މަލިކު ކޯދޮވުމަށް އިސްބުކުލު ސަރުބަތު!

މަލިކު ގެއެއްގައި ރޯދަ ވީއްލަން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި --- ފޮޓޯ/ މުހައްމަދު

"އިސްބުކުލު ހުންނާނެ. އިސްބުކުލަކީ ސީޑް ފެނަށް އެޅީމަ މަސްއަރާނެ އެޔަށް. ހެނދުނު ފެނަށް އަޅަން ވާނެ. ހެނދުނު ފެނަށް އެޅީމަ ހަވީރު ވާންވާއިރަށް ދެން އޭތި މުޅިން ތާޒާވެގެން ހަކުރު ލައިގެން ސަރުބަތު ހަދާނީ." މަލިކުގައި ރޯދަ ވީއްލަން ހަދަނީ ކޯއްޗެއްތޯ ސުވާލު ކުރުމުން މަލިކު ފެން ގެންނަ ގޯތީ މުހައްމަދު ބުންޏެވެ.

މުހައްމަދު އެބުނީ ދިވެހިން މިކިޔާ އިސްބަގުލުގެ ވާހަކަ އެވެ. މަލިކު މީހުން ރޯދަ ވީއްލާ ގަޑީގައި އިސްބަގުލު ފަނި ސުފުރާ މަތީ ކޮންމެހެން ވެސް ހުންނަންޖެހެ އެވެ. ގިނަ ފަހަރަށް އިސްބަގުލު ފަނި ތައްޔާރު ކުރަނީ ކާށި ކިރާއި ހަކުރު އަޅައިގެންނެވެ.

މަލިކަކީ ނުވަތަ އިނގިރޭސީން ކިޔާ ގޮތުން ނަމަ "މިނިކޮއި" އަކީ އިދާރީ ގޮތުން އިންޑިއާގެ ލަކްޝަދީބު ޖަޒީރާގައި އޮންނަ ރަށެއް ނަމަވެސް ދިވެހިންނާ އެއްގޮތް ގިނަ ކަންތައްތަކެއް އެމީހުންގެ ހުރެ އެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. އެ ބަހަށް އެމީހުން ކިޔަނީ "މަހަލް" ބަހެވެ. "މަހަލްދީބު" ބަހެވެ.

މަލިކު ގެއެއްގައި ރޯދަ ވީއްލަން ނުވަތަ ކޯދޮންނާން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި --- ފޮޓޯ/ މުހައްމަދު

"ވަރަށް ވަރުގަދައަށް ރޯދަ ވީއްލަން އެއްޗެތި ހަދާ މިތާ. ވަރަށް ފޯރި އޮވޭ މިކޮޅުގައި،" ރޯދަ ވީއްލުން އޮންނަނީ ކިހިނެއްތޯ ސުވާލުކުރުމުން މަލިކު ފެންގެންނަ ގޯތީ މުހައްމަދު ބުންޏެވެ.

ރޯދަ ވީއްލުމަށް މަލިކުގައި އެންމެ އާންމު އެއްޗަކީ ސައްނައްތުއާ ކިރުފޮޅިއާ ކަމަށް މުހައްމަދު ބުންޏެވެ. މުހައްމަދު ބުނި ގޮތުގައި ސައްނަތުއަކީ ފަލަމަޑީގެ ބާވަތްތައް ކަމަށްވާ އަލައާއި ކައްޓަލައާއި ބަނބުކެޔޮ ފަދަ ތަކެތި ބޭނުންކޮށްގެން ހަދައި މަލިކަށް ހާއްސަ ވަރަށް މީރު ކާއެއްޗެކެވެ. އެއީ އެމީހުން ތައްޔާރުކުރާ ރިހަ އެކެވެ. އެއާ އެކު ކާން ކިރު ފޮޅިވެސް ހަދަ އެވެ. އެއީ ދިވެހީން ވެސް މިކިޔާ ކިރުފޮޅި އެވެ.

ދިވެހީން ހާރު ދަމު އާންމުކޮށް ބަތްޕެން ބޭނުން ކުރި ނަމަވެސް މަލިކު މީހުން ރޯދަ ވީއްލަން އަދި ހާރު ކާގަޑީގައިވެސް ބަތްޕެން އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެ އެވެ.

"ބަތްޕެނެއް ނުހަދާނެ. ބަތްޕެން އެއީ ބަލިމީހުންނަށް ދޭން ހަދާ އެއްޗެއް." މުހައްމަދު ބުންޏެވެ.

މަލިކު ގެއެއްގައި ރޯދަ ވީއްލަން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި --- ފޮޓޯ/ މުހައްމަދު

ހެދިކާވެސް މަލިކުގައި ރޯދަ ވީއްލަން ހަދަ އެވެ. ބަންގި ގޮވީމަ ހެދިކާ ކައިގެން މިސްކިތަށް ދާ ކަމަށް މުހައްމަދު ބުންޏެވެ. ކިރުފޮޅިއާއި ރިހަ ފަދަ ތަކެތި ކަނީ ނަމާދަށް ފަހު އެވެ.

މުހައްމަދު ކިޔައިދިން ގޮތުގައި މަލިކުގައި ހާރަށް ހަދަނީ "ބަތާއި ރަތް ރިހައާއި ކިރު ދިޔައާއި ތެލުލިމަހާއި. ފޮރެއްޕި ރިހާކުރު." އެވެ. ރާއްޖޭގައިވެސް އާންމުކޮށް ހާރަށް ކާން ބޭނުންކުރާ އެއްޗިހި މަލިކުގައިވެސް ހާރުކާން ބޭނުން ކުރާކަން ފާހަގަވެ އެވެ. ފޮރެއްޕި ރިހާކުރަނީ މަލިކުގެ ތެލުލި ރިހާކުރެވެ.

އާއިލީ ގޭގެއަށް ކާބޯތަކެތި ގެންގޮސްދޭ

ރޯދަ ވީއްލަން މީހުންނަށް ގެއަށް ދައުވަތު ދިނުމަކީ ރާއްޖޭގައިވެސް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މަލިކުގައިވެސް އެކަން ކުރެ އެވެ. އެކަމަކު ތަފާތު ގޮތަކަށެވެ. މަލިކުގައި އެމީހުންގެ ސަގާފަތަކީ އާއިލާ މީހުން ގެ ގޭގެއަށް ރޯދަވީއްލާ ތަކެތި ހަދައިގެން ގެންގޮސްދިނުމެވެ.

"އައުލާދު [ތިމާގެ] ގޯތީގައި ނުކައްކާން ކިޔާނެ އެދުވަހު. ގޯތީގައި ކައްކައިގެން އެ ގޯއްޗަށް ދޭން ދާނީ ބައިވަރު އެއްޗެތި. އެވެރިންގެ އާއިލާގެ މީހުންނަށް ދެން އެދުވަހު ގޮވާނެ ކޯދޮންނަން." މަލިކު މުހައްމަދު ބުންޏެވެ.

މަލިކު ގެއެއްގައި ރޯދަ ވީއްލަން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި --- ފޮޓޯ/ މުހައްމަދު

އޭގެ އިތުރުން ރޯދަ ވީއްލާ ގަޑީގައާއި އަދި ތަރާވީސް ނަމާދު ނިމޭ ގަޑިއަށް ކުދި ކުދި ކޮތަޅު ކޮތަޅަށް އަޅާފައި ހެދިކާ ނުވަތަ ކަދުރު ފަދަ ތަކެތި ބެހުމަކީ އާންމުކޮށް މަލިކުގައި ކުރާ ކަމެކެވެ. އެ އާދަ އެ މީހުން ދޫކޮށެއް ނުލަ އެވެ.

ކަނޑޫދޫ މިރުހުގެ އަގުބޮޑު ވާހަކަ މަލިކަށް އެނގޭ!

މަލިކުގައި ރޯދައާ ދިމާކޮށް ތަކެތީގެ އަގުބޮޑުވިތޯ ސުވާލު ކުރުމުން މުހައްމަދު ބުނީ އާންމު މަސްމަހުގައިވެސް ހުންނަ އަގުގައި ތަކެތި ލިބޭ ކަމަށެވެ. އެއާ ވިއްދާ މުހައްމަދު އަހަންނާ ދެން ކުރީ ސުވާލެކެވެ. "ދިވެހިރާއްޖޭގައި މިރުހުގެ އަގު ބޮޑު ދޯ؟" އަހަންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް މުހައްމަދު ވާހަކަ ފަށައިފި އެވެ.

"މާލޭގައި އަގުބޮޑުވަނީ މިރުސް ދޯ. ކަނޑޫދޫ މިރުސް. އޭތި ފޭސްބުކްއިން ފެނޭ. އަގުބޮޑު އެއްޗެތި ތެރޭގައި މިރުސް ހިމެނޭ ދޯ؟ ރަން ރިހި އެކަނިއެއް ނޫން ދޯ." މަލިކު މުހައްމަދު ބުންޏެވެ.

މަލިކުގައި ގިނަ ތަކެއްޗަކީ އެރަށުގައި ހައްދައިގެން ބޭނުންކުރާ ތަކެއްޗެވެ. އެ މީހުން ދަނޑުވެރިކަން ކުރެ އެވެ. އެހެން ވީމާ، ރޯދަ މަހު ތަކެތި އަގުބޮޑު ވެދާނެ ކަމުގެ ބިރެއް އެ މީހުންނަކަށް ނެތެވެ.

ދިވެހި އާދަކާދަ އާއި ސަގާފަތުގެ ދާރުލްއާސާރެއް!

މަލިކުގެ ދިރިއުޅުމުގެ ވައްޓަފާޅި އަސްލު ދިވެހީންނާ ހަމަ އެއްކައްޗެކެވެ. ކެއިންބުއިމުގައިވެސް ދިވެހީންނަކާ މާކަ ބޮޑު ތަފާތެއް އެ މީހުންގެ ނެތެވެ. މަލިކު މީހުން ރޯދަވީއްލުމަށް ތައްޔާރު ކުރާ ކާއެއްޗިއްސާއި ދިވެހިން ތައްޔާރުކުރާ ކާއެއްޗިއްސާ ވެސް މާބޮޑު ތަފާތެއް ނުހުރެ އެވެ. ކާއެއްޗިއްސަށް ކިޔާނަން ކޮންމެވެސް ވަރަކަށް ތަފާތުވުން ފިޔަވާ އިތުރު ކަމެއް ނެތެވެ.

މިސާލަކަށް "ބޯކިބާ" އަށް މަލިކުގައި ކިޔަނީ "ބޮޑުއައްޕަން" އެވެ. އަދި ވަރަށް ގިނަ ހެދިކާއަށް "ފޫކުއްތު" ކިޔައިގެން ނަން ކިޔައިފައި ހުރެ އެވެ. "ކަޅުސަޔަކީ" މަލިކުގައި "ރަތް ސަޔެވެ."

ބަހުރުވައިގެ ތަފާތުގެ ސަބަބުން ބައެއް ނަންތައް ތަފާތު ނަމަވެސް ސިފައާއި ރަހައަށް ބަލާއިރު އެއީ ހަމަ އަސްލު ސާފު ދިވެހި ތަކެއްޗެވެ. މާލޭގެ ސައިހޮޓާތަކުގައި ބިދޭސީ ކައްކާއިން ހަދާފައި ހުންނަ ހެދިކާއަށް ވުރެ މަލިކުންގެ އަތްތަކުން ހަދާ ހެދިކާ މާ ދިވެހި އެވެ.

ކައިރި ނަމަވެސް "ދުރުގައިވާ" މަލިކަކީ ބަދަލު ނުވެ އޮތް ދިވެހި ސަގާފަތާއި އާދަކާދަ ވަރަށް ރީއްޗަށް ފެންނާން އޮތް "ދާރުލްއާސާރެ"ކެވެ.

comment ކޮމެންޓް