ހުރަވީ ބިލްޑިން ހުސްކުރެވޭނީ އޮފީސް ހިންގަން ޖާގަ ލިބިގެން: ޕްލޭނިން

ހުރަވީ ބިލްޑިންގް--

ގިނަ ދުވަސްވުމުގެ ސަބަބުން ބާވެފައިވާ ހުރަވީ ބިލްޑިން ހުސްކުރެވޭނީ އެތަނުގައި ހިންގާ ސަރުކާރު އޮފީސްތައް ބަދަލުކުރާނެ ޖަގަ ލިބުމުން ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ހުރަވީ ބިލްޑިން އަކީ ބޭނުންކުރަން ރަނގަޅު ހާލަތެއްގައި ހުރިތަނެއް ނޫން ކަމަށެވެ.

އެތަނުގައި ހިންގަމުންދާ އޮފީސްތައް ބަދަލުކުރާނެ އޮފީސް ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން އިން ބުންޏެވެ. އެހެން ނަމަވެސް އަދި އެކަމަށް ގޮތެއް ހަމައެއް ނުޖެހެ އެވެ.

"ހުރަވީ ބިލްޑިން އަކީ ބާވެފައި ހުރި އިމާރާތެއްވީމާ، މިހާރުވެސް އެތަން މަރަމާތު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. މަރާމާތު މިކުރަނީ އިތުރަށް ބޭނުން ކުރާ ގޮތަކަށް ނޫން. އެކަމަކު އެތަނުގައި މިހާރުވެސް މަސައްކަތް ކުރާތީ ބަޔަކަށް ގެއްލުމެއް ވުމުގެ ކުރިން ކުރާ މަރާމާތު ތަކެއް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.

ހުރަވީ ބިލްޑިންގް ގެ ބެލްކަނީގެ ޝީޓުން ބައެއް މަގުމައްޗަށް ވެއްޓި އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކަކަށް މިދިޔަ ހަފްތާ ވަނީ ގެއްލުންވެފަ އެވެ.

ހުރަވީ ބިލްޑިން ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން މީގެ ކުރިންވެސް އެ އިމާރާތުގެ ބައިތައް ވެއްޓިފައިވެ އެވެ. ނަމަވެސް އިމާރާތް އެއްކޮށް ތަޅާނުލައި އެތަނުގެ ބޭނުން ކުރަނީ ހަލާކުވާ ތަންތަން މަރާމާތު ކޮށްގެންނެވެ.

އެތަނުގައި މާލޭ ސިޓީ ކައުންސިލުގެ ބައެއް ޔުނިޓުތަކާއި އެންޓިކޮރަޕްޝަން ކޮމިޝަން، ޓްރާންސްޕޯޓު އޮތޯރިޓީ ފަދަ މުވައްސަސާތައް ހިންގަ އެވެ.

ގާތްގަނޑަކަށް 33 އަހަރުވީ އެ އިމާރާތް ތަޅާލާފައި އެތަނުގައި ޕާކިން ފެސިލިޓާ ގާއިމް ކުރުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަދި ނާދެ އެވެ.

ވެލާނާގޭގައި ސަރުކާރު އޮފީސްތަކުގެ ތެރެއިން ގިނަ އޮފީސްތަކެއް ހިންގަން ފަށައި ހުރަވީ ބިލްޑިން ހުސްކުރަން ނިންމި ނަމަވެސް އެތަނުގައި އަދިވެސް ގިނަ އިދާރާތަކެއްގެ މަސައްކަތް ކުރިއަށްދެ އެވެ.

comment ކޮމެންޓް