހަކާ ކަޅު ޖީންސްއެކެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުކަން ގަދަވެފައި ވަރުގަދައެވެ. އެއްވެސް އައިބުކަމެއް ނެތް ފުރިހަމަ މޫނެކެވެ. އެ ޒުވާނާއަށް ވުރެ ބޮޑަށް އަހަރެންގެ ނަޒަރު ހުއްޓުނީ އަނެއް ޒުވާނާއަށެވެ. ނޫކުލައިގެ ގަމީހެއް ލައިގެން ހުރިއިރު ލާފައިހުރީ ކަޅުޖީންސްއެކެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހަދާލާފައި ވާއިރު ތުނިކޮށް ފަޅަން ފަށާފައި ހުރި ތުނބުޅީގެ ސަބަބުން އޭނާގެ މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އަޅާލާ ކޮންމެ ފިޔަވަޅަކުން އެޒުވާނާގެ ފިރިހެންވަންތަކަން އަހަރެންނަށް ފާހަގަކުރެވެމުންދިޔައެވެ.

"ކުރިއަށް އެ ހުރީ ޖުނާން، ދެން އެހެރީ އަމަން" އަހަރެންގެ ހިތުގައި ތަފާތު ޝުއޫރުތައް ހިނގަމުން ދަނިކޮށް އަހަރެން ހަމަބިމަށް ގެނުވީ ޒުބއިދާ ދައްތަގެ އަޑެވެ.

އެތަނުންފަހަތުގައި ހުރި ޒުވާނާ، ޒުބައިދާ ދައްތަ ބުނި ގޮތުންނަމަ އަމަން، އަހަރެންނާ ދިމާލަށް ބަލާލީ އަހަރެން އެ ދިމާލަށް ބަލަން ހުއްޓައެވެ. އަހަރެންގެ ނޭވޭ އެތެރެހަށީގައި ތާށިވިއެވެ. އެޒުވާނާ ހިނިތުންވެލިތަން ފެނި އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ހިންދިރުވާލުމެވެ. އަހަރެން ހީކުރީ އޭނާ ހިނިތުންވީ އަހަރެންނާ ދިމާލަށް ކަމަށެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއެއްނޫނެވެ. އެ ޒުވާނާ ހިނިތުންވެލީ ޒުބައިދާ ދައްތަ ފެނިގެންކަން އަހަރެންނަށް އެނގުނީ ޒުބައިދާ ދައްތަ އަތުން އަވަހަށް ދާށޭ ބުނެ އިޝާރާތް ކޮށްލުމުންނެވެ. ވަގުތުން އަހަރެން ލަދުން ފެންވެރުނެވެ. އަހަރެންގެ މޫނުމައްޗަށް އަރާފައި ހުރި ލަދުވެތި ކުލަވަރު ފޮރުވަން މަސައްކަތް ކުރީމެވެ. މީހާގެ ނަފްސު ހަމައަކަށް އަޅުވާލަން މަސައްކަތް ކުރީމެވެ.

ސައިބޮއިގެން ތަށިތައް ނެގުމުގައި ޒުބައިދާ ދައްތައާއި އަހަރެންގެ އިތުރުން ހަރަކާތްތެރިވަމުން ދިޔައީ ނޭޕާލް އަންހެން ކުއްޖެއް ކަމަށްވާ އެލީއެވެ. އެގޭގެ އުސޫލެއްގެ ގޮތުން ކާއެއްޗެހި ތައްޔާރު ކުރުމަށްފަހު ގޭގެ މީހުންނަށް ނެގުމަށްގަހު އަހަރެމެން އެންމެނަށް ވާރަށް ކާއެއްޗެހި ނަގާ އަހަރެމެން ބައިގެ ކައްކާ ބަޔަށް ގެންދަމެވެ. މިއަދު ހަވީރުގެ ސަޔަށް ގިނަ އެއްޗެހި ހެދީތީ ބައެއް އެއްޗެހި ގިނަވެސް ވިއެވެ. އެބައިވެސް އުކާލުމުގެ ބަދަލުގައި އަހަރެމެން ބަޔަށް ގެންދިޔައީމެވެ.

ގޭގައި އަހަރެމެންނަށް ވެސް މިނިވަންކަން އޮވެއެވެ. ގޭގެ މީހުންނަށް އުނދަގޫ ނުވާގޮތަށް ހުސްވަގުތު ތަކުގައި ބަގީޗާތެރޭގައި އުޅެވެއެވެ. ބޭނުން ގަޑިއަކު ބޭރަށް ގޮސް އައިސް ވަދެވެއެވެ. އަހަރެން ބަގީޗާއަށް ނުކުމެލީމެވެ. ހިންހަމަޖައްސާލުމަށެވެ. އަހަރެންގެ ހަށިގަނޑުގައި ބީހިލިތާޒާ ވައިރޯޅިން އަރާމުވިއެވެ. ގަސްތަކުގެ ތެރޭގައި ހުރެވުމުން ނަފްސަށް އާދަޔާޚިލާފް ހިންހަމަޖެހުމެއް ލިބުނެވެ. ޖެހެމުންދިޔަ ތާޒާ ވައިރޯޅިތަކުން އަހަރެންގެ ބުރުގާވެސް ވަޔާ ސަކަރާތްޖަހަމުން ދިޔައެވެ. ތުންފަތްމަތީގައިވި ހިނިތުންވުމާއެކު މިނިވަން ކޮކާލެއްހެން އަހަރެން ފިނިފެންމާ ގަސްތައް ކައިރީގައި އުދުހެމުން ދިޔައީމެވެ. އެކި ކަހަލަ މާތަކުން ވަސްބަލަމުން ދިޔައީމެވެ. މާ ގަސްތަކުގެ ތެރޭގައި އަހަރެންނަށް އެނބުރިލެވުނެވެ.

އެތައްއިރަކު އަހަރެން އެހެން އެކަނިމާއެކަނި ސަކަރާތް ޖަހަން ހުރީމެވެ. އޭރު ހިނދެއް ހިނދަކަށް ވައިގަދަވަމުން ދިޔައެވެ. ވިލާތަށް އުޑުމައްޗަށް އެއްވެ އެކަތި އަނެކެއްޗާ ގުޅި ލާމެހިގެން ދާން ފަށައިފިއެވެ. ފަޒާ ހިސާބަކަށް ބަނަކޮށްލައިފިއެވެ. އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. އެހެން އުޅެނިކޮށް ވާރޭ ކަނި ތަޅަން ފަށައިފިއެވެ. އަހަރެންއުޑުމައްޗަށް ބަލަން ހުރީމެވެ. ވާރޭގެ ބޮޑެތި ތިކިތައް އަހަރެންގެ ގައިގައި ބޮސްދޭން ފެށީއެވަގުތެވެ. އަހަރެންނަށް ދެންވެސް ވާރޭގެ ތެރޭގައި އެނބުރިލެވުނެވެ. ލޯ މަރާލައިގެން ހުރެ އަހަރެން އަމިއްލަ ދުނިޔޭގައި އުފާ ފާޅުކުރަމުން ދިޔައީމެވެ. އެއްލި ކަޅިއަކުން ގޭގެ ފެންޑާއާ ދިމާލުން ބިއްދޮށަށް އާދެވޭ ގޮތަށް ހިޔާކޮށް ގާޖަހާފައިވާ ތަނުގައި ހުރި ޒުވާނާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ އަމަންއެވެ. ވަގުތުން އަހަރެންގެ ހަރަކާތްތަކަށް މަޑުޖެހުމެއްއައެވެ. ދެކޯތާފަތަށް ވެރިވި ޖަންބުކުލަ އެހާދުރުން ވެސް އަމަންއަށް ފާހަގަވާނެކަންނޭނގެއެވެ. އަހަރެން ހިންދިރުވާލީމެވެ. އަދި އަނެއްފަރާތަށް އެނބުރިލީމެވެ. އަހަރެންނަށްވީ ގޮތުން އަމަންގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލަން ކިތަންމެ ބޭނުންވިޔަސް އެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. ކުޑައިރަކު އަހަރެން އެހެން ހުރެފައި ފަހަތަށް އެނބުރިލީމެވެ. އެހެންނަމަވެސް އަމަން އެއް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއްލާ އަހަރެން ދާންވެގެން ހިނގައިގަތީމެވެ. ބިއްދޮށު ދޮރުކައިރީގައި އަހަރެން އިރުކޮޅަކު މަޑުކޮށްލީ އެކީ ތެމި ފޯވެފައި ހުރުމުންނެވެ. އަހަރެން ހިނގާފައި އެތެރެއަށް ވަދެގެން ދާނަމަ މުޅި ގޭތެރެއަށް ފެންއެޅޭނެއެވެ. މުޅި މި ހިސާބު ފޮޅާ މޮޕް ކުރީ އަދި ދެންމެއެވެ. އެހެންކަމުން އެއްވެސް މީހަކަށް އިތުރު އުނދަގުލެއް ޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެހެން ހުންނަންވުމުން އަހަރެން ހީކަރުވާގޮތް ވިއެވެ. ކޮންމެވެސް ވަރަކަށް ހިކުމުން އަހަރެން ބާރުބާރަށް އެތެރެއަށް ވަދެގެން ދިޔައީމެވެ. ގޮސް ފެންވަރާ ތާޒާ ވެލައިގެން ނުކުތްތަނާ އަހަރެންނަށް ފުލުފުލުގައި ދެތިން ކިނބިހި އެޅުނެވެ.

އަހަރެން ކުޑަދޮރު ކައިރިއަށް ގޮސް ދޮރު ހުޅުވާލީމެވެ. އޭރު ވާރޭ ވެސް އޮތީ ހުއްޓާލާފައެވެ. އަހަރެންނަށް ދެންމެ ވީ ކަންތައް ހިތަށް އެރުމުން އަމިއްލައަށް ހުރެ ހީލެވުނެވެ. ލަދުވެތިކަމުގެ ފަރުދާއަކުން އަހަރެންގެ މުޅިހަށިގަނޑު ހިސާރުކުރަމުން ދިޔައެވެ. މިވަނީ ކިހިނެތްހެއްޔެވެ؟ އަހަރެން އަމިއްލަ ނަފްސާ ސުވާލުކޮށްލީމެވެ. އަހަރެންގެ ލޮލުގައި ގަސްތަކުތެރޭ ހުރި އަމަން އަޅައިގަތީ ދެނެވެ. އޭނާގެ ނަޒަރު އަހަރެންނާ ދިމާލަށް ހުއްޓުމާއެކު އަހަރެންނަށް ވީގޮތް ނޭނގުނެވެ. ބުރުގާ ނާޅާ ހުރެވުނުކަން ހަނދާންވީ ވެސް ދެނެއެވެ. އަވަސް އަވަހަށް ކުޑަދޮރު ލައްޕާލަމުން މޭގައި އަތް އަޅާލީމެވެ. ދެންމެވީ ކަމަކުން އަދި އަމްދުން އަހަރެންނަށް ދެން އަމަންގެ ކުރިމައްޗަށް އަރާކަށް ނުކެރެނޭއެވެ. އަހަރެން ކުޑަދޮރުގައި ލެނގިލައިގެން ހުރިއިރު ހިތް ތެޅެމުން ދިޔަލެތް ބާރުކަމުން ކުރާނެ އިތުރުކަމެއް ނޭނގުނެވެ. އަނެއްކާވެސް އަހަރެންނަށް ކިނބިހި އެޅެން ފެށުނެވެ. ނޭފަތަށް އުނދަގޫވިއެވެ. ހިސާބަކަށް ނޭފަތް ބެދޭ ފަދަގޮތެއް ވެގެންދިޔައެވެ.

ތުވާލިގަނާ އަހަރެން ބޯ ހިއްކަން ފެށީމެވެ. އޭރު ހަމަ ރަނގަޅަށްވެސް އަހަރެންގެ ނޭފަތް ބެދިއްޖެއެވެ. ބޯ ހިއްކާލުމަށްފަހު އެނދުމަތީގައި އޮށޯވެ އަހަރެން ދެލޯ މަރާލީމެވެ. ނިދާކަށް ނޫނެވެ. އަރާމުކޮށްލާށެވެ. އެހެން އޮއްވާ ބަންގި ގޮވާ އަޑު އިވުމުން އަހަރެން ތެދުވެ ނަމާދުކޮށްލީމެވެ. ޤުރުއާން ކިޔަވާލުމަށްފަހު އަހަރެން އިޝާނަމާދުވެސް ކޮށްލީމެވެ.

އެއަށްފަހު އަހަރެން ދިޔައީ ކާންހަދަން ޖެހޭތީއެވެ. އޭރު ބަދިގެބައިގައި ޒުބައިދާ ދައްތައާއި އެލީ އުޅެއެވެ. އަދި ސަމާވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެންވެސް ގޮސް އެހީތެރިވާން ފެށީމެވެ. ރޭގަނޑުގެ ކެއުމަށް ބޭނުންވާ އެއްޗެހި ތައްޔާރު ކުރުމަށް ހުރިހާއެންމެންވެސް އުޅެނީ ވަރަށް އަތްމަތި އަވަސްކޮށްލާފައެވެ. އަހަރެންގެ ނޭފަތް ވެސް ހުރީ ހިސާބަކަށް ރަތްވެފައެވެ. އަހަރެން ވާހަކަ ދައްކަން ހަމަ ފެށުމާއެކު ޒުބައިދާ ދައްތަ އަހަރެންނަށް ބަލާލިއެވެ.

"ރޯގާ ޖެހުނީތަ ކަނބުލޯ" ޒުބައިދާ ދައްތަގެ ވާހަކައަށް އަހަރެން ބޯޖަހާލީމެވެ. ހަދަން ހުރި ސެލެޑް ތަށި ހަދާ ނިންމާލުމަށްފަހު ޒުބައިދާ ދައްތަ އިނގުރުގަނޑެއް އައިސްއަލަމާރިން ނެގިއެވެ. ހޫނުހޫނުކޮށް ސައިތައްޓެއް ހެދިއެވެ. އިނގުނު މިކްސަރަށް އަޅާ އެ މުގުރާލިއެވެ. އެއަށްފަހު ސައިތައްޓަށް އެޅިއެވެ. އަދި އަހަރެންގެ އަތަށް ދީފައި އެ ބޯން އެދުނެވެ. އިނގުރު ސަޔަކީ އަހަރެންނަށް ވަރަށް ނުބައި އެއްޗެއްކަމުން އަހަރެން އަނގަޔަށް ގޮތެއް ހަދާލީމެވެ. ނުބޯންވެގެން ބަހަކާ ދެއްކީމެވެ.

"ބޯލާ. މާ ބޮޑަށް ސަކަރާތްވެއްޖެއްޔާ ކިހާދެރަ. މާދަމާއަކީ އަދި ހުކުރުދުވަސް" ޒުބައިދާ ދައްތަ ބުނެލިއެވެ. އަހަރެން ފޫހިވެފައި ހުރެ ކޯވަރެއް ދަމާލީމެވެ. އަނެއްކޮޅުން ޒުބައިދާދައްތަ އެވަރަކުން ސައިތަށި ހެދުމުން އުކާލާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ. އެއާއެކު ޒުބައިދާދައްތަ ހީލިއެވެ. ފަހަރަކު އެތި ކޮޅެއް ބޮމުންބޮމުން ގޮސް އަހަރެން އެ ޖޯޑު ހުސްކޮށްލީމެވެ. އޭރު އަހަރެންގެ އަނގައަށް ވަނީ ނުބައި ވައްތަރެއް ޖައްސާލެވިފައެވެ. ދެލޯ މަރާ ބާރުކޮށްލެވިފައެވެ. އިނގުރަކީ އަބަދުވެސް އަހަރެންނަށް ނުބައި އެއްޗެކެވެ.

ޖޯޑު ދޮވެލުމަށްފަހު އަނެއްކާވެސް އަހަރެން މަސައްކަތް ކުރުމަށް ކައިރިވެލީމެވެ. އެހެންނަމަވެސް ކިނބިހި ފުލުފުލުގައި އެޅެންފެށުމުން ޒުބައިދާ ދައްތަ އެދުނީ އަރާމުކޮށްލަން ދިޔުމަށެވެ. އަހަރެންނާއެކު ޒުބައިދާ ދައްތަވެސް ހިނގައިގަތީ އޭނާ އެހެން މީހުންކުރަނީ ކީއްތޯ ބަލާލާފައި އަންނާނަމޭ ބުނެފައެވެ. އަހަރެން ކާބައިން ނުކުމެގެން ކިނބިހި އަޅަމުން އަޅަމުން ދިޔައިރު ދުރުގައި އަމަން އަހަރެންނަށް ނަޒަރެއްދީގެން ހުރިތަން ފެނުނެވެ. އަހަރެން އެކަމާ އަޅައެއް ނުލަމެވެ. އަމަންއާ ދިމާލަށް ބަލާލުމެއްނެތި އަހަރެން ދުވަމުން ދިޔައީމެވެ.

ކޮޓަރިއަށްވަދެ އެނދުގައި އިށީނދެލުމަށްފަހު އަހަރެން ފޯނުއޮތްތޯ ޗެކްކޮށްލީމެވެ. ފޯނެއްނެތެވެ. އަހަރެން ހަނދާންވީދެނެވެ. ކާގޭގައި ބައިންދާފައި އާދެވުނީއެވެ. އަހަރެން ނޯކަރުންގެ ބައިން ނުކުމެ ކާބަޔާ ދިމާލަށްހިނގައިގަތީ އަނގަމަތީގައި އަތް އަޅައިގެން އިސްޖަހައިގެން ހުރެއެވެ. ކުރިމައްޗަށް ނުބަލާ ދިޔުމުގެ ނަތީޖާއަކަށްވީ ކޮންމެވެސް މީހަކުގެ ގައިގައި އަޅައިގަނެފައި އަހަރެން ވެއްޓެން ދިޔުމެވެ. އެހެންނަމަވެސް އެމީހަކު ވަރަށް ހުޝިއާރުކަމާއެކު އަހަރެންގެ އަތް ތިލައިގައި ހިފެއްޓިއެވެ. މަޑުމަޑުން އަހަރެން ލޯ ހުޅުވާލީ އަހަރެން އުންމީދު ކުރިގޮތަށް އެއްވެސްކަމެއް ނުވީމައެވެ. އަހަރެންގެ ލޮލުގައި އަމަން އަޅައިގަތުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެހެން އޮވެ ވެސް އަހަރެންނަށް ކިނިބިއްސެއް އަޅާލެވުނެވެ. އެއާއެކު އަހަރެން ކޮށިއަރާގޮތްވިއެވެ. އަމަން އަހަރެންގެ އަތަށް ދަމާލާ ސީރާކުރުވިއެވެ. އަހަރެން އިސްޖަހާލީމެވެ.

"މާފުކުރައްވާ. އަޅުގަނޑު ގަސްތުގައެއް ނޫން" ނޭފަތަށް އުނދަގޫވާތީ އަހަރެންނަށް ވާހަކަދެއްކުނީވެސް އުނދަގުލުންނެވެ. އަހަރެންގެ އަޑުން އެކަނިވެސް ދެންމެ އެހިނގި ހާދިސާގެ ސަބަބުން ދެރަވެ ލަދުގަނެފައިވާ މިންވަރު އަމަންއަށް ދެނެގަނެވޭނެއެވެ.

"އެއްވެސް މައްސަލައެއް ނޫން. އެހެންވެސް ބައެއް ފަހަރު ދިމާވާނެ. އެކަމަކު ދެން ފަހަރަކުން ބަލައިގެން އުޅެން ވާނީ" އަމަން ބުނެލިއެވެ. އަމަން ހުރީ ހިންހަމަނުޖެހިފައިހެން އަޑުން ހީނުވިޔަސް އެމޫނުމައްޗަށް އަރާފައިވާ ކުލަވަރު ބަލާކަށް އަހަރެންނަކަށް ކުޅަދާނައެއް ނުވިއެވެ. އަހަރެން ހުރީ އިސްޖަހާލިގޮތަށެވެ. އަމަން ދުރަށް ހިނގައިގަތްކަން އަހަރެންނަށް އެނގުނެވެ. އަހަރެން މަޑުމަޑުން އިސްއުފުލާލީމެވެ. އަމަން ފެންނާކަށް ނެތެވެ. އަވަސްއަވަހަށް އަހަރެން ވަށައިގެން ބަލާލީ އެއްވެސް މީހަކަށް އެ މަންޒަރު ފެނުނުތޯއެވެ. އެއްވެސް މީހަކު ފެންނަ ހިސާބުގައި ނެތުމުން ހަމަޖެހުމުގެ ނޭވައެއްލާ އަހަރެން ކާބަޔަށް ގޮސް ފޯނު ނަގައިގެން އަނެއްކާވެސް ކޮޓަރިއަށް ދިޔައީމެވެ. ކޮޓަރިއަށް ވަދެ އަހަރެން ރީތިވާ މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫނަގާ ނޭފަތް ފޮހެލީމެވެ. އަދި ޑަސްބިނަށް ލީމެވެ.

އެއަށްފަހު އަނެއްކާވެސް ގޮސް އެނދުގައި އިށީނީމެވެ. އަހަރެންގެ ނޭފަތަށް އުނދަގޫވެފައި ހުރީތީ އޮށޯވެ އޮންނަންވީ އުނދަގޫކަމަކަށެވެ. ވާރެއާތެމުވުނުކަމުގެ މޮޔަ ހިތަށް އަރާ ސިނގުރުޅިއެއް ސިކުނޑިއަށް ސަވާރުވިއެވެ. ފިންޏަށް އެހާ ބަލިކަން އެނގޭއިރު ވާރޭއަށް ނުކުމެވުނީތީ އަމިއްލަ ނަފްސަށް އަޑުލެވުނެވެ. ކަރުދޮށުގައި އަތް ޖައްސާލެވުނެވެ. ހުރި ކުޑަކޮށް ހުންވައްތަރުވެސް ވެފައެވެ. އެކަމަކު ވާރޭއާ ތެމުމަކުން ދުވަހަކުވެސް އަހަރެން ހުމެއް ނާދެއެވެ. ހަމައެކަނި އުނދަގޫވާނީ އަރުދަފުސް އަޅާތީއެވެ.

އަރާމުކޮށްލަނިކޮށް ރަނގަޅުވާނޭ ހިތާ އަހަރެން ނިދާހެދުމަށް ބަދަލުކުރުމުގެ ނިޔަތުގައި ހެދުން ނެގީމެވެ. އެވަގުތު ކުޑަދޮރުގައި ދެފަހަރަކު ޓަކި ޖަހާލިހެން އަހަރެންނަށް ހީވިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމުން އެކަހަލަ އިޝާރާތެއް ނުލިބުމުން ހީވި ހީއެއްކަމަށް ނިންމާ އަހަރެން އެނބުރިލީމެވެ. އެއާއެކު އަނެއްކާވެސް ކުޑަދޮރުގައި ޓަކި ޖަހާލައިފިއެވެ.

އެ ދޮރުގައި އެފަރާތުން ޓަކި ޖަހާނީ ކާކުހެއްޔެވެ؟ އަހަރެންގެ ހިތުގައި ސުވާލުއުފެދުނެވެ. މަޑުމަޑުން ގޮސް އަހަރެން ދޮރު ހުޅުވާލީމެވެ. އެއާއެކު ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ އަތުގައި ހުރި ހެދުން ތައް މުށިތައްމައްޗަށް ވެރުނެވެ. އަހަރެންނަށް ވަގުތުން އިސްޖަހާލެވުނެވެ.

(ނުނިމޭ...)

https://sun.mv/118935

comment ކޮމެންޓް