ގަމުގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

ލ.ގަން --

ލ އަތޮޅުގައި މީހަކު ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ ހޯދަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށް، އެކަމުގައި ޝާމިލްވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ، މި މަހުގެ ދެވަނަ ދުވަހުގެ ރޭ ގްރޫޕަކުން ލ ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް ތޫނު އެއްޗިހި ބިރުދެއްކުމަށް ފަހު 8،900 ރުފިޔާ އޭނާގެ އަތުން ފޭރިގެންފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މި ގްރޫޕުން އަނެއްކާ ވެސް އޭނާއަށް ބިރު ދައްކައި އިތުރު ފައިސާ ދިނުމަށް އޭނާގެ ކިބައިން އެދެމުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ފައިސާތަކާ ހަވާލުވާން، ލ. ގަމު ޕްރޮވިންސް އޮފީސް ކައިރިއަށް އައި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ މީހާ، ސައިކަލަކަށް އަރައިގެން އެތަނުން ފިލާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް