ސަރުކާރު އޮފީސްތަކުގެ ރަސްމީހެދުން ކަނޑައެޅިތާ 50 އަހަރު!

ސަރުކާރު މުވައްޒަގުން އޭރު އަޅައި އުޅުނު ހެދުން - ފޮޓޯނޭޝަނަލް އާކައިވްސް

ސަރުކާރު މުވައްޒަފުން އޮފީހުގެ ރަސްމީ މަސައްކަތަށް ނިކުންނައިރު އަޅަންޖެހޭ ހެދުމާ ގުޅޭގޮތުން 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމެވުމެއް ނިންމަވައި، އިއުލާނު ކުރެއްވިއެވެ.

އެ އިއުލާނުގައިވާ ގޮތުން އެ އަހަރާ ޖެހިގެން އަންނަ 1969 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ ތެރެއިން 100 ރުފިޔާ އިން މަތީގެ އުޖޫރަ ލިބޭ މީހުން އޮފީހަށް ހާޒިރުވާންޖެހޭނީ ވަކި ހާއްސަ ހެދުމެއްގައި ކަމަށް ކަނޑައެޅިއެވެ.

އެގޮތުން އެދުވަހުގެ ކުރީން ފިރިހެނުން ލައި އުޅުނު މުންޑުގެ ބަދަލުގައި ރަސްމީ ގަޑީގައި ސަރުކާރުގެ މަސައްކަތުގައި އުޅޭއިރު ފިރިހެނުންގެ ހެދުމަކީ ފަޓުލޫނު ނުވަތަ ފަޓުލޫނު ބުރި އަދި ފައިވާން ކަމުގައި ހަމަޖެއްސިއެވެ.

އަދި އަންހެނުންގެ ހެދުމަކީ ސާޅި، ޕާކިސްތަނު ހެދުން ނުވަތަ ކުރުހެދުން ކަމުގައި ކަނޑައެޅިއެވެ. މުވައްޒަފުންގެ ހެދުމަކީ އެކަށީގެންވާގޮތަކަށް ހުންނަ ހެދުމަކަށް ވާންޖެހޭނެ ކަމަށާއި ރަސްމީ ހެދުން އަޅަންޖެހޭ މީހުންގެ ތެރޭގައި މަސައްކަތު މީހުންނާއި އެ ފެންވަރުގެ މީހުން ނުހިމެނޭ ކަމަށްވެސް ކަނޑައެޅިއެވެ.

މިއަދަކީ ސަރުކާރު އޮފީސްތަކުގެ ރަސްމީ ހެދުން ކަނޑައެޅިތާ 50 އަހަރު ފުރުނު "ރަން ޔޫބީލް" އެވެ. މީގެ 50 އަހަރު ކުރިން އޭރު ސަރުކާރުން ކަނޑައެޅި ސަރުކާރު މުވައްޒަފުންގެ ރަސްމީ ހެދުން އެޅުމުގެ އުސޫލަށް، ޒަމާނާއެކު ބަދަލުތަކެއް ވަނީ އައިސްފައެވެ.

އެގޮތުން މީގެ ކުރިން ރަސްމީ ހެދުމުގެ ގޮތުގައި ބައެއް މީހުން ސާޅި އެޅި ނަމަވެސް ދިވެހި އަންހެނުންގެ ހެދުން އެޅުމަށް އައި ބަދަލާއެކު ސާޅި އެޅުން ހުއްޓާލިއެވެ. މިހާރު ހަރުވާޅު ނުވަތަ ބެލްސާއެކު އޮފީސް ގަމީސް އަޅައި އުޅެއެވެ. ފިރިހެނުން ދަށަށް ޖަހައި ގަމީހާއި ފަޓްލޫނު ބޭނުން ކުރަމުންދާއިރު، ފައިވާނުގެ ބަދަލުގައި އަރަނީ ބޫޓަށެވެ.

comment ކޮމެންޓް