އިނގިރޭސި ލޯކަލް އިންތިޚާބުގައި ރައްޔިތުން ކޮންޒަވެޓިވް ޕާޓީއަށް އަދަބުދޭނެ

ލަންޑަން (މޭ 2): އިނގިރޭސިވިލާތުގައި މިއަދު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޮންޒަވެޓިވް ޕާޓީއަށް އަދަބު ދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާ އިން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގައި 124 ދާއިރާ އަށް ލޯކަލް ކައުންސިލް އިންތިޚާބު ކުރުމަށް މިއަދު ބާއްވާ އިންތިޚާބުގައި، ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީ ބޮޑު ބައްޔަކުން ބަލިވެގެންދާނެ އެވެ. އަދި ރައްޔިތުން ތިބީ ބްރެކްސިޓްގެ މައްސަލާގައި ކޮންޒަވެޓިވް ޕާޓީއަށް ސިޔާސީ ގޮތުން އަދަބު ދޭން ކެތް މަދުވެފަ އެވެ. ލޯކަލް ކައުންސިލްތަކުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ކައުންސިލް، ކޮންޒަވެޓިވް ޕާޓީއަށް ގެއްލިގެންދާނެކަމަށް ބެލެވިފައިވާއިރު މިކަމުގެ ސަބަބުތައް ވަރަށް ގިނަ ކަމަށާއި ނަމަވެސް މައިގަނޑު ސަބަބަކީ ބްރެކްސިޓްގެ މައްސަލާގައި ކޮންޒަވެޓިވް ޕާޓީ ފެއިލްވުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވޯޓުލާން ތައްޔާރުވެފައިވާ އިރު އާންމުންގެ ގިނަބައަކުވަނީ ކޮންޒަވެޓިވް ޕާޓީއަށް އަދަބު ދިނުމަށް އެމީހުން ކެތްމަދުވެފައިވާ ކަމަށް ބުނެފަ އެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް (ބްރެކްސިޓް) އަމާންކަމާއި އޮމާންކަމުގައި ގެންދިޔުމުގައި ކޮންޒަވެޓިވް ޕާޓީ ވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފަ އެވެ.

އިނގިރޭސި ޕާލަމެންޓްގައި އެޕާޓީގެ އަޣްލަބިއްޔަތު އޮތް އިރު ވެސް ބްރެކްސިޓް ގެ މައްސަލަ ހައްލުކުރުމުގައި އެޕާޓީ ވަނީ ތިން ފަހަރު މަތިން ނާކާމިޔާބުވެފަ އެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އިރު މި ދަތިތަކުގެ އެންމެ ބޮޑު ބައެއް ތަހައްމަލް ކުރަންޖެހިފައި ވަނީ ކުންފުނިތަކާއި އާންމު ރައްޔިތުންނެވެ.

އިނގިރޭސިވިލާތުގައި 124 ދާއިރާ އަށް ލޯކަލް ކައުންސިލްގައި 8،000 ގޮނޑި ހިމެނެ އެވެ. ލޯކަލް އިންތިޚާބުގައި ކޮންޒަވެޓިވް ޕާޓީ ބޮޑު ބައްޔަކުން ބަލިވެގެންދާނެ ކަމަށް ލަފާކުރެވިފައިވާ އިރު އިދިކޮޅު ލޭބާ ޕާޓީ އާއި ވާތުފިޔައިގެ އެހެންޕާޓީތަކުން ލޯކަލް ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ނަގާނެކަމަށް ކޮންޒަވެޓިވް ޕާޓީގެ ބައެއް މަސްއޫލުވެރިން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް ކޮޅެއްގައި ޖެއްސުމަށް ކޮންޒަވެޓިވް ޕާޓީ ނުކުޅެދިފައިވާއިރު މިހާރުވަނީ އަންނަ އޮކްޓޯބަރު މަހުގެ 31 އަށް ބްރެކްސިޓްގެ ތަރީޚު ފަސްކޮށްފަ އެވެ. މިގޮތަށް ފަސްކުރަންޖެހުނީ ބްރެކްސިޓަށް ކުރިން ކަނޑައެޅި ތާރީޚު ކަމަށްވާ 29 މާޗް ގެ ނިޔަލަށް ވެސް އަދި އެއަށް ފަހު ކަނޑައެޅި ތާރީޚަށް ވެސް އެކަން ނިންމުމަށް ކޮންޒަވެޓިވް ޕާޓީ ނުކުޅެދުމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް