ފޯކައިދޫ ސްކޫލުގެ 3ބީގެ ދަރިވަރުން ސްކޫލަށް ނުފޮނުވާތާ ދެ ދުވަސް

ފޯކައިދޫ

ށ. ފޯކައިދޫ ސްކޫލުގެ ގްރޭޑު 3ބީ ގެ ދަރިވަރުން ސްކޫލަށް ފޮނުވަން ބެލެނިވެރިން ދެކޮޅުހަދައި، ކުދިން ސްކޫލަށް ނުފޮނުވާތާ ދެ ދުވަސް ވެއްޖެއެވެ.

އެ ކްލާހުގެ ބެލެނިވެރިޔަކު "ސަން" އާ ވާހަކަ ދައްކަމުން ބުނީ އެ ސްކޫލުގައި ކިޔަވައިދެނީ ތިމެޓިކް ކޮށް ކަމަށާއި ކޮންމެ ތީމެއް ނިންމާފައި ކުދިންނަށް ހާސިލްވި މިންވަރު ބަލަން ބޮޑު އިވެންޓެއް ބާއްވާއިރު، ކުދިންނަށް އެއްވެސް އެއްޗެއް ދަސް ނުވާ ކަމަށެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކްލާހުގެ ކްލާސް ޓީޗަރު ޕެޓާނިޓީ ލީވްގައި ހުރުމުން ކުދިންނަށް ކިޔަވައިދޭން ރިލީފް ޓީޗަރަކު ފޮނުވުމެވެ. ބެލެނިވެރިޔާ ބުނީ އެގޮތަށް ފޮނުވާ ރިލީފް ޓީޗަރުންގެ ފެންވަރު ނުހުންނަ ކަމަށާއި ތިމެޓިކް ކޮށް ކިޔަވައިދޭއިރު އެކަމުގެ މަގުސަދު ހާސިލް ނުވާ ކަމަށެވެ. މި އަހަރު ފެށުނީއްސުރެ އެ މައްސަލަ އެ ކްލާހުގައި ޖެހިފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"މިކަމާ ގުޅޭގޮތުން ސްކޫލާވެސް ވާހަކަ ދައްކާފައިވީ. ސްކޫލުން ބުނަނީ ކްލާހަށް ޓީޗަރަކު ހަމަޖައްސައިދީ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް. އެކަމަކު ބެލެނިވެރިން ނިންމީ އެކަން ހައްލުކޮށް ނުދެނީސް ކުދިން ސްކޫލަށް ނުފޮނުވަން،" އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ވަގުތީ ގޮތުން އަންނަ ޓީޗަރުން ކުދިންނަށް ރަނގަޅަށް ފިލާވަޅު ބުނެދީ ހަދާފައެއް ނުހުރޭ. ކުއުއްޖާ އަކަށް ނޭނގޭ ދޭކަށް ދޭތް އެއްކޮށްލީމަ ހަތަރެއް އަންނަނީ ކިހިނެއް ކަމެއް،" މިސާލު ދައްކަމުން ބެލެނިވެރިޔާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީން "ސަން" އަށް ވިދާޅުވީ ޓީޗަރުން ނެތިގެން އުޅޭކަމަށް ބެލެނިވެރިން ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.

"ޓީޗަރުގެ އަންހެނުން ވިހައިގެން ޕެޓާނިޓީ ލީވް އަށް ދިޔައީ. ޓީޗަރުން ޗުއްޓީ އަށް ދިޔައީމާ އެހެން ސްކޫލުތަކުގައިވެސް މި ހަދާ ގޮތަކީ ރިލީފް ޓީޗަރުން ގެންނަނީ. އެ ކްލާހުގެ ޓީޗަރު ނެތީމާ ރިލީފް ޓީޗަރުން ފޮނުވަން. ފަހަރުގައި ކްލާސް ޓީޗަރުގެ ކިޔަވައިދިނުމުގެ ފެންވަރާ ރިލީފް ޓީޗަރު އެއްވަރު ނުވެދާނެ،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ ޓީޗަރުން ނެތޭ ކިޔާފައި ކުދިން ސްކޫލަށް ނުފޮނުވައި ތިބެންޖެހޭ ހާލަތެއް ދިމާނުވާ ކަމަށެވެ.

comment ކޮމެންޓް