ބޭރުގެ ޓެރަރިޒަމަށްވުރެ އެމެރިކާއަށް ނުރައްކަލީ އެތެރޭގެ ޓެރަރިޒަމް: އެފްބީއައި

ވޮޝިންޓަން (މޭ 9): އެމެރިކާގެ އެތެރޭގައި ހިންގަމުން ގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެމެރިކާ ރައްޔިތުންގެ އާންމު ދިރުއުޅުމަށް ނުރައްކާވެފައިވާ ކަމަށް އެމެރިކާގެ ޖިނާއީ ތަހްގީގްތަކާބެހޭ ފެޑްރަލް އޮފީސް (އެފްބީއައި) އިން ބުނެފިއެވެ.

އެމެރިކާގެ ފެޑްރަލް ފުލުހުންގެ އިދާރާ ނުވަތަ އެފްބީއައި އިން ބުނީ އެމެރިކާގެ އެތެރޭގައި ޓެރަރިޒަމްގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީ ބޭރުން އަތުވެދާނެ ޓެރަރިސްޓް ހަމަލާތަކަކަށްވުރެ އެމެރިކާއަށް ނުރައްކާބޮޑީ އެމެރިކާގެ ރައްޔިތުން އެމެރިކާގެ އެތެރޭގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ކަމުގައެވެ.

އެފްބީއައި ގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ މައިކަލް މެކްގަރީޓީ ވިދާޅުވީ އެމެރިކާގެ އެތެރޭގައި ހިންގާފައިވާ 850 ޓެރަރިސްޓް ހަމަލާއެއް މިހާރުވެސް އެ ޑިޕާޓްމަންޓުން ތަހްގީގް ކުރަމުން ގެންދާ ކަމުގައެވެ. މި ޓެރަރިސްޓް ހަމަލާތައް ހިންގާފައިވަނީ ފާރައިޓް ފިކުރުގެ (ގައުމީ ފިކުރުގައި ހައްދު ފަހަނަޅާފައިވާ) މީހުންނާއި ނަސްލީ އިމްތިޔާޒުގެ ފިކުރުގައި ހައްދުފަހަނަޅާފައިވާ ދޮންމީހުންނާ އަދި އެމެރިކާ ސަރުކާރު ދެކެ ރުޅިއަންނަ މީހުންނެވެ.

މި ފަރާތްތަކުން އެމެރިކާގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި މިސްކިތްތަކާއި ފައްޅިތައްފަދަ މީހުން ގިނައިން ހަރަކާތްތެރިވާ ތަންތަނުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާގެ އެތެރޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް ބަލައި މޮނިޓާކުރާ ދިރާސާކުރާ މަރުކަޒެއް ކަމަށްވާ "ސަދަން ޕަވަޓީ ލޯ" އިން ބުނީ އެމެރިކާގެ ހަރުކަށި ފިކުރުގެ މީހުން ބަޑިން ދިން ޓެރަރިސްޓް ހަމަލާތަކުގައި ފާއިތުވި ހަތަރު އަހަރުތެރޭގައި 81 މީހުން މަރުވެ ދުއިސައްތަ އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމުގައެވެ. މީގޭތެރެއިން އެންމެ ގިނަ ޙަމަލާތައް ދިނީ 2018 ވަނައަހަރުގައި ކަމަށްވެސް "ސަދަން ޕަވަޓީ ލޯ" އިން ބުނެއެވެ.

އެމެރިކާގެ ހަރުކަށި ވިސްނުމުގެ މީހުންގެ ހަކަކާތްތައް އާދަޔާ ޚިލާފަށް އިތުވެގެން ދިޔައީ 2016 ވަނައަހަރު އެމެރިކާގެ ރައީސްކަމަށް ޕޮޕިއުލިސްޓް ފިކުރުގެ ހަރުކަށި ބޭފުޅެއް ކަމަށްވާ ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެފްބީއައި ގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ މައިކަލް މެކްގަރީޓީ ވިދާޅުވީ ސޯޝަލް މީޑީޔާއާއި އިންޓަނެޓްގައި ހިމެނޭ އެނޫންވެސް ވަސީލަތްތަކުގެ އެހީގައި ހަރުކަށި ފިކުރު އެމެރިކާގެ އެތެރޭގައި ވަރަށް ބާރަށް ފެތުރެމުންދާ ކަމުގައެވެ. އިންޓަނެޓް ހުރުމުން ހަރުކަށި މީހުން އެކަކު އަނެކަކާ ބައްދަލުނުކުރިނަމަވެސް އެމީހުންނަށް ފަސޭހައިން ވާހަކަދެކެވި މައުލޫމާތު ބަދަލުކުރެވި ހަރުކަށި ފިކުރު އަނެކާއަށް ފޯރުކޮށްދޭން ފަސޭހަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބޮން ނުވަތަ ހަތިޔާރު ހަދާނެގޮތާއި ހަތިޔާރު ބޭނުންކުރާނެ ގޮތް ބުނެދިނުން ފަދަ ކަންކަމަކީވެސް އިންޓަނެޓްގެ ޒަރީއާއިން ވަރަށް ފަސޭހައިން ކުރަމުން ގެންދާ ކަންތައްކަން މެކްގަރީޓީ ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ވަކިވަކި ފަރުދުން ދޭ ޓެރަރިސްޓް ހަމަލާތަކުގެ ތެރޭގައި މިދިޔަ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު އެމެރިކާގެ ދޮން ނަސްލުގެ ހަރުކަށި ފިކުރުގެ މީހަކު ކެލިފޯނިޔާގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި 11 މީހުން މަރާލާފައިވެއެވެ. އަދި އެމެރިކާގެ ކޮލަރާޑޯގައި ހުންނަ ސްކޫލް އޮފް ސައެންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރަކު އެސްކޫލްގެ ކެންޕަސް ތެރޭގައި މީގެ ތިން ދުވަސްކުރިން ދިން ބަޑީގެ ހަމަލާތަކެއްގައި އެސްކޫލްގެ އެއް ކުއްޖަކު މަރުވެ 8 ކުދިން ވަރަށް ބޮޑަށް ޒަޚަމްވެފައިވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް