އަންހެނުންނަށް މަޖިލިސް ކޯޓާ ދޭން ޝިދާތާ ގޮވާލުމުން ޕާޓީތަކުން އަޑެއް ނޭހި!

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ 386 މީހުންގެ ތެރެއިން ގުނާލެވުނީ އެންމެ 31 އަންހެނުންނެވެ. ޕާޓީތަކުގެ ޓިކެޓުގައި 18، އަދި އަމިއްލަ ގޮތުން 13 އަންހެނުންނެވެ. އިންތިހާބު ނިމި، އަންނަ މަހުގެ ފަހުކޮޅު 19 ވަނަ މަޖިލީހުގެ 87 މެމްބަރުން ހުވާކުރަން ހަމަޖެހިފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭނީ އެންމެ ހަތަރު އަންހެނުންނެވެ.

ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގައި، ސިޔާސީ ހަރަކާތްތެރިކަން ހިފެހެއްޓުމުގައި އަންހެނުންގެ ދައުރު ބޮޑުވި ނަމަވެސް، އިންތިހާބަކާ ކުރިމަތިލުމުން ނަތީޖާ ދައްކަނީ ދިމާ އިދިކޮޅަށެވެ. މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް ޝިދާތާ ޝަރީފް ވިދާޅުވީ، ކަން ވާނީ މިހެންކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މަންޒަރުތައް ދިޔަ ގޮތުން އަޅުގަނޑަށް އޭރުވެސް ފެނުނު، މަޖިލީހުގައި ވަކި އަންހެނުންގެ ނިސްބަތް އިތުރުނުވާނެކަން. އެ ނިސްބަތް ވީ މަދު. 17 ވަނަ މަޖިލީހާ އަޅާ ބަލާ އިރު ކުރިއަކަށް ނުދޭ؛ ހަމަ ފަހަތަށް ދަނީ،" ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ޝިދާތާ ވިދާޅުވި އެވެ.

ކަންި މިހެން ވާނެކަން އެނގޭތީ، މަޖިލީހުގައި އަންހެނުންނަށް 20 ޕަސަންޓުގެ ކޯޓާއެއް ހަމަޖެއްސުމަށް ގޮވާލައި، އާ ސަރުކާރަށް މަހެއްވެސް ނުވަނީސް ޖެންޑާ މިނިސްޓަރު ޝިދާތާ އާންމުކޮށް ވާހަކަދައްކަވަން ފެއްޓެވި އެވެ. ފުރަތަމަ ކުރެއްވީ ޓްވީޓެކެވެ. ދެން ޓީވީތަކަށް ވެސް އަރުއްވައި، އެ ވާހަކަ ދެއްކެވި އެވެ.

އެހެން ނަމަވެސް ސިޔާސީ ދާއިރާގައި އެންމެ ނުފޫޒު ގަދަ ފަރާތްތައް ކަމުގައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެކަމަށް ތަރުހީބު ވެސް ނުދެއްވި ހާލުގައި، ދެއްވީ ބީރު ކަންފަތެކެވެ.

"ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ކަންފަތާ ހަމައަށް އެ ވާހަކަތައް ގެންގޮސްފައި ވާނެ. ނަމަވެސް އެންމެ އެކަށީގެންވާ ސަމާލުކަން ދެވުނުނަމަ، ޕާޓީ ފެންވަރުގައި ރަނގަޅު އެރޭންޖްމަންޓެއް ގެނެވުނީސް،"

އިންތިހާބަށް ވާދަކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން އަންހެނުންނަށް ޓިކެޓު ދިނީ ފަސް ޓިކެޓު ދިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިންނެވެ. ދެން އެންމެ ގިނައީ ހަތަރު އަންހެނުންނަށް ޓިކެޓު ދިން އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންނެވެ. ކަން ދިމާކުރި ގޮތުން މަޖިލީހަށް އިންތިހާބުވި އަންހެން ހަތަރު މެމްބަރުންނަކީ ވެސް އެމްޑީޕީގެ ހަތަރު ކެންޑިޑޭޓުންނެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ޕާޓީ ފެންވަރުގައި އަންހެނުންނަށް އެފަދައިން ކޯޓާއެއް ހަމަޖެއްސުމަށް ގާނޫނީ ހުރަހެއް ނެތެވެ. އަދި ރާއްޖޭގައި ޖެންޑާ އީކުއަލިޓީ ގާނޫނެއް ވެސް އޮތް އިރު، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ސިޔާސީ ޕާޓީތަކުގެ ދައުރު ވެސް އެ ގާނޫނުގައި ހާއްސަކޮށް ލިޔެފައިވާ ކަމަށް ޝިދާތާ ފާހަގަކުރެއްވި އެވެ.

https://sun.mv/117745

"އެހެނަސް އަޅުގަނޑަކަށް ނުފެނޭ ގާނޫނެއް އޮތަސް ވެސް އެންމެ އެކަށީގެންވާ ގޮތަށް އެ ގާނޫނު ތަންފީޒުކުރަމުން ދާ ތަނެއް. ހަމައެކަނި ޝިދާތާ ބުނާތީ އެކަން ކުރަންވީއެއް ނޫން. ޝިދާތާ އެ ވާހަކަ ދައްކަނީ އޭގައި ވަރަށް ބޮޑު ބޭސިސްއެއް އޮތީމާ. އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން މިކަމުން ވެސް ދޭހަވަނީ،" ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.

އަންހެނުންނަށް 20 ޕަސަންޓުގެ ކޯޓާއެއް މަޖިލީހުން ހާއްސަކުރުމަށް ޝިދާތާ ގޮވާލުމާ އެކު ގިނަ ބަޔަކު ވަނީ އެކަމާ ހިޔާލު ތަފާތުވެފަ އެވެ. މިއީ "ތަބަކަށް ލާފައި" ގޮނޑި ދިނުން ކަމަށް ބައެއް މީހުން ބުނި އިރު، ބައެއް އެހެން މީހުން ބުނަމުން ދިޔައީ އަންހެނުންނަށް ފިރިހެނުންނެކޭ އެއްހަމައެއްގައި ފުރުސަތުތައް އެބަހުރިކަމަށާއި ވާދަކޮށްގެން ގޮނޑި ހޯދައި ކާމިޔާބުކުރަންވީ ކަމަށެވެ.

ނަމަވެސް ޝިދާތާ ކިޔައިދެއްވި ގޮތުގައި، އަންހެނުންނާއި ފިރިހެނުން އިންތިހާބީ ރޭސް ފަށަނީ އެއް ސަފުގައި ތިބެގެނެއް ނޫނެވެ.

"އަންހެނުން ރޭސް ފަށަނީ ފިރިހެނުންނަށް ވުރެ ފަހަތުގައި ތިބެގެން. ރޭސް ނިމޭ އިރު ވެސް ތިބޭނީ ފަހަތުގައި. އެ ތަފާތު ކުޑަކުރަން ޖެހޭ. އެކަން ކުރަން ދުނިޔޭގައި ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި ކޯޓާ ސިސްޓަމް އޮވޭ. ކޯޓާ ސިސްޓަމުގެ ތެރެއިން އަންހެނުންގެ އަޑު އަދި ހިއްސާ، ގާނޫނު ހަދާ މަޖިލިސްތަކުގައި އިތުރު ކުރެވިގެންދޭ. އެހެންވީމާ ގައުމުތަކުން އެކަން ކުރެވޭ އިރު ކީއްވެހޭ ދިވެހިރާއްޖޭގައި އެކަން ނުކުރެވެންވީ؟،" ޝިދާތާ ސުވާލު އުފެއްދެވި އެވެ.

comment ކޮމެންޓް