ދީބާޖާއަށް ދޭ ފައިސާއިން 174 މިލިއަން އަލްހާންގެ ލޯ ފާމްއަށް

މާލެ، 16 މާޗު 2019 - އަލްހާން ފަހުމީގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދީބާޖާ މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް ދޭން ހުކުމް ކުރި 348 މިލިއަން ރުފިޔާގެ ތެރެއިން 174 މިލިއަން ރުފިޔާ އަލްހާން ފަހުމީގެ ހިއްސާ އޮންނަ ލޯ ފާމް "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" ދޭން ޖެހޭކަން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހެދި އެއްބަސްވުން އުވާލުމުން، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 ދޭން، 2014 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. ނަމަވެސް، ހައިކޯޓުން ކުރި ހުކުމް ފަހުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހަވާލު ކުރީ "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" ލޯ ފާމްއާ އެވެ. ދީބާޖާ އާއި އެ ލޯ ފާމްއާ ދެމެދު ހެދި އެއްބަސްވުން މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފަ އެވެ.

އެ އެއްބަސްވުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު މައްސަލަ ކާމިޔާބު ވެއްޖެ ނަމަ، ދީބާޖާއަށް ލިބޭ 348 މިލިއަން ރުފިޔާގެ 50 ޕަސެންޓު ކަމަށްވާ 174 މިލިއަން ރުފިޔާ ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް އަށް ދޭން ޖެހޭނެ ކަމަށެވެ. އަދި އިތުރަށް ލިބޭ ކޮންމެ ފައިސާއެއްގެ 50 ޕަސަންޓު ވެސް އެ ލޯ ފާމަށް ދޭންޖެހޭނެކަމަށް އެގްރިމަންޓްގައިވެ އެވެ.

އެ އެއްބަސްވުމުގެ ސައްހަކަން އަލްހާން ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. އެ އެއްބަސްވުން ބާތިލު ކުރީ 2013 ވަނަ އަހަރު ރައީސް ވަހީދުގެ ވެރިކަމުގަ އެވެ.

އެ އެއްބަަސްވުން އުވާލި މައްސަލައިގައި ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާ ކުރީ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލަ ދީބާޖާއާ އެއްކޮޅަށް ނިމުނު އިރު، ވަހީދުގެ ސަރުކާރުން އެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގަ އެވެ.

ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުގައި އެ މައްސަލަ މައުޟޫއީ ގޮތުން ބަލައި އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކަމަށް ނިންމާފަ އެވެ. ނަމަވެސް، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލު ކުރީ، ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެވެ.

comment ކޮމެންޓް