ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރު އަޅަން ފެށި ހިޔާ ފްލެޓުތަކުގެ ބޮޑުމިނަކީ 550 އަކަފޫޓު ކަމަށާއި އެއީ މާލެ ސަރަހައްދަށް ބަލާ އިރު ކުޑަ މިންވަރެއް ނޫން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިންގެ "50 މިނެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމެންތުތަކުގެ ކޮޓަރިއެއްގައި ހުންނާނީ 10 ފޫޓު 11 ފޫޓު ކަމަށެވެ.
"މާލޭގައި ގޭގޭގައި އެވްރެޖުކޮށް ހުންނާނީ އެވަރަށް. އެއީ މާލެ ސަރަހައްދާ އަޅާބަލާ އިރު ކުދި ކޮޓަރިއެއް ނޫން. އެތަންތައް ޑިޒައިން ކުރީ އިމިޑިއޭޓް ފެމެލީ އަށް ހާއްސަކޮށް،" މުއިއްޒު ވިދާޅުވި އެވެ.
"އެންމެން އެކީގައި ބޮޑު ފެމެލީއެއް އުޅެންޏާ، އޭރު އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ހުންނާނެ އެއްގޭގައި އެއްހާލެއްގައި އެއްގޭބީސީ އަށް ވުރެ ގިނަ ގޭބީސީގައި އުޅެންޏާ އެންމެންނަށް ވެސް ދީފައި،" މުއިއްޒު ވިދާޅުވީ ބައެއް ގޭގޭގައި އުޅޭ ހުރިހާ އާއިލާތަކަށް ވެސް ފްލެޓް ދީފައި ހުންނާނެ ކަމަށެވެ.
"އެއްގެއެއްގައި، އެއް ހާލެއްގައި އެއް ގޭބީސީ އަކަށްވުރެ ގިނަ ގޭބީސީ އުޅެންޏާ އެއިން ކޮންމެ ފަރާތަކަށް ވެސް ފްލެޓު ލިބިފައި ހުންނާނީ،"
"އެއީ އެއިން ކޮންމެ ބަޔެއް މިއުޅެނީ މިހާރު ވެސް ކުޑަ ކޮޓަރިއެއްގެ ތެރޭގައި. ކައްކަނީ ވެސް ކަނީ ވެސް ހުރިހަ ކަމެއްވެސް ކުރަނީ ކުޑަކޮޓަރިއެއްގައި. އަނެއް ކޮޓަރީގައި އަނެއް އާއިލާ. އެއްގެއެއްގެ ތެރޭގައި ގިނަ އާއިލާތައް ކޮންމެ ކޮޓަރިއެއްގައި ވަކިން،"
މުއިއްޒު ވިދާޅުވީ އެއްގެއެއްގައި އުޅޭ ގިނަ ބަޔަކަށް ފްލެޓު ލިބިއްޖެ ނަމަ، އެންމެންނަށް ކައިރި ކައިރީގައި ފްލެޓު ދޭން ވެސް އޭރުގެ ސަރުކާރުން ނިންމި ކަމަށެވެ.
އެ ފްލެޓުތަކުގެ ކުއްޔަކީ ގިނަވެގެން 5600 ރުފިޔާ ކަމަށް ކަނޑައަޅައި، އެކަން ލިޔުމުން ފެންނަން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިހާރު އެ ކިޔަނީ އެތަންތާނގެ ކުލި އަރައިގެންދާނެޔޭ 11000 ރުފިޔާ އަށް. ކިޔާފައި އެކިކަހަލަ ވާހަކަ މި ދައްކަވަނީ،"
މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއަކީ އަތްފޯރާ ފަށެއްގައި ސޯޝަލް ހައުސިންގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ.
"އެތަންތަނުގައި އެހުރި ފްލެޓުތަކަކީ ކުދި، އެބޭފުޅުން އެ ވިދާޅުވާ ސައިޒުތަކުގެ ފްލެޓުތަކެއް ނޫނޭ. މިހާރު ވެސް ނޫސްވެރިން ގެންދަވާ މިންއަޅާ ދައްކަވަން ވީނުންތޯ؟،" މުއިއްޒު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއު ފްލެޓުތަކަކީ ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ހުރި ތަންތަން ނޫން ކަމަށާއި އެތަންތަނަށް ބަދަލުގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ހައުސިން ޔުނިޓުތަކަށް ވެސް ބަދަލުގެންނަން ޖެހޭ ކަމަށެވެ.
"ހަތަރު ސަތޭކަ އަކަފޫޓު ތެރޭގައި ދެކޮޓަރި އާއި ސިޓިން ރޫމް އަކާއި ބަދިގެއަކާ އަޅައިގެން ކިހިނެއްތޯ އުޅޭނީ އެތާ؟ އެއަށް އެބަޖެހޭ ބަދަލު ގެންނަން،" ރައީސް ވިދާޅުވީ ހައުސިން ޕްރޮޖެކްޓު ނިމުން ލަސްވެގެން އުޅެނީ މިފަދަ ކަންތައް ފާހަގަވެފައިވާތީ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓު ލިބޭނެ މީހުން ކަނޑައަޅައި ރައީސް ޔާމީންގެ ސަރުކާރު ނިމުމުގެ ކުރިން ވަނީ ލިޔުން ހަވާލުކޮށްފަ އެވެ.
ފްލެޓު ހަވާލުކޮށްފައި ހުރި ގޮތާމެދު ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން، އެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.