އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަނަށް ހަމަލާ ނުދިނުމަށް އަންގަވާފައިވޭ: ޑރ. އިޔާޒް

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފު --

އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަނަށް ހަމަލާ ނުދިނުމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

އިޔާޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ހާލުގައިވެސް ޣައިރު މުސްލިމުން އަޅުކަން ކުރާ ތަންތަނަށް ހަމަލާ ނުދިނުމަށާއި، އެމީހުން އަޅުކަން ކުރާ ތަކެއްޗަށް ބަދުބަސް ނުބުނުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އިޔާޒް އެހެން ވިދާޅުވި އިރު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ހަމަލާ ދިން ތަންތަނުގެ ތެރޭގައި ނަސާރާއިން އަޅުކަން ކުރާ ފައްޅިތައް ހިމެނެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ މިދިޔަ މަހު ނިއުޒީލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ސްޓޭޓް މިނިސްޓާ އޮފް ޑިފެންސް އަދި މަޖިލިސް މެމްބަރު ރުވަން ވިޖެވަރުދަނަ ވަނީ ވިދާޅުވެފައެވެ.

އެ ހަމަލާގެ ޒިންމާ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިސިސް އިން މިހާރު ވަނީ ނަގާފައެވެ.

އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ މުހިންމު ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ނިންމާފައިވާކަން ހާމަ ކުރުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ ހާދިސާއާ ގުޅިގެން މީސް މީޑިއާގައި ނަފުރަތު އުފެދޭ ގޮތަށް އަދި ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ގޮތަށް މީހުން ވާހަކަ ދައްކާ ކަމަށެވެ. އަދި އެކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

comment ކޮމެންޓް