ލަންކާގެ ހާސްކަމުން ނިކުމެ މައުމޫން ރާއްޖެއަށް

ކުރީގެ ރައީސް މައުމޫން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާދީއްތަ ދުވަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިންއިރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ހުންނެވީ އެގައުމުގައެވެ.

މަޖިލިސް އިންތިހާބު ނިންމާލެއްވުމަށްފަހު، މައުމޫނު ޗުއްޓީ އަށް ލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ތިން ވަރަކަށް ދުވަސްފަހުން ލަންކާގައި ބޮމުގެ ހަމަލާދިންއިރު މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ތިއްބެވީ ލަންކާގައެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާ ކުށްވެރިކުރައްވައި މައުމޫނު ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ހިތަމަވެރި ދަނޑިވަޅުގައި ލަންކާ ރައްޔިތުންނާއެކު ހުންނެވިކަން ހާމަކުރައްވައިފައެވެ.

މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ހޭދަކުރެއްވި ޗުއްޓީ ނިންމަވާލެއްވުމަށްފަހު އަނބުރާ މިރޭ ރާއްޖެ ވަޑައިގަންނަވާއިރު ކޮލަމްބޯގެ ހިތްގައިމު މާހައުލު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާ އަށްފަހު މައުމޫނުގެ ދެކަނބަލުންނަށް ލަންކާގެ ސަލާމަތީ ބާރުތަކުން ދިން ސެކިޔުރިޓީ ފާހަގަކުރައްވައި އެކަމަށް މައުމޫނު ވަނީ ލަންކާގެ ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. މި ހާދިސާ އަށްފަހު ލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ކުރަމުންދާ މަސައްކަތްތައް މައުމޫނު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވައިފައެވެ.

ލަންކާގެ ބޮމުގެ ހާދިސާތަކުގައި 359 މީހުން ވަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިހާދިސާތަކާ ގުޅިގެން މިހާތަނަށް 60 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް