އެމެރިކާ ކަންބޮޑުވާފަދަ އިންޒާރުތަކެއް އީރާނުގެ ފަރާތުން ލިބެމުންދާތީ ކަމަށްބުނެ އެމެރިކާ ކަނޑުގެ ސިފައިންގެ ބޮޑު ފްލީޓެއް މެދުއިރުމައްޗަށް ފުރުވާލައިފިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ މެދުއިރުމައްޗަށް ފުރުވާލި އެމެރިކާގެ ކަނޑުގެ ފްލީޓް ލީޑް ކުރާނީ މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ޔޫއެސްއެސް އަބްރަހާމް ލިންކޮން ކަމަށާ އެއާއެކު އެކިވަރުގެ ކަނޑުގެ މަނަވަރުތަކާއި ބޮންއަޅާ ބޯޓުތައް އެ ފްލީޓްގައި ހިމެނޭ ކަމުގައެވެ.
ބޯލްޓަންއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި ވިސްނުމުގެ ދެ މަސްއޫލުވެރިންގެ ތެރެއިން އެއް މަސްއޫލުވެރިޔާއެވެ. އަނެއް މަސްއޫލުވެރިއަކީ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އެވެ.
ބޯލްޓަންއަކީ އިރާގަށް އެމެރިކާ އަރައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ޖާސޫސީ ދޮގު ރިޕޯޓެއް ތައްޔާރު ކުރުމަށް 2003 ވަނައަހަރު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އަށް އެންގިކަން އެދުވަސްވަރު ބޭޒާރުވެފައިވާ ބޭފުޅެކެވެ. ބޯލްޓަން ވިދާޅުވީ ހަނގުރާމައިގެ ބޮޑު ގުރާބަކާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ފްލީޓެއް މެދުއިރުމައްޗަށް ފޮނުވަނީ އީރާނަށް ވަރުގަދަ މެސެޖެއް ދިނުމަށް ކަމުގައެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކާއި އެމެރިކާގެ ބައިވެރިންގެ މަސްލަހަތުތަކަށް އީރާނުން އެއްވެސް ގޯނާއެއްކޮށްފިނަމަ އީރާނަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރުވެސް ބޯލްޓަން ދެއްވިއެވެ. މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރިންކަމަށް އެމެރިކާގެ މަސްއޫލުވެރިން ސިފަކުރައްވަނީ އިސްރާއީލާއި މިސްރުގެ އިތުރުން ސައޫދީ އާއި ގަލްފުގެ އެހެން ގައުމުތަކަށެވެ.
އީރާނުންވަނީ އެގައުމުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ ކުރަމުން ގެންދާ ހަރުކަށި މަސައްކަތްތަކާ ގުޅިގެން ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވައިފިނަމަ އެމެރިކާގެ ބައިވެރިން ކަމަށްވާ ގަލްފުގެ އަރަބި ގައުމުތަކަށް ތެޔޮ އެކްސްޕޯޓް ކުރުމުގެ ފުރްސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް އީރާނުން ވަނީ ބުނެފައެވެ.
އީރާން ބޭނުންވެއްޖެނަމަ ގަލްފުގެ ހުރްމުޒް ކަނޑުއޮޅިއަކީ ދަތުރުކުރުން ނުރައްކާ ކަނޑުއޮޅިއަކަށް ހެދުމަކީ އެގައުމަށް ދަތިކަމެއްނޫނެވެ. ކަނޑުގެ މައިންތަކެއް ހުރްމުޒް ކަނޑުއޮޅިއަށް އަޅާލައިފިނަމަ އެތަނުން ދަތުރުކުރާ ތެޔޮޓޭންކަރުތަކުގައި މައިންތައްޖެހި ޓޭންކަރުތައް ގޮވާނެއެވެ. ނޫނީ އެއިން ތެޔޮލީކުވާ ވަރަށް ހަލާކުވާނެއެވެ. އެންމެ ޓޭންކަރަކަށް އެފަދަ ހާދިސާއެއް ދިމާވިއަސް އެހެން ޓޭންކަރުތައް އެކަނޑުއޮޅި ހުރަސްކުރަން ފަސްޖެހޭނެކަމަށާ މިފަދަ ހާލަތެއްގައި ގަލްފުގެ ތެލުގެ އެކްސްޕޯޓް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.
މިކަމުގައި އީރާނަށް އަދަބު ދިނުމަށްޓަކައި އެމެރިކާ އީރާނަށް ހަމަލާދީފިނަމަ އީރާނުން ގަލްފުގެ އަނެއް ފަޅީގައިވާ ގަލްފުގެ ގައުމުތަކުގެ ތެލުގެ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ދޭނެއެވެ. އެފަދަ ހާލަތެއްގައި ގަލްފުގެ ތެލުގެ މަރުކަޒުތައް ހަލާކުވެ ތެލުގެ އެކްސްޕޯޓް ހުއްޓި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެ ގަލްފުގެ ގައުމުތަކާއި އެމެރިކާގެ އިގްތިސާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާނެކަމަށް ތަޖްރިބާކާރުން އިއްތިފާގުވެއެވެ.
ގަލްފުގެ ތެލުގެ މަރުކަޒުތައް އަލުން ބިނާކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް ބެލެވިފައިވާއިރު ހަމައެކަނި ތެލަށް ބަރޯސާވާ ގަލްފުގެ ގައުމުތަކުގެ އިގްތިސާދު އެމުއްދަތުގައި އިނދަޖެހި އެގައުމުތަކުގައި ދާޚިލީ ހަމަނުޖެހުންތައް ހިނގާވަރަށް އެތެރޭގެ ހާލަތު ގޯސްވުމުގެ ފުރްސަތު ބޮޑެވެ. ގަލްފުގެ ގައުމުތަކުގެ ހަމަޖެހުމަކީ ހަމައެކަނި އެގައުމުތަކަށް ލިބޭ އަދަދު ނޭނގޭހާ ފައިސާއެވެ. އެ ފައިސާގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ އާދަޔާ ޚިލާފު ތަނަވަސްކަމެވެ.
އެމެރިކާ ތަކުރާރުކޮށް އީރާނަށް އިންޒާރު ދިންނަމަވެސް އެގައުމަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރެނީ މިމައްސަލައާ ގުޅިގެން ކަމަށް މުހައްލިލުން ދެކެއެވެ. ބޯލްޓަންވަނީ އެމެރިކާއިން ކަނޑުގެ ސިފައިންގެ ބޮޑު ފްލީޓެއް މެދުއިރުމައްޗަށް ފޮނުވަނީ އީރާނަށް އިސްވެ ހަމަލާދޭން ނޫންކަމަށާއި މިއީ އެމެރިކާގެ ބާރު އީރާނަށް ދައްކާލުމުގެ މެސެޖް އީރާނަށް ދިނުމަށް ކުރާކަމެއް ކަމަށް ވިދާޅުވެފައެވެ.