ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ ތައްޔާރީތައް ފަށައިފި

ސިނަމާލެ ބުރިޖުގައި ދެ ފުލުަހަކު ހަރަކާތްތެރި ވަނީ: ބުރިޖާއި ހައިވޭގައި ކެމެރާ ހުރުމުގެ ތައްޔާރީތައް ދަނީ ވަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާއި ހުޅުލެ އަދި ހުޅުމާޅެ ގުޅުވައިދޭ، ސިނަމާލޭ ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ ތައްޔާރީތައް ފެށުމަށްޓަކައި ކެމެރާ އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބާ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ސިނަމާލެ ބުރިޖު އާންމުނަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް ވަނީ ހިނގާފަ އެވެ. ބުރިޖުގައި ސްޕީޑް ކެމެރާ ހަރުކުރުމަށް މީގެ ކުރިންވެސް ވަނީ ޕްލޭންކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 30 ދުވަސް ތެރޭ އެ މަސައްކަތް ފެށުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަސް ތެރޭ ފުލުހުން ވަނީ ބުރިޖާއި ހަވޭގައި ހަރުކުރުމަށް ބޭނުންވާ 77 ސަވެޔަލެންސް ކެމަރާ ހޯދަން އިއުލާން ކޮށްފަ އެވެ.

މިއަދު ފުލުހުން ވަނީ އެ ކެމެރާތަށް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބާ ކޭބަލް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، ބީލަން ހުށަހެޅުމަށް ހުޅުވާލާފަ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

ޕްރީބިޑް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މަހު ފަސް ވަނަ ދުވަހު އިސްކަންދަރު ބިލްޑިން ގައި ހެނދުނު 11:00 ގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްކަންދަރު ބިލްޑިން ގައެވެ.

ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުރިޖުގައި ދުއްވާއިރު ހެލްމެޓް އެޅުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި މިމަހު 10 ވަނަ ދުވަހުން ފެށިގެން ވަނީ އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.

comment ކޮމެންޓް