ހާރުދަމުގެ ކެއުން: އެންމެ ކަމުދަނީ ކޮންއެއްޗެއް؟

ހާރުދަމުގެ ކެއުމަކީ ރޯދައަށް ހުރުމަށްޓަކައި އެންމެ ބޭނުންތެރި ކެއުން. ހާރު ދަމުގެ ކެއުމަކީ ލުއިކެއުމަކަށް ހަދާން ވާނެ--

ރޯދައަށް ހުރުމަށް ތައްޔާރުވުމުގެ ގޮތުން އެންމެ މުހިންމު ކެއުމަކީ ހާރު ކެއުމެވެ. ރޯދަމަހުގެ ރޯދަ ވީއްލުމާއި، ތަރާވީސް ދަމުގެ ކެއުމާ އެއްވަރަށް ހާރުދަމުގެ ކެއުމަކީވެސް ހާއްސަ ތަކެއްޗަށް އިންސާފުކުރަން ލިބޭ ވަގުތެކެވެ. ހާރުކެއުން އެންމެ ސުންނަތްކަން ގަދަވެގެންވަނީ ފަޖުރުލުމާ ވީހާވެސް ކައިރިކޮށްފައި ވިއަސް، މިފަހަކަށް އައިސް ދިވެހިންގެ ލައިފްސްޓައިލްއަށް އައި ބަދަލުތަކާ އެކު ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ހާރުކާ ވަގުތު ތަފާތުވެ އެވެ. ކާ އެއްޗެހިވެސް މުޅިން ބަދަލުވެ މި ވަނީ ތަފާތުވެފަ އެވެ.

ހާރަށް ކެއުމަށް އެކި މީހުންނަށް ކަމުދަނީ އެކި ކެއުންކަމަށްވާއިރު، ރޯދައަށް ހުންނައިރު ކަރުހިއްކުން ކުޑަކޮށްދޭނެ އަދި ހަށިގަނޑުގައި ވަރުޖައްސާނެ ކާނާއަށް އިސްކަންދޭ މީހުންވެސް ތިބެ އެވެ. މީގެ އިތުރުން ފެށުނީއްސުރެ ހާރުދަމުގައި ވަކި ހާއްސަ އެއްޗެއް ކާން އާދަވެފައި ތިބޭ މީހުންވެސް އުޅެ އެވެ.

ގަރުދިޔަ ބަތް: ގަރުދިޔައާއި ބަތަކީ ދިވެހިންގެ އާންމު ކެއުންތަކުގެ ތެރޭހިމެނޭ ބާވަތެކެވެ. ގަރުދިޔައާއި ބަތާއެކު ފަތު ސަޓަނި އަދި ފިހުނު މަސް ނުވަތަ ވަޅޯމަސްވެސް ކައި އުުޅެ އެވެ. ހާރުދަމުގެ ކެއުމުގައި ގަރުދިޔަ ބަތާއެކު އަސާރަ ކަމުދާ މީހުންވެސް އުޅެ އެވެ. ކެއުން ފުރިހަމަވަނީ ފަނިތައްޓެއް ނޫނީ ކަޅު ސައިތައްޓެއްވެސް ހުރީމަ އެވެ.

ރޮއްޓާއި ރިހަ: މިއީވެސް ހާރުދަމުގެ ކެއުމަށް ބައެއް މީހުންނަށް ކަމުދާ ކެއުމެކެވެ. އާންމުކޮށް ރޯދަ ވީއްލުމަށް ތައްޔާރުކުރާ ރޮއްޓާއި ރިހައިގެ ތެރެއިން ބާކީ ހުންނަނަމަ ހާރުދަމުވެސް ކައި އުޅެ އެވެ. ހާރަށް ހާއްސަކޮށްގެން ބައެއް މީހުން ރޮށިފިހެގެން ރިހައާއެކު ކައެވެ.

ރޮއްޓާއި ރިހައިގެ އިތުރުން ރޮއްޓާއި ގަރުދިޔަ އަދި ލުނބޯ، ފިޔާ އަދި ފިހުނު މަހަކީވެސް ހާރުދަމު ބައެއް މީހުންނަށް ކަމުދާ އެއްޗެކެވެ.

ފެންބަތްޕެން: ފެން ބަތްޕެނަކީ އިތުރު އެއްވެސް އެއްޗެއް އެއްނުކޮށް ފެނާއި ހަނޑޫ ބޭނުންކޮށްގެން ކައްކާ އެއްޗެކެވެ. ފެން ބަތްޕެން ތެރެއަށް ހަކުރު އަޅައިގެން ކެއުމަކީ ބައެއް މީހުންނަށް ހާރުދަމަށް އެންމެ ކަމުދާ ކެއުމެވެ. ހަކުރު ނާޅާ، ހުސް ފެންބަތްޕެން ކަމުދާ މީހުންވެސް ތިބެއެވެ.

ތަރުކާރީ: ޒަމާނަށް އައި ބަދަލާއެކު ދިވެހިންގެ ކެއުމުގައި ތަރުކާރީ ހިމަނާ މިންވަރު އިތުރުވެއްޖެއެވެ. ހަށިގަނޑަށް ފައިދާހުރި ކެއުންތައް ކާ މީހުންނަށް ނުވަތަ ހަށިގަނޑަށް ބަލައިގެން ކެއުން ބައްޓަން ކުރާ މީހުންނަށް ހާރުދަމު އެންމެ ކަމުދަނީ ތަރުކާރީއެވެ. ސްޓީމްޑް ވެޖްޓެބްލްސް ނުވަތަ ތަރުކާރީ ފެނުކައްކައިގެން ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ޖަހައިގެން ކައެވެ. މިއީ ހަށިގަނޑަށް ބޭނުންވާނެ ފައިދާހުރި މާއްދާތައް ހިމެނޭ ކެއުމެކެވެ.

މޭވާ: ތަރުކާރީގެ އިތުރުން މޭވާއަކީވެސް ހާރުދަމުގެ ކެއުމުގައި ބައެއް މީހުން ހިމަނާ ބާވަތެކެވެ. ކަރާ، އޮރެންޖް، އާފަލު ފަދަ ފެން ގިނަ މޭވާ ހާރުދަމު ކެއުމަކީ ރޯދައަށް ހުންނައިރު ހަށިގަނޑު ވަރުބަލިވުމުން ދުރުކޮށްދޭނެ ކަމެކެވެ. އާންމުކޮށް ކަރާއާއި އާފަލު، އޮރެންޖުގެ އިތުރުންވެސް ދޮންކެޔޮފަދަ ތަފާތު މޭވާ ހާރުދަމުގެ ކެއުމަށް ބޭނުންކުރެއެވެ. ލުއިކޮށް ކެއުމަށް މޭވާއާއި ތަރުކާރީގެ އިތުރުން ހާރުދަމުގެ ކެއުމަށް ޔޯގަޓުވެސް ބޭނުންކުރެއެވެ. ޔޯގަޓަކީ ލުއި އެއްޗެއްގެ އިތުރުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެ އެއްޗެކެވެ.

މީގެ އިތުރުން ބަތާއި ދޮންކެޔޮ، ބަތާއި ހަކުރު އަދި ރިހާކުރު ބަތް ހާރުގަޑިއަށް ކަމުދާ މީހުންވެސް އުޅެއެވެ. ބައެއް މީހުންނަށް ޖޫސް ތައްޓަކުން ނުވަތަ ކޮފީ ނޫނީ ސައި ތައްޓަކުންވެސް ފުދެއެވެ.

ހާރު ގަޑިއަށް ތެޔޮ ނުވަތަ ހަވާދު ގިނަ ކެއުން ކެއުމަކީ ގޭހުގެ އުނދަގޫ ކޮށްފާނެ ކަމެއް ކަމަށް ހަނދާން ކުރަން ވާނެ އެވެ. ހާރުދަމުގެ ކެއުމަށް ތައްޔާރުކުރާ އެއްޗަކީ ހަށިގަނޑަށް ފައިދާހުރި ރޯދައަށް ހުންނަ އިރު ވަރުބަލި ނުވާނެފަދަ އެއްޗަކަށް ހަދާށެވެ. ތި ގޭގާއި ހާރުދަމަށް އެންމެ ގިނައިން ތައްޔާރުކުރަނީ ކޮންއެއްޗެއް ހެއްޔެވެ؟

comment ކޮމެންޓް