ފިނިފިނި ލަންޑަން ވަށައި ބުރެއް

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން

ކޮކާ ކޯލާއިން މިއަހަރުގެ ކުރީކޮޅު ބޭއްވި ޕްރޮމޯޝަނެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގް މެޗެއް ބަލައިލައި ލަންޑަން ދައްކާލަން އެ ކުންފުނިން ގެންދާ، ނަސީބުވެރި ހަތް ދިވެހިންނާ އެކު އެ ދަތުރުގައި އަހަންނަށް ވެސް ބައިވެރިވާން ފުރުސަތެއް ލިބުނެވެ.

ލަންޑަނަށް ދިޔުމުގެ ދަތުރު އަހަރުމެން ފެށީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. ވެލާނާ އެއާޕޯޓުން ފުރައިގެން ގޮސް، ލަންކާ އެއާޕޯޓްގައި ގަޑިއެއްހާއިރު މަޑުކޮށްލުމަށް ފަހު، 11 ގަޑިއިރުގެ ދަތުރަކަށް ފަހު ފްލައިޓް ޖެއްސީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު، ލަންޑަންގެ ހީތުރޯ އެއާޕޯޓްގަ އެވެ. އޭރު ލަންޑަން ގަޑިން ބަރާބަރު ރޭގަނޑު 8:30 ވެއްޖެ އެވެ. އެންމެން ވެސް ތިބީ ނިކަން ބޮޑަށް ލޮޑުވެ، ނިދަން ބޭނުންވެފަ އެވެ.

މުޅި ދުވަހު ދަތުރު މަތީ އުޅެން ޖެހުމުން އިންތިހާއަށް ވަރުބަލިވެފައި ތިއްބަސް، އެ ކާރޫބާރޫކަމުގެ ތެރޭގައި އުޅެން ޖެހުނީ ނިކަން ހަލުވި ކޮށެވެ. މީހުން ގިނަކަމުން އަހަރެން ވެސް އަދި ދެން ތިބި ބައިވެރިން ވެސް ބެލީ އެކަކަށް ވުރެ އަނެކަކު ކުރިން އެ މީހެއްގެ ލަގަޖް ހޯދައި އަތްމަތި ކުރާށެވެ. ލަޖަގްތައް ނަގައި މާނޭވާ ލަމުން އަހަރެން ވެސް ބުނީ، "ކޮބާ މިތިބީ ލަންޑަނަށް އާދެވިފަ" އެވެ. އެއް ބަޔަކު ބުނީ "ހަބޭހަށް މަޖާ ނަގާލަން" ވާނެ ކަމަށެެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން: ހުޅުލޭ އެއާޕޯޓުގައި

ލަގަޖްތައް ލިބުމާ އެކު އަހަރުމެން ބެލީ ތޮއްޖެހިފައި އޮތް މީހުންތަކުގެ ތެރެއިން ނުކުމެ، ސާފު ވައި ލިބޭނެ ދިމާލަކަށް އަވަހަށް ދެމި ގަނެވޭތޯ އެވެ. ވީހާ ވެސް އަވަހަކަށް އެއާޕޯޓުން ބޭރަށް ނުކުމެ، ދުނިޔެމަތީގެ އަލިކަން ދެކިލަން އެންމެން ވެސް ތިބީ ކެތް މަދުވެފަ އެވެ. އިސާހިތަކު އެއާޕޯޓުން ނިކުންނަ ދޮރު ހޯދައިގެން، ނިކުމެ ބޭރަށް ބޯދިއްކޮށްލިއިރު ކަމަކުދާކަށް ނެތެވެ. އަހަރުމެން އައިސް ބައްދާލީ ލަންޑަންގެ ފިނިކަމެވެ. ހީވީ ގައި ތޮރުފާލިހެން އެވެ. އެންމެން ވެސް ޖެކެޓްތައް އަޅައި، އެ ފިނިކަމުން ހިމާޔަތް ހޯދީ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން

ދަތުރުގެ އިންތިޒާމްތައް ކޮކާ ކޯލާއިން އޮތީ ވަރަށް ފުރިހަމަޔަށް ރާވާލައިފަ އެވެ. އެއާޕޯޓުން ނިކުތް އިރު، ހޮޓަލަށް ދާނެ ވެހިކަލް އޮތީ ތައްޔާރުގަ އެވެ. އެ ފިނިކަމުގެ ތެރޭގައި ނުތިބޭންވެގެން އެންމެން ވެސް ވެހިކަލްގެ ތެރެއަށް އަރައި ހަމަޖެހިލީ އެވެ.

ލަންޑަންގައި އަހަރުމެން ތިބުމަށް ހަމަޖެހިފައި އޮތީ، ކެޕްތޯން ޓާޜާ ހޮޓެލް އެވެ. ގޫގުލް ސާޗެއް ކޮށްލިއިރު، އެއީ ސެންޓްރަލް ލަންޑަންގެ ކެންޒިންގްޓަނުގައި ހުރި ހިތްގައިމު ހަތަރު ތަރީގެ ހޮޓަލެކެވެ. މާގިނައިރެއް ނުވެ އަހަރުމެންނަށް ހޮޓަލަށް އާދެވިއްޖެ އެވެ. ރޭގަނޑުގެ ކެއުމަށް ވުރެވެސް ބޮޑަށް އަހަރެން ބެލީ، ކޮޓަރީގެ ތަޅުދަނޑި އަތުޖައްސާށެވެ. އެންމެ ހިދުކޮޅަކަށް ވެސް މަޑުނުކޮށް ކޮޓަރިއަށް ވަދެ، އެނދު މައްޗަށް ފުންމާލީ އެވެ. ރަޖާ ގަނޑުގެ ތެރެއަށް ވަދެ އޮވެ، އެރޭ ގަދަ ނިދީގައި އަހަރެން ނިދީ އެވެ. ޖެހިގެން އައި ދުވަހު ހޭލުވުނީ ވެސް، ރޫމް މޭޓް ޗުކުޗުކު ތަޅުވާ އަޑަށެވެ.

ލަސްނުވެ، ތައްޔާރުވެލައިގެން ހެނދުނުގެ ނާސްތާ ހޮޓަލުން ނަގާ ނިމުނު އިރު، އަހަރުމެންނަށް އޮތީ ލަންޑަން ވަށައި ބުރެއް ޖަހާލަން ލަންޑަން ބަސް ޓުއާއެއް ތައްޔާރުކޮށްލައިފަ އެވެ. މި ދަތުރުގެ ބޭނުމަކީ، ލަންޑަންގެ މަޝްހޫރު ބައެއް އިމާރާތްތަކާއި ޕާކުތަކުގެ އިތުރުން އެތަންތަނުގައި ހުރި އާސާރީ މުހިންމު ބިނާތައް ބަލައިލުމެވެ.

މެދުތެރޭގެ ލަންޑަނަށް ހާއްސަކޮށްފައި އޮތް ބަސް ޓުއާގައި އެކި ތަންތަނަށް މަޑުކުރަމުން ގޮސް، އަހަރުމެން މަޑު ކޮށްލީ އެ ގައުމުގެ ޝާހީ ގަނޑުވަރު ބަކިންގްހަމް ޕެލަސްގެ ކުރިމައްޗަށެވެ. އެ ތަނަކީ އިނގިރޭސި ވިލާތުގެ ތާރީހުގައި ވެސް އެންމެ މުހިއްމު އެއް ބިނާ އެވެ. ކުރީގެ ރަސްރަސްކަލުންނާއި ރާނީން ދިރިއުޅުއްވާފައިވާ އެ ޝާހީ ގަނޑުވަރަކީ މިހާރުގެ ރާނީ ކުއީން އެލިޒަބަތް 2ގެ ވެސް ގަނޑުވަރެވެ. އެ ގަނޑުވަރު މަރާމާތަށް ބަންދު ކޮށްފައިވާތީ އެތަން ބަލައިލުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު ގަނޑުވަރުގެ ގާޑުންގެ ޑިއުޓީ ބަދަލުވާ ތަފާތު މަންޒަރު ބަލައިލަން އެތަނުގައި ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ބަކިންގްހަމް ޕެލަސް

އެއަށްފަހު އަހަރުމެން އަނެއްކާ ވެސް ބަހުގައި ދަތުރު ފަށައި، ގޮސް މަޑުކޮށްލީ، ލަންޑަނަށް ހާއްސަ ކެއުމެއް ކަމަށްވާ ފިޝް އެންޑް ޗިޕްސްއަށް ހާއްސަ ރެސްޓޯރަންޓަކަށެވެ. އެތަނުގައި އަހަރުމެން ކެއުމަށް އިންސާފުކުރީ އެވެ. ރަނގަޅަށް ބަނޑުދަމައި ނުލެވިގެން އުޅެނިކޮށް ބަސް ދުއްވާފައި ގޮސް މަޑުކުރީ، ލަންޑަންގެ އެންމެ ދުވަސްވީ އެއް ބިނާ ޓަވާ އޮފް ލަންޑަން ބަލައިލާށެވެ. އެތަނަކީ މީގެ 950 އަހަރު ކުރިން ބިނާ ކޮށްފައިވާ އިނގިރޭސި ތާރީހުގައި ވެސް މުހިއްމު ތަނެކެވެ. ޝާހީ އާއިލާގެ އެކި ބޭނުންތަކުގައި މިތަން ބޭނުން ކުރުމުގެ އިތުރަށް، ބޮޑެތި ކުށްވެރިން ބަންދު ކުރާ ޖަލެއްގެ ގޮތުގައި ވެސް މިތަން ބޭނުން ކުރި ކަމަށްވެ އެވެ. އަދި ވަލު ޖަނަވާރު ގެންގުޅުނު ޒުލެއްގެ ގޮތުގައި ވެސް ބޭނުން ކުރި އެވެ.

އެކަމަކު، ޓަވާ އޮފް ލަންޑަން އަކީ މިހާރު މުޅި އިނގިރޭސި ވިލާތުގެ ވެސް އެންމެ އަގުހުރި ހަޒާނާތައް ރައްކާކޮށްފައިވާ ތަނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރުގެ ގޮތުގައި ބަލާ، މަޝްހޫރު ކޮހިނޫރު، އަލިމަސް ފަދަ އެތަށް ޖަވާހިރެއް އެތަނުގައި ދައްކާލަށް ބަހައްޓާފައި ހުއްޓެވެ.

އިނގިރޭސި ވިލާތުގެ އެންމެ އާސާރީ އެއް ބިނާ: ޓަވާ އޮފް ލަންޑަން

އަގުބޮޑު ގަހަނާ ތަކާއި ރަނުން ހަދާފައި ހުރި އެތަކެއް ސާމާނުތަކެއް ވެސް އެތަނުގެ ތެރެއިން ވިދާބަބުޅަމުން ދިޔައިރު، ފާހަގަ ކުރެވޭ ކަމަކީ އެތާ ތެރޭގައި އުދުހި އުދުހިފައިި އުޅޭ ކާޅު ތަކެވެ. ޝާހީ މުހިއްމު ބިނާއެއްގެ ތެރޭގައި ކާޅު ތަކެއް ގެންގުޅުމަކީ ޖޯކެއް ކަމަށް ފުރަތަމަ ހީކުރެވުނެވެ. ނަމަވެސް ފަހުން އިނގުނީ އެ ތަނުގައި ޒަމާނުއްސުރެ ހަ ކާޅު ގެންގުޅޭ ކަމެވެ. އެއީ ޝާހީ، ސަގާފަތެއް ކަމަށްވެ އެވެ. ފޯކްލޯތަކުގައި ބުނާ ގޮތުގައި ކާޅުތައް އެތަނުން ނިކުމެގެން ގޮސްފި ނަމަ، ލަންޑަންގެ ޒަމާން ދިޔައީ އެވެ. އެހިސާބުން އެ ސިޓީ ނެތި ދިޔުމާއި ގާތްވީ އެވެ.

ޓަވާ އޮފް ލަންޑަންގެ ތަޖުރިބާއަށް ފަހު ދެން ދަތުރު ފެށީ ލަންޑަނަށް ދާ އެންމެން ކަހަލަ ގޮތަކަށް ޒިޔާރަތް ކުރާނެ ތަނަކަށްދާށެވެ. މުޅި ލަންޑަން، އެއްކޮށް ފެންނަ ގޮތަށް ފަރުމާ ކޮށްފައިވާ "ލަންޑަން އައި" އަށް ދެވުނު އިރު ގިނަ ބަޔަކު އެ ސަރަހައްދަށް ވަނީ ޖަމާ ވެފަ އެވެ. އެތަނަށް އަރަން އެއްވެފައި މީހުންގެ ކިޔު ކޮޅާ ކޮޅު ނުފެނެ އެވެ. އަހަރުމެންނަށް އެތަނަށް އެރޭވަރުވީ، ކިއުގައި ގަޑިއިރެއްހާ މަޑު ކުރި ފަހުން އެވެ. އޭރު އިރުއޮއްސުމާ ގާތްވެއްޖެ އެވެ. ބިއްލޫރިން ހަދާފައިވާ ވަށް ބޯޅަތަކަށް މީހުން އަރާފުރުމުން އެ ބޯޅަތަށް ހަރުކުރެވިފައިވާ ބުރު އެނބުރިގެން މަޑުމަޑުން މައްޗަށް އެރި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން: ލަންޑަން އައި

ހިތްގައިމު ލަންޑަންގެ ސިޓީ މަތިން ބަލާލުމަށް ބުރުގެ އެންމެ މައްޗާ ހަމައަށް އަޅުގަނޑުމެންނަށް ފޯރީ 15 ވަރަކަށް މިނެޓު ފަހުންނެވެ. ބުރުގެ އެންމެ މަތީގައި ތިބި އިރު ފެންނަމުން ދިޔަ ލަންޑަންގެ ރީތިކަމާއި މުއްސަނދިކަމެވެ. ދުނިޔޭގެ އެންމެ ތަހުޒީބު އެއް ސިޓީގެ ތަފާތުވިއުއެއް ބަލައިލަން މިއީ ހަމަ މަރެކެވެ.

ލަންޑަން ދައްކާލުން ވެސް ހިމެނޭ ގޮތުން ކޯކުން މި ކުރާ ދަތުރުގެ ދެވަނަ ދުވަސް ހާއްސަވެފައި އޮތީ، ލަންޑަންގެ ރަށްފުށު ސަރަހައްދު ދައްކާލުމަށެވެ. ދެގަޑި އިރެއްހާ އިރުގެ ދަތުރަކަށްފަހު އަހަރުމެންގެ މަންޒިލަށް އާދެވުނު އިރު އެ ސަރަހައްދުގެ ފިނި ހޫނުމިން ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ. ރޫރޫއަޅަމުން ވެސް ބަހުން ފައިބައިގެން ހިނގައިގަތީ، ކުރީގެ ގަނޑުވަރެއް ކަމަށްވާ، ވިންސްޑޯ ހަވޭލި ބަލާފައި ނޫނީ ނުދާށެވެ.

ވިންސްޑޯރް ހަވޭލި އަކީ ވެސް ކުރީގެ ރަސްރަސްކަލުންނާއި ރާނީން ދިރިއުޅުނު ބިނާ އެކެވެ. މިހާރު އެތަނަކީ ކުރީގެ ރަސްކަލުންނާއި ކޮމާންޑަރުން ހަނގުރާމަ މަތީގައި ބޭނުން ކުރި އާލަތްތަކާއި އޭރު ގެންގުޅުނު ބައެއް ތަކެތީގެ އިތުރުން އެ ޒަމާނުގެ ފަންނުވެރި މަސައްކަތްތައް ރައްކާ ކުރެވިފައިވާ ދާރުލް އާސާރެކެވެ. އަދި ފަތުރުވެރިންނަށް އެކި ހިދުމަތްތައް ދިނުމަށް ހަވޭލީގެ އިމާރާތް ބޭނުން ކުރި ނަމަވެސް އެތަނުގެ ބައެއް ބައިތައް ހުންނަނީ އަދިވެސް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ސަބަބަކީ އެތަނަކީ ވެސް މީގެ 950 އެއް ހާ އަހަރު ކުރިން ހަދާފައިވާ ތަނަކަށް ވެފައި އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮތީމަ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން: ވިންސްޑޯ ކަސަލްއަށް ކުރި ޒިޔާރަތުގެ ތެރެއިން

ވިންސްޑޯ ހަވޭލީގެ ތަޖުރިބާއަށްފަހު މެންދުރުގެ ކެއުމަށް އިންސާފުކޮށްގެން ދެން ދަތުރު ފެށީ މެދުތެރެ ލަންޑަންއާ ދިމާލަށެވެ. އިރުމަތި ލަންޑަންއާއި ހުޅަނގު ލަންޑަން ވަކި ކޮށްދޭ ކޯރު، ރިވާ ތޭމްސްގެ ކުރޫޒްއަކަށް އަހަރުމެން އެރީ އެވެ. އެންމެން ވެސް ބޭނުންވީ "ލަންޑަން ބްރިޖް" ބަލައިލާށެވެ. އެ ދުވަހުގެ މި މަޖާ ތަޖުރިބާތައް ނިންމާލީ، ލަންޑަން ބްރިޖްގެ ދަށުން ދުއްވާލައި، އެ ތަނުގެ ޗާލު ފޮޓޯކޮޅެއް ހޯދާލައިގެން އެވެ.

ދަތުރުގެ ތިން ވަނަ ދުވަސްވީ ހާއްސަ ދުވަހަކަށެވެ. އެންމެން ވެސް ބޮޑު ފަތިހާ ހޭލައިގެން ސީދާ ގަޑިއަށް ބަހަށް އަރައި ރެޑީވެ ތިބީ ލަންޑަންގެ އިރު އިތުރަށް ދަތުރު ފަށާށެވެ. ހަތަރު ވަރަކަށް ގަޑިއިރު ދުއްވުމަށްފަހު މި ދަތުރުގެ ހަގީގީ މަންޒިލަށް އާދެވުނީ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރާ މެޗު ބަލާލުމަށް ސިޓީ އޮފް މެންޗެސްޓާ އަށް އާދެވުނު އިރު ހުރީ މެންދުރުގެ ވަގުތުވެފަ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން: މެންޗެސްޓާގައި

އިނގިރޭސި ވިލާތުގެ އެންމެ ތާރީހީ ފުޓުބޯޅަ ސްޓޭޑިއަމް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ފުޓުބޯޅަ ސްޓޭޑިއަމްއަށް އައުމަކީ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެއްޗެއް ކާލައިގެން ސްޓޭޑިއަމްއަށް ވަތް އިރު އަހަނަށް އޭރު އެ ހުރެވުނީ 75،000 ސަޕޯޓަރުން ޖަމާވެފައި އޮތް، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރާ ފޯރިގަދަ މެޗްގެ ތެރޭގަ އެވެ.

އެ ހުރިހާ ސަޕޯޓަރުން އެއް އަޑަކަށް އެއް ރާގަކަށް ސަޕޯޓް ކުރަމުން ދިޔައިރު އައީ އަމަށަކު ޖޯޝެއް ނޫނެވެ. އެއީ އާދަޔާ ހިލާފު ފޯރި އެކެވެ. ޔުނައިޓެޑާއި ޗެލްސީގެ ފޭނުން އެ މީހުން ސަޕޯޓް ކުރާ ޓީމަކަށް މަރުދެނީ އެމީހުންގެ އަޑުގައި ހުރި ބާރަކާއި ގައިގެ ހުރި ހިތްވަރެއް ނެރެގެން އެވެ.

އެ ހުރިހާ ފޯރިއަކާ އެކުވެސް، މެޗް ނިމިގެން ދެ ޓީމުގެ ސަޕޯޓަރުން އެކަކު އަނެކަކު ކޮނޑު ޖައްސާ ސަލާންކޮށްލަ އެވެ. އެއީ ނަމޫނާ އެކެވެ، ދެ ޓީމުގެ ސަޕޯޓަރުން އެކަކު އަނެކަކާއި ސަލާންކޮށް ސެލްފީ ނަގައި ވެސް ހެދި އެވެ. ހީވަނީ އެތަނުގައި މުޅިންހެން ވެސް ތިބީ، އެއް އާއިލާއެއްގެ މެންބަރުންހެން އެވެ. ކުޅިވަރުގައި ހުރިހާވެސް އެއްޗަކީ އެއްބައިވަންތަކަމާއި ސުލްހަކަށް އެމީހުން ނިކަން ރަނގަޅަށް ދެއްކި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންއަށް ކޮކާ ކޯލާގެ ނަސީބުވެރިންނާ އެކު ކުރި ދަތުރުގެ ތެރެއިން: މެންޗެސްޓާގެ އޯލްޑް ޓްރެފޯޑް ފުޓުބޯޅަ ސްޓޭޑިއަމުގައި

މެޗު ބަލާ ނިންމުމަށް ފަހު އެނބުރި ހޮޓަލަށް ދިޔައީ ހިތް ފުރިގެން އެވެ. މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ އެތައް މަންޒަރުތަކަކާއި ފިލާވަޅުތަކެއް ފުޓުބޯޅަ މެޗެއްގެ ތެރެއިން ދަސްކޮށްދީފި އެވެ.

ޖެހިގެން އައި ދުވަހު ހުރިހާ ބައިވެރިން ރާއްޖެއަށް ފުރީ ކޮކާ ކޯލާއަށް ޝުކުރު އަދާކުރަމުން އެވެ. މި ދަތުރުގެ ތަޖުރިބާތައް ތާއަބަދަށް ހުންނާނެ އެވެ. އަހަރެން އަދި މާ އުފާވީ، މުޅިން އާ ރަހުމަތްތެރިންތަކެއް މި ދަތުރުން އަހަންނަށް ލިބުނީމަ އެވެ.

comment ކޮމެންޓް