އެމެރިކާގައި ހަދަމުންދިޔަ ގޫގުލް ކެމްޕަސްއަކަށް ކެރޭނެއް ވެއްޓި، ހަތަރު މީހަކު މަރުވެއްޖެ

ސިއެޓްލް ގޫގުލް ކެމްޕަސް ހަދަމުންދަނިކޮށް ކެރޭނެއް ވެއްޓި، ހަތަރު މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 28): އެމެރިކާގެ ސިއެޓްލްގައި ހަދަމުންދިޔަ ގޫގުލް ކުންފުނީގެ ކެމްޕަސްއަކަށް އިއްޔެ ކެރޭނެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެ އެވެ.

ސިއެޓްލް ފަޔާ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކެރޭނު ވެއްޓުނީ އިމާރާތުގެ މަތިންނެވެ. އަދި އެހާދިސާ ހިނގި ވަގުތު މަގުމަތީގައި އޮތް ހަ އުޅަނދަކަށް ގެއްލުން ލިބުނެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ކެރޭނު ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން އެއަށް ގެއްލުންތަކެއް ވެސް ލިބުނު ފަހުންނެވެ.

ކެރޭނު ވެއްޓުމުގެ ސަބަބުން މަރުވެފައި ވަނީ އޭތި ދުއްވަން ތިބި ދެ މީހުންނާއި ދެ ކާރެއްގައި ތިބި ދެ މީހުންނެވެ. އަދި އެހާދިސާގައި އިތުރު ދެ މީހަކަށާއި ތުއްތު ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް މިހާރު ފަރުވާދެމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ހަދަމުން ދިޔަ އިމާރާތަށް އެހާދިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެއީ ގޫގުލް ކެމްޕަސްއެއްގެ އިތުރުން 150 ފްލެޓު އަޅަމުން ދިޔަ ޕްރޮޖެކްޓެއް ކަމަށް ސިއެޓްލް ޓައިމްސްއިން ބުނެއެވެ. ސިއެޓްލްއަކީ އޮންލައިންކޮށް ވިޔަފާރިކުރާ އެމެޒޯންގެ މައި އޮފީސް ވެސް ހުންނަ ސިޓީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް