އާސަންދަޔަށް ކޮރަޕްޝަން ވަދެ ސިއްހީ ދާއިރާގެ ތަރައްގީއަށް ވަނީ ހުރަސްއެޅިފައި: ރައީސް

ހެލްތު މިނިސްޓަރުކަން ކޮށްފައިވާ އިއްޒަތްތެރިންގެ ސަމިޓްގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ނިޒާމުގެ ތެރެއަށް އިންތިހާއަށް ކޮރަޕްޝަން ވަދެ ސިއްހީ ދާއިރާގެ ތަރައްގީއަށް ހުރަސްއެޅިފައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރުކަން ކޮށްފައިވާ އިއްޒަތްތެރިންގެ ސަމިޓް އިފްތިތާހް ކުރުމަށް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އާސަންދަ ސްކީމްގައި ކޮރަޕްޝަން އިންތިހާއަށް އަށަގެންފައިވާ ކަމަށެވެ.

"ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ދޭއިރު، އާސަންދައިގެ ތެރެއަށްވެސް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާއަށް. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން، ވަރަށްގިނަ ފައިސާތަކެއް އިސްރާފުވެގެން އެބަދޭ. މިއީވެސް ސިއްހީ ހިދުމަތުގެ ނިޒާމު ތަރައްގީ ކުރުމަށް މަޝްވަރާ ކުރައްވާއިރު، ހައްލު ހޯދަންޖެހޭ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.

އާސަންދައިގައި ހިމެނޭ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގައި ޢާންމު ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމެއް ބޭނުންވާ ކަަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ލަންކާ، އިންޑިޔާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ހިލޭ ބޭސްފަރުވާ ކުރުމަށްޓަކައި "މެރަނާ"ގެ ނަމުގައި މިމަހުގެ އެއްވަނަ ދުވަހު ވަނީ އާސަންދަ ސްކީމްއެއްވެސް ތައާރަފްކޮށްފަ އެވެ. އެފަދަ ސްކީމްތަކުގެ ބޭނުންހިފުމުގައިވެސް ޒިންމާދާރުވުމަކީ ވަރަށް މުހިންމު ކަމެއް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ، އަސާސީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިތަކަކަށްވެސް ރައީސްގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ.

"ސިއްހީ މަރުކަޒަކަށް ބޭނުންވާ ޕެނެޑޯލް ގުޅައެއް، ނޫނީ އައިވީ ފުޅިއެއްވެސް މި ލިބެނީ، އެތައް ތަނަކަށް ލިޔެގެން، އެތައް މަރުޙަލާއެއް ހުރަސްކޮށްގެން. އަދި އެވެސް އެތައް ދުވަހެއް ފަހުން. މިއިން ކޮންމެ މަރުހަލާއެއްގެ ތެރޭގައި ކޮރަޕްޝަނާ އުޅޭ ކަމުގެ ހެކިތައް ފެންނަން އެބަހުރި،" ރައީސް ސޯލިހް ވިދާޅުވި އެވެ.

comment ކޮމެންޓް