އެހެން ދީނެއްގެ މީހަކަށް ވާތީ ގޯސްކޮށް ނުދެކުމަށް މައުމޫން އިލްތިމާސްކުރައްވައިފި

މެއި 9، 2019: ރަމަޝަން މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ދީނެއްގެ މީހަކަށް ވާތީ އެ މީހަކާ މެދު ގޯސްކޮށް ނުދެކުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ރޭތަށް އިހުޔާ ކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވަހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ، މުސްލިމުން އެހެން ދީންތަކުގެ މީހުންނަށް ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށާއި ހުރިހާ އެންމެންގެ މެދުގައި ވެސް ސުލްހަވެރިކަން އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނުން އެކަކު އަނެކަކަށް އިހުތިރާމްކޮށް އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށް، ސުލްހަވެރިކޮށް އުޅުމަށް ގޮވައިލައްވާފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އިހްތިރާމް ކުރުމަކީ ހަމައެކަނި މުސްލިމުންނަށް އިހުތިރާމް ކުރުމެއް ނޫން. މުސްލިމުން އެހެން ދީންތަކުގެ މީހުންނަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ. ދުނިޔޭގަ އުޅޭ މަސީހިންނާއި ޔަހޫދީންނާ އަދި އެނޫން ދީން ތަކުގެ މީހުންނަށް ވެސް އަޅުގަނޑުމެން އިހުތިރާމް ކުރަން ޖެހޭނެ،" މައުމޫން ވިދާޅުވިއެވެ.

"އިހުތިރާމް ކުރުމަކީ އިންސާނުން އެކަކު އަނެއްކަކަށް އިހުތިރާމް ކުރުން. ސުލްހަވެރިކަންވެސް އޮންނަން ޖެހޭނެ އެންމެންގެ މެދުގައި. ވަކި މުސްލިމަކަށް ނުވީތީ އެމީހާއާ ދޭތެރޭ ގޯސް ޝުއޫރެއް ބައްވައިގެން ނުވާނެ. އެމީހަކަށް އިހާނެތްތެރިވެގެން ނުވާނެ،"

މެއި 9، 2019: ރަމަޝަން މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައުމޫން ވިދާޅުވީ، ވަކި ދީނަކަށް، ވަކި ގައުމަކަށް، ކުލަ އަކަށް، ބެލުމެއްނެތި އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކީރިތި ރަސޫލާ މުހައްދުއްސަލަށްﷲ އަލައިހި ވައްސަލަމް ވެސް ދެއްކެވީ އެފަދަ ރިވެތި ނަމޫނާ އެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

އެގޮތުން ރަސޫލާގެ ޒަމާނުގައި އެކަލޭގެފާނާ މެދު ވަރަށް އިހާނެތިކޮށް ހިއްތެވި ޔަހޫދީ އަންހެނަކާ މެދު ރަސޫލާ ކަންތައް ކުރެއްވި ގޮތުގެ މިސާލުން މައުމޫން މިސާލު ނެންގެވިއެވެ.

"އެއީ ޔަހޫދީ އަންހެނެއް. އެކަލޭގެފާނަށް ގޯނާކުރި އަންހެނެއް. އެހެން ނަމަވެސް އޭނާއާ ދޭތެރޭގައި ވެސް ކަންތައް ކުރެއްވީ ވަރަށް އިހްތިރާމާ އެކީގައި، ރަހުމާ އެކީގައި، އިންސާނިއްޔަތުކަމާ އެކީގައި. މިއީ އަޅުގަނޑުމެން ދަސްކުރަންވީ ކަމަކީ." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ރަސޫލާ އަކީ އެހެން މީހުންނަށް ހުރި ނަމޫނާ އެއް ކަމަށާއި އެމަނިކުފާނުގެ އަމަލުތައް ބެހެއްޓެވީ ގުރުއާނާ އެއްގޮތަށް ކަމަށެވެ. އެގޮތުގެ މަތިން ހުރިހާ މުސްލިމުންވެސް އަމަލު ބަހައްޓަވަން ޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

މެއި 9، 2019: ރަމަޝަން މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައުމޫން ވިދާޅުވީ، ރަސޫލާގެ ނަމޫނާ ބަލައިގަތުމަކީ ހަމައެކަނި ރަސޫލާ ހެދުން އެޅުއްވި ގޮތަށް ހެދުން އެޅުން ނޫން ކަމަށެވެ. އެކަލޭގެފާނު ގެންނެވި މާތް ހަމަތަކާއި އުސޫލުތަކާ އަދި އަގީދާތަކަށް އިމާންވެ ގަބޫލުކޮށް އެޔަށް އަމަލު ކުރުމަކީ އެކަލޭގެފާނު ނަމޫނާ އަކަށް ބެލުން ކަމަށް މައުމޫން ވިދާޅުވިއެވެ.

"މިހާރަކަށް އައިސް ބައެއް މީހުން ހިތަށް އަރާ ކަންނޭނގެ އަޅުގަނޑުމެން އުޅެން ޖެހޭނީ އެޒަމާނުގައި ހެދުން އެޅި ގޮތަށް ހެދުން އަޅައިގެން ކަމަށް. އެއީކީ ދީނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވާ ވާހަކައެއް ނޫން" މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާއާއި ފިގުހު އިލްމް ހާސިލް ކުރައްވައިގެން ހުންނެވި މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، އިސްލާމް ދީނުގައި އޮންނަ ގޮތަކީ، އައުރަ ނިވާވާރުގެ ތާހިރު ހެދުމެއް ލުން ކަމަށާއި އެމީހެއްގެ މާހައުލަށް ކަމުދާ ކޮންމެ ހެދުމެއް ކަމުގައި ވާނަމަ އެއީ އެންމެ ރަގަޅު ގޮތް ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ނުޖެހޭ ވަކި ކަހަލަ ޖުއްބާއެއް ލާކަށް، ވަކި ކަހަލަ އެއްޗެއް ބޮލުގައި އަޅާކަށް ރަސޫލާ އެޅުއްވިއޭ ކިޔާފައި. ރަސޫލާ ގެންނެވި މާތް އުސޫލުތަކުގައި ހިިފަހައްޓައި، އެކަލޭގެފާނު ދެއްކެވި ނަމޫނާ، ނަމޫނާ އަކަށް ބަލައި، އެންމެނާ ދެތެރޭ ހިތްހެޔޮކަން ބެހެއްޓުމަކީ" އިސްލާމް ދީނުގެ އަގީދާ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މައުމޫން ވަނީ ކިރީތި ގުރުއާނުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް އަަލިއަޅުވައި ވާހަކަ ދައްކަވާފައެވެ.

ރޭގެ ޖަލްސާގައި ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްއާއި އިސްލާމިކް މިނިސްޓްރު ޑރ. އަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް