ޚިދުމަތް ލަސްވަނީ މެނުއަލްކޮށް މަސައްކަތްކުރަން ޖެހޭތީ، ޑިޖިޓަލައިޒްވުމުން އަވަސްވާނެ: އާސަންދަ

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ --

ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އާސަންދައިގެ ޚިދުމަތް ލަސްވާ މައިގަނޑު ސަބަބަކީ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ގިނަވުން ކަމަށާއި، ނަމަވެސް އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިޔުމާއެކު މިހާރަށްވުރެ އަވަސް ޚިދުމަތެއް ލިބިގެންދާނެކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޒީނިޔާ ފާހަގަކުރެއްވީ މެނުއަލްކޮށް މަސައްކަތް ކުރަންޖެހުމަކީ މުވައްޒަފުންގެ ގިނަ ވަގުތުތަކެއް އެކަމަށް ހޭދަވާ ބުރަ މަސައްކަތެއްގެ ގޮތުގައިއެވެ.

https://sun.mv/222763

"ފޯމު ގެންގުޅުން ނުވަތަ މެނުއަލް ރަޖިސްޓަ ގެންގުޅުން އެއީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަވާކަމެއް. އެކަހަލަ މަސައްކަތް ހުންނާތީ ފުދޭވަރަކަށް ހަމަ ލަސްވެގެންދޭ މަސައްކަތްތައް. އަޅުގަނޑުމެންގެ ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމިގެންދާއިރު އުއްމީދަކީ ޚިދުމަތްތައް ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ،" ޒީނިޔާ ވިދާޅުވިއެވެ.

މި ބަދަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިގެ ޚިދުމަތަށް އެދުމަށް ފަސޭހަ ކުރުމަށްޓަކައި މިހާރު ވަނީ 'މައި އާސަންދަ ޕޯޓަލް' ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށްފައެވެ. އީފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ތެރެއިން ބޭސްފަރުވާގެ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

https://www.sun.mv/222721

މި ޕޯޓަލް މެދުވެރިކޮށް ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން ބޭސްފަރުވާއާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީގެ މަޢުލޫމާތުވެސް މި ޕޯޓަލްއިން ލިބިގެންދާނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

އާސަންދައިގެ ދަށުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީގެ ޚިދުމަތް ހަރުދަނާކުރުމަށް ނިޒާމަށް ގިނަ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ކުރެވޭ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއަށެވެ.

އެހެންކަމުން، މި ޚިދުމަތަކީ ޒިންމާދާރުކަމާއެކު، ނާޖައިޒް މަންފާ ނުނެގޭނެ ފަދަ ގޮތަކަށް ދެވޭ ޚިދުމަތަކަށް ހެދުމަށް އާސައިންދައިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުން މިހާރު ވަނީ ޚިދުމަތް އަވަސްކުރުމުގެ ގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން ދެމުންދިޔަ މުހިއްމު ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.

މި ބަދަލާއެކު، އިޖުތިމާޢީ އެހީއާއި ބޭސްފަރުވާގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އާސަންދައިން އުއްމީދު ކުރެއެވެ.

comment ކޮމެންޓް