ފަތާ ޓްރެކާ ގުޅޭ ޝަކުވާތައް ކޮޅުން ނުލި

މާލޭ ފަތާ ޓްރެކް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލައްކައެއް މީހުން ދިރިއުޅޭ މާލޭގެ ބައެއް ރައްޔިތުންނަށް ފަތާ ޓްރެކްއަކީ އެ މީހުންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. މިއީ މުޅި މާލޭގައިވެސް ހަމަޖެހިލައިގެން ފަތާލެވެން އޮންނަ ހަމައަކަނި ފުން ސަރަހައްދެވެެ. އެތުލީޓުންނާއި، ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް ކޮންމެ ދުވަހަކު ފަތާ ޓްރެކުން އުފާލިބިގަނެ އެވެ.

އެކަމަކު އެތަނަށް ދަނީ އެއްވެސް ގޮތެއް ނެތީމަ އެވެ. އެފަދަ މީހުންގެ ޝަކުވާތައް އިންތިހާ އެވެ. ކޮޅުންނުލި އެ ޝަކުވާތައް އެތައް ތަނަކަށް ހިފައިގެން ދިޔަ ނަަމަވެސް އެކަމަށް ހައްލެއް އަދިވެސް އޮތީ ނުލިބި އެވެ. މިއަދުވެސް އެ މީހުން ކުރަނީ ހަމަ އެ ޝަކުވާ އެވެެ.

ސާފުތާހިރުކަމުގެ ސުވާލު!

ބައެއް މީހުން ދެކޭ ގޮތުގައި އެ ތަނުގައި ފެތުމަކީ ސިއްހީގޮތުން އެއްވެސް ގޮތަކަށް ރައްކާތެރިކަމެއް ނޫނެވެ. އެކަމަށް ބާރު ލިބޭ ހެކިތައް ފަތާ ޓްރެކުން ދޭތެރެ ދޭތެރެއިން ފެނި ސޯޝަލް މީޑިއާގައި އެފަދަ ފޮޓޯތައް ވައިރަލްވެ، އެނބުރެ އެވެ.

"އަޅުގަނޑު މިތަނަށް އަންނައިރު ބައެއް ދުވަސްދުވަހު ހުރޭ ހަމަ މީހުން ލާފަ ހުންނަ ސީ އާއި ނަޖިސްވެސް މިތަނުގައި،" މާލޭ ޓްރެކް ސަރަހައްދަށް ފަތަންދާ މީހަކު ކިޔައިދިނެެވެ. ނަޖިސްގެ އިތުރުން ގިނަ އަދަދެއްގެ ކުނި ބުނިވެސް ފަތާ ޓްރެކް ސަރަހައްދުގައި އެއްވެފައި ހުންނަތަން ފެންނަ ކަމަށް ބުނެ ޝަކުވާ އަބަދުވެސް އޮވެ އެވެ.

ފަތާ ޓްރެކް ސަރަހައްދު--- ފޮޓޯ: ހަނީ އާމިރު. ކޮމް

ސްވިމިން އެސޯސިއޭޝަންގެ ނާއިބު ރައީސް އިސްމާއިލް އަލީ ވިދާޅުވި ގޮތުގައި ފަތާ ޓްރެކް ސަރަހައްދުގެ ފެންގަނޑަކީ ފަތަން ރައްކާތެރި ސަރަހައްދެއްތޯ ދޭތެރެއިން ޓެސްޓްކޮށް ހަދާ ކަމަށެވެެ.

ފަތާ ޓްރެކް ސަރަހައްދުގެ ނަޖިސް ފެންނަ ކަމަށް ބުނާ އަޑުތަކެއް އޮންނަނީ، އެތަނަށް ނަޖިސް ބޭރުވަނީ އެ ސަރަހައްދުގައި އަޅާފައި ހުންނަ ނަޖިސް ހޮޅިއަކުން ކަމަށް ބުނެ އެވެ. އިސްމާއިލް ވިދާޅުވީ އެ ސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ ހޮޅިއެއް ވަޅުލާފައި އޮތް ނަަމަވެސް އެ ހޮޅި ވަޅުލާފައި އޮތީ އުސްފަސްގަނޑު ސަރަހައްދާ ވަރަށް ދުރުން އެވެ.

" ފަތާ ޓްރެކްގެ ސަރަހައްދުގައި ފީނާ ބައެއް މީހުންވެސް ބުނެފައި އެބަހުރި އެ ހޮޅީގެ ސަބަބުންނޭ ނަޖިސްބޭރުވަނީ ހާއްސަކޮށް އިރުވައިގެ ދިޔަ ބޯޑުވާ ދުވަސްވަރު. ދެން ކުނި ޖަމާވަނީ ހުރަސް ތޮށިމަތިން އަރައިގެން ރާޅާއެކީގަ ކުނިތައް އަންނާތީ" އިސްމާއިލް ވިދާޅުވި އެވެ.

މާލޭ ފަތާ ޓްރެކް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތާ ޓްރެކް ތަޣައްޔަރުވުމުގައި އާންމުންގެ ދައުރުވެސް ވަކި އޮތީ ކުޑަކޮނެއް ނޫނެެވެ. އެ ސަރަހައްދަށް ބޮޑުކަމުގޮސްގެން ބައެއް ފަހަރަށް އެ ޝަކުވާ ސްވިމިން އެސޯސިއޭޝަނުން އިދާރާތަކަށް ރިޕޯޓްވެސް ކޮށްފައިވެ އެވެ. އަދި އުފަން ދުވަސް ފާހަގަކުރުމާއި އެހެން ވެސް ކަންކަމަށް އެ ސަރަހައްދަށް ދާ މީހުން އެ ތަނަށް ކުނި އަޅާކަމުގެ ޝަކުވާ ވެސް އެސޯސިއޭޝަނަށް އޮތީ ލިބިފަ އެވެ.

ފަތާ ޓްރެކް ސަރަހައްދުގެ ފެންގަނޑު ތަޣައްޔަރުވެ، އެ ސަރަހައްދަށް މޫދަށް ނޭރުމަށް މީގެ ކުރިން އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން އެތައް ފަހަރު އިލްތިމާސްކޮށްފައި ވެސް އެވެ.

ފެންވަރާތަން އަބަދުވެސް ލައްޕާފައި!

ފަތަން ދާ ގިނަ މީހުން އެމީހުން ގެއަށް ދަނީ ފެން މާގަނޑުން ރީތި ފެނުން ފެންވަރައިގެން އެވެ. ނަމަވެސް ފަހަަކަށް އައިސް އެތަން އާންމުކޮށް ބަންދުކޮށްފައި ހުންނަ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އަޅުގަނޑުމެންނެއް ނޫން ފެންމާ ސަރަހައްދު ހިންގަނީ. ސްޓެލްކޯއިން އެތަން ހިންގަނީ. މީގެ ކުރިން އަޅުގަނޑުމެން ކައިރީގައިވެސް ބުނެފައި އެތަން ބެލެެހެއްޓުމަށް. އެކަމަކު އަޅުގަނޑުމެންނަކަށް ނުވާނެއޭ. އެވަރުގެ ކެޕޭސިޓީއެއް އަޅުގަނޑުމެންގެ ނެތޭ. މީހުން، ފައިސާވެސް އެކަމަށް އަޅުގަނޑުމެންގެ ނެތް." ސްމިމިން އެސޯސިއޭޝަންގެ ނާއިބު ރައީސް އިސްމާއިލް ވިދާޅުވިއެވެ.

މޫދަށް އެރޭ މީހުންނަށް ސާފު ފެނުން ފެންވެރޭނެ އިންތިޒާމް ހަމަޖައްސުމުގެ ގޮތުން "ފެންމާ" ހުޅުވީ 2015 ވަނަ އަހަރުއެވެ. އެތަން ހުޅުވިފަހުން ދޭތެރެ ދޭތެރެއިން ވަނީ މައްސަލަތައް ދިމާވެފައެވެ.

ފަތާ ޓްރެކް ސަރަހައްދުގައި ހުންނަ ފެންވަރާ ސަރަހައްދު-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެތަނުގަިއ ހުންނަ މާގަނޑާއި އެހެނިހެން ސާމާނު ވަގަށް ނަގާތީ އެތަން މަރާމާތު ކުރަން އަބަދުވެސް އޮންނަނީ ޖެހިފަ އެވެ. އެ މައްސަލަ ބޮޑުވެ އެތަކެތި އެތައް ފަހަރަކު ބަދަލުކޮށް ބޮޑުހޭދައެއް ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެތަން ތަޅުލަން ޖެހުނީ ވެސް އެހެންވެ އެވެ.

އެ ޝަކުވާތަކާ ގުޅިގެން، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވާ ޔަގީންކަމަކީ، ސްވިމިން ޓްރެކް ސަރަހައްދަކީ އާންމުންނަށް ފަސޭހަ ތަނަކަށް ހައްދަވާނެ ކަމަށެވެ. ރައްޔިތުންނަށް ހިޔަލުގައި ތިބެވޭގޮތަށް ހަދައި މަގު ހުރަސްނުކޮށް ސާފު ފެން ބޭނުންކުރެވޭގޮތަށް ހަމަޖެއްސުމަށް އެ މިނިސްޓްރީ އިން ވައުދުވެ އެވެ. އެކަމަކު އަދި އެކަން ހިނގައެއް ނުގަނެ އެވެ.

އަހަރެއްވީއިރުވެސް ފަތާ ޓްރެކް މަރާމާތުކުރަނީ

ފަތާ ޓްރެކް ސަރަހައްދަށް ވެލިތައް ޖަމާވެ ކުޑަވަރެއްގެ "ބީޗް" އެއްވެސް މިދިޔަ އަހަރު އެ ސަރަހައްދުން ވޮޑުނެެެވެ. އެއާ އެކު ނުފެތޭ ވަރަށް އެ ސަރަހައްދު ތިލަވި އެވެ. އެކަމާ ގުޅިގެން ފަތާ ޓްރެކް ބަންދުކޮށް އެ ސަރަހައްދު ފުންކުރުމަށް ފަހު އެތަން ހުޅުވީ މިދިޔަ އަހަރު ރޯދައާ ދިމާކޮށެެވެ.

ނަމަވެސް އެތަން މަރާމާތުކޮށް ހުޅުވިއިރުވެސް ނޫ ޕްލެޓްފޯމް އޮތީ މަރާމާތުނުކޮށެވެ. އެތަނުގައި އެއްވެސް ސިޑިއެއްވެސް ހަރުކޮށްފައެއް ނެތެވެ. ފަތާ ޓްރެކްގައި ދެ ޕްލެޓްފޯމެއް އޮންނަ އިރު، އާންމުކޮށް ރަތް ޕްލެޓްފޯމް ބޭނުންކުރަނީ އެތުލީޓުންގެ ތަމްރީންތަކަށެވެ. އެހެންކަމުން ގިނަ ފަހަރު އާންމުންނަށް ފަތާލުމުގެ ފުރުސަތު ލިބެނީ ނޫ ޕްލެޓްފޯމްގަ އެވެ. އެކަމަކު އެތަން މަރާމާތެއް ނުކުރެ އެވެ.

މާލޭ ފަތާ ޓްރެކްގެ ނޫ ޕްލެޓްފޯމް. މި ޕްލެޓްފޯމްގައި ސިޑިއެއްވެސް ނުހުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަރަށް އުނދަގޫވޭ އެ ތަނުގައި ސިޑިއެއް އެއްޗެއް ހަރުކޮށްފަ ނުހުންނާތީ އަރައި ފައިބަން. ގިނަ ފަހަރު ކުޑަކުދިންނާ އަންހެނުން އެތަނުގައި އަރާ ފައިބަން ކިހާ އުނދަގޫވާނެ. ދެން މިހާރު ބައެއް މީހުން ދޭ ބުރަކަށީގެ އެކި މައްސަލަ ހުންނަ މީހުންވެސް ފަތާ ހަދަން. އެމީހުންނަށްވެސް ހަމަޖެހިގެން އަރާފޭބުމުގައި ވަރަށް އުނދަގޫ. މީގެ ކުރިންވެސް ސުވިމިން އެސޯސިއޭޝަންައަށް ގުޅީމަ ބުނާނެ ވަރަށް އަވަހަށް އެތަނުގައި ސިޑިލާނަމޭ. މިހާރު ގައިމްް އަހަރެއްވީ އެހެން ކިޔާތާ." ޓްރެކަށް ފަތަންދާ މީހަކު ބުންޏެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި، ސްވިމިންގް އެސޯސިއޭޝަންގެ ނައިބު އިސްމާއިލް ވިދާޅުވަނީ ނޫ ޕްލެޓްފޯމްގައި ހުރި ސިޑިތައް ހަލާކުވީ އެތަނަށްދާ މީހުން އެ ސިޑިތަކުގައި އެލި ގެއްލުންދީ ހެދުމުން ކަމަށެވެ. އަދި އެތަންތަން މަރާމާތުކުރުމުގެ ކެޕޭސިޓީ އެ އެސޯސިއޭޝަންގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެތަނުގައި ކުރިއަށް އޮތް ތަނުގައި ސިޑިތައްލުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ފަތާ ޓްރެކްގައި ފަތަން ގޮސްތިބި ބައެއް--- ފޮޓޯ: ހަނީ އާމިރު. ކޮމް

"30،000 ނުވަތަ 40،000 ހާސް ރުފިޔާ އެބަދޭ އެ ސިޑިތައް މަރާމާތުކޮށް ހަދައި އަނެއްކާ ލާން. މީގެ ކުރިންވެސް ޕްލެޓްފޯމަށް ބޮޑެތި ގެއްލުންތަކެއް ދީފައި އެބަހުރި. އެބަހުރޭ ޕްލެޓްފޯމްގަނޑުގައި ޖަހާފައި އިންނަ ޗެއިން ގަނޑު ނައްޓާލައިފައި. އެހެންވެ ޕްލެޓްފޯމްތައް މާދުރަަށް އޮންނަނީގޮސްފައި. އެހެންވެ މިހާރު ދެ ޕްލެޓްފޯމް އެއްކޮށްލަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އާންމުންގެ ޒިންމާ އަދި މާބޮޑު!

ފަތާ ޓްރެކްގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު އެތަން ބަލަހައްޓަމުންދާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ އާންމުންގެ ޒިންމާދާރުކަން ކުޑަވުމެވެ. މަދު ބައެއްގެ އިހުމާލުން އެފަދަ ކަންތައްތައް ހިނގިނަމަވެސް އޭގެ އަސަރު ވަރަށް ގިނަބަޔަކަށް ފޯރަ އެވެ.

މާލޭގައި މިވަގުތު ފަތާލާ ހަދަން އޮތް ހަމައެކަނި ފުންތަނަކީ ފަތާ ޓްރެކަށްވާއިރު އެތަން ބޭނުންކުރާ މީހުން މިހާރަށް ވުރެ ބޮޑަށް ޒިންމާ ނަގަން މި އޮތީ ޖެހިފަ އެވެ.

comment ކޮމެންޓް