ބަންގުލަދޭޝްގައި ޖިންސީ ގޯނާ ރިޕޯޓު ކުރި ކުއްޖަކު މަރާލި މައްސަލަ ބަލަނީ

ނުސްރަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއް -- ފޮޓޯ: އޭއެފްޕީ

ޑާކާ (އޭޕްރިލް 19): ބަންގުލަދޭޝްގެ އަންހެންކުއްޖަކު ކިޔަވަމުންދިޔަ ސްކޫލުގެ ހެޑްމާސްޓަރު އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން، އެކުއްޖާގެ ގައިގައި ބަޔަކު ރޯކޮށް، މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާއާ 100 މޭލު ދުރުގައި އޮންނަ ކުޑަ އަވަށެއްގައި ދިރިއުޅެމުންދިޔަ 19 އަހަރުގެ ނުސްރަތު ޖަހަން ރަފީ ކިޔަވަމުން ދިޔައީ ދީނީ ސްކޫލެއްގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 27ގައި އެސްކޫލުގެ ހެޑްމާސްޓަރު އޭނާގެ އޮފީހަށް ނުސްރަތު ގެންގޮސް، އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ނުސްރަތު ފުލުހުންނަށް ރިޕޯޓު ކުރި އެވެ.

އެމައްސަލައިގައި ސްކޫލުގެ ހެޑްމާސްޓަރު ހައްޔަރު ކުރި އެވެ. ނަމަވެސް ނުސްރަތު ދިން ބަޔާނުގެ ވީޑިއޯއެއް ފުލުހަކު ނެގި އެވެ. އަދި އެވީޑިއޯ ލީކުވުމުގެ ސަބަބުން، ސްކޫލުގެ ހެޑްމާސްޓަރު ހައްޔަރު ކުރުމާއެކު އަވަށުގެ ރައްޔިތުންގެ ނުރުހުން އަމާޒުވީ އެކުއްޖާއަށެވެ.

އެހެންނަމަވެސް މައްސަލަ ރިޕޯޓު ކުރިތާ 11 ދުވަސް ފަހުން، މިމަހުގެ ހަޔެއްގައި ނުސްރަތު ސްކޫލަށް ދިޔަ އެވެ. އަދި އެދުވަހު ބަޔަކު އެކުއްޖާގެ ގައިގައި ރޯކޮށްލި އެވެ. އޭގެ ދެ ދުވަސް ފަހުން ނުސްރަތަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެކުއްޖާ މަރުވި އެވެ. ނަމަވެސް އޭގެ ކުރިން ނުސްރަތު ވަނީ އެހާދިސާ ހިނގާ ދިޔަ ގޮތާއި، އޭނާއަށް ހަމަލާ ދިން ބައެއް މީހުންގެ ނަން ހާމަކޮށްފަ އެވެ.

ނުސްރަތު ބުނި ގޮތުގައި އެދުވަހު ސްކޫލަށް ދިޔުމުން އޭނާގެ އެކުވެރިއަކު ސްކޫލުގެ ޓެރަސް މައްޗަށް އޭނާ ގެންދިޔަ އެވެ. އޭރު އެތާގައި މޫނު ފޮރުވައިގެން ތިބި ފަސް މީހުން ތިއްބެވެ. އަދި އޭނާ ފުލުހުންނަށް ރިޕޯޓު ކުރި މައްސަލަ އަނބުރާ ގެންދަން ބުންޏެވެ.

ނަމަވެސް ނުސްރަތު އެކަމަށް ދެކޮޅު ހެދުމުން އޭނާގެ އަތާއި ފައި ބަނދެ، ކާރާސީނު އަޅައި އޭނާގެ ގައިގައި ރޯކޮށްލީ އެވެ.

"ޓީޗަރު އަހަރެންގެ ގައިގައި އަތްލި. އަހަރެންގެ އެންމެ ފަހު ނޭވާއާ ޖެހެންދެން މިކަމާ ދެކޮޅަށް މަސައްކަތް ކުރާނަން،" ނުސްރަތު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ބުންޏެވެ.

އެމައްސަލައިގައި ފުލުހުން ވަނީ 17 މީހުން ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެކަކު ބުނި ގޮތުގައި ނުސްރަތަށް ހަމަލާދޭން އެންގީ ސްކޫލުގެ ހެޑްމާސްޓަރެވެ.

އެހާދިސާއާ ގުޅިގެން ބޮޑުވަޒީރު ޝޭހް ހަސީނާ ވަނީ ނުސްރަތުގެ އާއިލާއާ ބައްދަލުކުރައްވާ، އިންސާފު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ބަންގުލަދޭޝްގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުށްވެރިވާ މީހުންނާ ދެކޮޅަށް ދައުވާކޮށް، ފިޔަވަޅު ނާޅާތީ އެފަދަ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. އަދި އެގައުމުގައި ރިޕޯޓު ކުރާ ރޭޕްގެ މައްސަލަތަކުގެ ތެރެއިން ދައުވާކޮށް، ހުކުމް ކުރަނީ އެންމެ އެއް ޕަސެންޓު މައްސަލަތަކުގަ އެވެ.

comment ކޮމެންޓް