ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެެއް ފޭރެން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި

ކްރައިމްއެއް ފުލުހުން ބަލަނީ --- ސަން ފައިލް ފޮޓޯ: އަހްމަދު މުޖުތަބާ

ރޭ ދަންވަރު މާލޭގައި ބިދޭސީއަކު ރަހީނުކޮށް، އެހެން މީހެއްގެ އަތުން ފައިސާތަކެއް ހޯދަން އުޅެނިކޮށް ބަޔަކު ހައްޔަަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރަހީނުކޮށްފައި ވަނީ ބަންގްލަދޭޝްގެ 29 އަހަރުގެ މީހެއް ކަމަށާއި އޭނާ ރަހީން ކުރުމަށް ހިންގި ހަރަކާތުގައި ހަތް ދިވެއްސަކު ބައިވެރިވި ކަމަށެވެ. އެ މައްސަލާގައި 42 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ރަހީނުކޮށްފައިވާ ބިދޭސީ މީހާގެ ރައްޓެއްސަކާ ގުޅައި 40،000 ރުފިޔާ ދިނުމަށް ޑިމާންޑްކޮށް މި ފައިސާ ބަލައި އައި ވަގުތު، ކެންގަރޫ ކިޑްސް ކައިރި [އަށް] ފައިސާއާ ހަވާލުވުމަށް އައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް ކުރުމަށް ފަހު، ރަހީނު ކުރި ބިދޭސީ މީހާ ދެއްކުމަށް ފުލުހުން އެންގުމުން ނިކަގަސް މަގުގައި ހުރި ގޯޅިއެއްގެ ތެރޭގައި އެ މީހާ ރަހީނުކޮށްފައިވާ ކަމަށް ބުނުމުން ފުލުހުން ގޮސް އޭނާ ވަނީ ހޯދައިފަ އެވެ.

އަދި ފުލުހުން ބުނީ އެ މައްސަލާގައި އިތުރަށް މައުލޫމާތު ސާފު ކުރުމުން އެ އަމަލު ހިންގުމުގައި ހަތް ދިވެއްސަކު ބައިވެރިވެފައިވާ ކަމަށާއި ރަހީނު ކޮށްފައި ހުރި ބިދޭސީ މީހާގެ ގައިގައި ތަޅައި އަނިޔާކޮށް މާރާމާރީ ހިންގުމަށް ފަހު ދެ މޯބައިލް ފޯނާއި ކަރުގައި އަޅާފައި އޮތް ފަށާއި ތަޅުދަނޑިފައްޗެއް ފޭރިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ރަހީނު ކުރުމަށް ބައިވެރިވި މީހުން ފިލާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް