ދީނުގެ ނަމުގައި ހިންގާ ކަންކަން ބަލައި، މުގައްރަރު އިސްލާހުކުރަން ޖެހޭ: ނަޝިދު

ނަޝީދު: ދީނުގެ ނަމުގައި ހިންގާ ކަންކަން ބަލައި، މުގައްރަރު އިސްލާހު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިސްލާމްދީނުގެ ނަމުގައި ހިނގާ ކަންކަ ބަލައި، ރާއްޖެ މުސްތަގުބަލު ސަލާމަތްކުރުމަށް މަދަރުސާތަކުގެ މުގައްރު އިސްލާހު ކުރުމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރި، ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުގައި ދިވެހިން ހަނގުރާމަ ކުރަމުންދާ ވާހަކައަކީ ވޭތުވެދިޔަ ދެ ތިން އަހަރެއްހާ ދުވަސްތެރޭގައި ވަރަށް ބޮޑަށް ދެކެވެމުން އަންނަ ވާހަކަ އެކެވެ. އަދި ސީރިޔާގައި ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ޓެގު ކުރައްވައި ރައީސް ނަޝިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް ކުރުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ.

"މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ވާހަކަތައް މާގިނަ،" މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު، ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިނުގެ ނަމުގައި ހިނގާ ކަންކަން ބެލުމަށާއި މުގައްރިރު އިސްލާހު ކުރުމަށް ނަޝީދު ގޮވާލައްވާފައިވާއިރު، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، ދީނީ ގޮތުން ހަރުކަށި، ހައްދުފަހަނައަޅާފައިވާ ޓެރެރިސްޓުން ވަނީ ސްރީލަންކާގެ ކްރިސްޓިއަނުންގެ ޗާޗުތަކަށާއި ޓޫރިސްޓް ހޮޓާތަކަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ. އެއާއެކު، ޓެރެރިޒަމްގެ ނުރައްކާ ރާއްޖެއަށް ވެސް އެބައޮތް ކަމަށް ބޭރުގެ ބައެއް މީޑިއާއަތކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ލަންކާގައި ދިން ބޮމުގެ ހަމަލާއަކީ މުޅި މި ސަރަހައްދަށް އޮތް ނުރައްކަލެއް ކަމަށާއި ހަމަލާއާ ގުޅިގެން ރާއްޖެ އިން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ.

ސީރިޔާގައި ތިބި ދެވިހިންގެ ލިސްޓެއް އިއްޔެ އާންމުކޮށްފައިވާއިރު، އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ، އެ ލިސްޓުގެ ސައްހަކަން ބަލަމުން އަންނަ ކަމަށެވެ.

ނޭޝަނަލް ކައުންޓާ ޓެރަޒިޒަމް ސެންޓަރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި 60 އެއްހާ ދިވެހިން ސީރިޔާ ހަނގުރާމަޔަށް ގޮސްފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ހަނގުރާމައިގެ ތެރޭގައި މަރުވެސްވެފަ އެވެ. އަދި ބައެއް ދިވެހިން ދަނީ އެނބުރި ރާއްޖެ އައުމަށް ވެސް އެދެމުންނެވެ.

comment ކޮމެންޓް