ފޮނަދޫ ދާއިރާގެ ފޮށިތައް އަލުން ގުނައިފިނަމަ އެ ގޮނޑީގައި އިންނާނީ އަޅުގަނޑު: އަދުރޭ

އަދުރޭ: ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިފި ނަމަ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފޮނާދޫ ދާއިރާގެ ފޮށިތައް އަލުން ގުނައިފި ނަމަ، އެ ދާއިރާގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާނީ އޭނާ ކަމަށް، އެ ދާއިރާއަށް ތިންވަނަ ދައުރަކަށް ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންވި އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ފޮނަދޫ ދާއިރާގެ މެމްމަބަރުކަމުގައި ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އަދުރޭ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖާ ވާދަކޮށެވެ.

އިދިކޮޅު ޕޮރްގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، އިންތިހާބުގައި އެ ކޯލިޝަނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ، އިންތިހާބު އިންސާފުވެރި ނުވުމުން ކަމަށެވެ. ސަރުކާރުން އިންތިހާބަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެން ބަލިވި ބަލިވުމަކީ، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމާއި އިލެކްޝަންސް ކޮމިޝަނުން ހަމަހަމަކަމާއެކު އެންމެންނަށް ހަމަހަމަ ފުރުސަތެއް ނުދިނުމުން. އެމްޑީޕީ މޮޅުވެގެންނެއް ނޫން،" ސިރާޖާ ވާދަކޮށް 44 ވޯޓުގެ ތަފާތުން ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވި އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ، މިހާރުވެސް ފޮނަދޫ ދާއިރާގެ [ރައްޔިތުން] ވޯޓުލީ 99 ފޮށި ރަނގަޅަށް ބަހައްޓައިގެން ގުނާށޭ، އަޅުގަނޑު އިންނާނަން ގޮނޑީގައި،"

އަދުރޭ ވިދާޅުވީ، އެގޮތަށް އަލުން ވޯޓުފޮށިތަކަށް ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

އެކޯލިޝަނަށް އިންތިހާބު ނާކާބުވީ، ލީޑާޝިޕް ފެއިލް ވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިންތިހާބުން ނާކާމިޔާބުވުމުން ލީޑާޝިޕް އިސްތިއުފާ ދޭން ނުޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައްޔިތުން ނޫނޭކޭ ބުނީއެއް ނޫން. ރައްޔިތުން ލައްވާ ގަދަކަމުން، [ސަރުކާރުން] ބާރުގެ ބޭނުން ކޮށްގެން، ވަސީލަތްތައް ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނޫނޭކޭ ބުނުވީ،" އަދުރޭ ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ: އިންތިހާބުން ނާކާމިޔާބުވީ ލީޑާޝިޕް ފެއިލްވެގެން ނޫން ކަމަށާއި އިންތިހާބު އިންސާފުވެރިނުވުމުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ

ޝަކުވާތަކައި ކަންބޮޑުވުންތަކާއެކު ކޯޓަށް ދާން ބޭނުން ނުވި!

އެހާ ގިނަ ޝަކުވާތަކާއި ކަންބޮޑުބުންތައް ހުރި އިރު، ކޯޓަށް ވަޑައިނުގެންނެވީ ކީއްވެގެންތޯ ސުވާލުކުރުމުން އަދުރޭ ވިދާޅުވީ، އެ މައްސަލައިގައި އިތުރަށް ކޯޓަށް ދާން ބޭނުން ނުވީ ކަމަށާއި އެގޮތަށް ކަންތައް ކޮށްގެން އެއްވެސް ކާމިޔާބެއް ލިބޭނެ ކަމުގެ އިތުބާރެއް ނެތް ކަމަށެވެ.

އަދުރޭ ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކޯޓަށް ދިޔުމުން ކަންތައްވީ ގޮތް ފެނިވަޑައިގެންނެވި ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމާއެކު އެ މައްސަލަ ހިފައިގެން ތަހުގީގީ އިދާރާއަށް ދިޔުމުން އެ މައްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް، އިލެކްޝަންސް ކޮމިޝަނުން އޭރު ހުރިހާ ވޯޓު ކަރުދާހެއް ނައްތާލީ ކަމަށެވެ.

"[ހަމައެގޮތަށް] އަޅުގަނޑުމެންނަކަށް ނޭނގެ އަޅުގަނޑުމެން [މަޖިލިސް އިންތިހާބުގެ މައްސަލަ] ކޯޓަށް ވަންނަ ދުވަހު ކަމެއް. އިލެކްޝަންސް ކޮމިޝަނުން ހުރިހާ ވޯޓު ކަރުދާހެއް އަންދާލާނީ. ދެން ކިހިނެއްތޯ ވޯޓު ގުނައިގެން އަޅުގަނޑުމެންނަށް އިތުރު އެއްޗެއް ފެންނާނީ،" އަދުރޭ ވިދާޅުވިއެވެ.

"[ވޯޓު ފޮށިތައް ގުނައިދިނުމަށް] ކޯޓުން ހުކުމް ކުރާއިރަށް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ވޯޓު ކަރުދާހެއް އަންދާލާއިފިނަމަ ދެން ކޮބާތޯ މީގަ އަޅުގަނޑުމެންނަށް ލިބޭނެ ފައިދާ އަކީ،" ކޯޓަށް ނުދިޔަ ސަބަބު ހާމަ ކުރައްވައި އަދުރޭ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ބާތިލް ވޯޓުތައް ގިނަވުމުން ވޯޓު ފޮށިތައް ގުނައިދިނުމަށް އަދުރޭ އެދިވަޑައިގެންނެވި އެވެ. އޭރު އިލެކްޝަންސް ކޮމިޝަނުން އެދާއިރާގެ އެންމެ ގިނަ ބާތިލް ވޯޓު ހުރި ފޮށި ގުނިއެވެ. ވޯޓު ފޮށިތައް ގުނި ގޮތާމެދު ހިތްހަމަ ނުޖެހިގެން އަދުރޭގެ މަންދޫބުން އިންތިޚާބީ މަރުކަޒު ދޫކޮށް ވަނީ ގޮސްފައެވެ.

ފަހުންވެސް އަދުރޭ ވަނީ ވޯޓު ފޮށިތައް ގުނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އަލުން ގުނި ފޮށިން އަދުރޭގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ދެން ހުރި ވޯޓު ފޮށިތައް ނުގުނުމަށެވެ.

ފޮނަދޫ ދާއިރާގެ ބާތިލް ވޯޓުގެ އަދަދަކީ، 46 އެވެ.

comment ކޮމެންޓް