ޓްރަމްޕްގެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގައި ޓްރަމްޕް އަޒުލުކުރެވޭތޯ ބަލަނީ

އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިޔަމް ބާ

ވޮޝިންޓަން (މޭ 10) : އެމެރިކާގައި 2016 ވަނައަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްގީގް ކުރުމަށްފަހު އެކަމާބެހޭ ޚާއްސަ މުހައްޤިޤު ރޮބަޓް މުލާ ނެރުއްފައިވާ ރިޕޯޓްގެ މައްސަލާގައި އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިޔަމް ބާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީއަށް ޙާޒިރުކޮށްފިއެވެ.

ބާ އެކޮމިޓީއަށް ޙާޒިރުކުރީ ސަމޮންސް ކުރާ އުސޫލުންނެވެ. ބާ މިގޮތަށް ޙާޒިރުކުރީ މިމައްސަލާގައި އޭނާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ފޮނުއްވި މުލާގެ ރިޕޯޓްގެ ޚުލާސާގައި އެރިޕޯޓްގައި ހިމެނޭ މުހިއްމު ބައިތަކެއް ކޮންގްރެސް އަށް ސިއްރުކުރަން މަސައްކަތްކޮށްފައިވާކަމަށް ޝައްކު ކުރެވޭތީ އެކަމާބެހޭގޮތުން ސުވާލުކުރުމަށްޓަކައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީއަށް ހާޒިރުވުމަށް ބާ އަށް ދެފަހަރު އެންގުމުންވެސް އޭނާ ހާޒިރުވެ ވަޑައި ނުގަތުމުންނެވެ.

މިމައްސަލާގައި ހައުސްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީއަށް ބާ ސަމޮންސް ކުރުމަށްފަހު އެކޮމިޓީންވަނީ އޭނާއާ ހަރުކަށި ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެއަށްފަހު ސަބްކޮމިޓީންވަނީ ކޮންގްރެސް އަށް އޮޅުވާލުމަށާއި ކޮންގްރެސް ގެ އަގުވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ބާގެ މައްޗަށް ކުރުމަށް ސަބްކޮމިޓީގައި ވޯޓެއްނަގާފައެވެ. އެވޯޓުގައި އެކޮމިޓީގެ ބޮޑު އަޣްލަބިއްޔަތަކުން ވަނީ ކޮންގްރެސް އަށް އޮޅުވާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ބާގެ މައްޗަށްކުރުމަށް ފާސްކޮށްފައެވެ.

މިއާއެކު ބާގެ މައްސަލަ ދެން ފޮނުވަން ނިންމާފައިވަނީ ސީދާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ތަޅުމަށެވެ. ހައުސްގެ ތަޅުމުގައި ނަގާ ވޯޓުގެ އަޣްލަބިއްޔަތުން އެތުހުމަތު ބާގެ މައްޗަށް ކުރުމަށް ފާސްކޮށްފިނަމަ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ފުރްސަތު ހައުސް އަށް ފަހިވެގެންދާނެއެވެ. ހައުސްގައި އަޣްލަބިއްޔަތު އޮތީ އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ކަމުން މި ވޯޓު ނެގުމުގެފުރްސަތު ބޮޑުކަމަށް މުރާސިލުން ބުނެއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީގެ މުގައްރިރު ޖެރަލްޑް ނެޑްލާ

އަނެއްކޮޅުން ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީއަށް ހާޒިރުވުމަށް ބާ އަށް ދެފަހަރު އެންގުމުންވެސް އެކޮމިޓީ އަށް ޙާޒިރުވެ ވަޑައިނުގަތުމަށް ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ބާ އަށް ހިއްވަރު ދެއްވައި އެކަމަށް ބާރު އަޅުއްވާފައެވެ. އެހެންކަމުން މިމައްސަލާގައި އަދާލަތާއި ތަހްގީގަށް ހުރަސްއަޅަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކުރެވިދާނެކަމަށް ހައުސްގެ ޑިމޮކްރެޓިކް މެންބަރުން ދެކެވަޑައިގަންނަވައެވެ. އަދި މިކަން ސާބިތު ވެއްޖެނަމަ މިއީ ޓަރްމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށިދާނެ ކަމެއްކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްގީގް ކުރުމަށްފަހު މުލާ ނެރުއްވި 200 ސަފްހާއަށްވުރެ ދިގު ރިޕޯޓް އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިޔަމް ބާ ޚުލާސާ ކުރައްވާފައިވަނީ އެންމެ ހަތަރު ސަފްހާގައެވެ. ބާ ކޮންގްރެސް އަށް ފޮނުވީ މިހަތަރު ސަފްހާގެ ޚުލާސާ ރިޕޯޓެވެ.

މުލާގެ ރިޕޯޓްގައި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމުގެ ހެކި ފެންނަން ނެތްކަމަށް ވިދާޅުވެފައިވީނަމަވެސް އޭގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގިނަ މައްސަލަތަކެއް ހުރިކަންވަނީ ލީކުވެފައެވެ. އެ ރިޕޯޓްގެ ފުރިހަމަ ކޮޕީ ކޮންގްރެސް އަށް ނުދިނުމަށް ޓްރަމްޕް މަސައްކަތް ކުރައްވަނީ މިކަމުގެ ސަބަބުންކަމަށް އިދިކޮޅު ޑިމޮކްރެޓުން ތުހުމަތު ކުރައްވައެވެ.

ވައިޓް ހައުސް އިންވަނީ މުލާގެ ރިޕޯޓް އެއްކޮށް ކޮންގްރެސް އަށް ދޭން ނުޖެހޭ ކަމަށް ބުނެފައެވެ. ވައިޓް ހައުސްގެ ތަރްޖަމާން ސާރާ ސެންޑާސް ވިދާޅުވީ ރޮބަޓް މުލާ ތައްޔާރުކުރެއްވި ރިޕޯޓްގެ ފުރިހަމަ ކޮޕީއެއް ކޮންގްރެސް އަށް ދިނުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީގެ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ މުގައްރިރު ޖެރަލްޑް ނެޑްލަރު އެދިވަޑައިގެންފައިވާ ކަމަށާ ނަމަވެސް އެއީ ކުރަންޖެހޭކަމެއް ކަމަށް ވައިޓް ހައުސް އިން ނުދެކޭކަމުގައެވެ.

މި ރިޕޯޓް ތައްޔާރު ކުރެއްވި ރޮބަޓް މުލާވެސްވަނީ އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިޔަމް ބާ ކޮންގްރެސް އަށް ފޮނުއްވި ޚުލާސާ ރިޕޯޓްގައި މުލާ ގެ ރިޕޯޓްގައިވާ ގިނަ ކަންތައްތަކެއް ހިމަނާފައިނުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިހާރު ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީގެ މުގައްރިރު ޖެރަލްޑް ނެޑްލަރު މަސައްކަތް ކުރައްވަނީ މުލާ ގެ ރިޕޯޓްގައިވާ ކަންތައްތައް ސާފުކުރުމަށްޓަކައި ސީދާ މުލާ އެ ކޮމިޓީއަށް ޙާޒިރު ކުރުމަށެވެ.

މިމައްސަލާގައި ޓްރަމްޕް ވަނީ ހިތްހަމަޖެހިވަޑައި ނުގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާބެޙޭ ސަބް ކޮމިޓީ އަށް ހާޒިރުވެ ވަޑައި ނުގަތުމަށް ޓްރަމްޕް ވަނީ މުލާއަށް ނުސާދާކޮށް ހިއްވަރު ދެއްވާފައެވެ. މުލާގެ ރިޕޯޓާމެދު ޓްރަމްޕް މިގޮތަށް މި އުޅުއްވަނީ އޭނާއާބެހޭ ކަންތައްތަކެއް ކޮންގްރެސް އަށް ފޮރުވުމަށް ކަމަށް އިދިކޮޅު ޑިމޮކްރެޓުން ތުހުމަތު ކުރެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު