މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްް އޭވިއޭޝަނުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް މިއަދު އައްޔަނު ކުރައްވައިފި އެވެ.
ފަޔާޒް އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
ފަޔާޒަކީ ހިންގުމުގެ ދާއިރާގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ތަފާތު މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހަ އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައިފަޔާޒު ހިދުމަތް ކުރެއްވި އެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ޓެކްނިކަލް އެޑްވައިޒަރުގެ މަގާމުގެ އިތުރުން އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަންގެ ބޯޑު މެންބަރުކަމާއި ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑާއި ވޯކްސް ކޯޕަރޭޝަން ބޯޑުގެ މެންބަރުކަން ވެސް އަދާކޮށްފައިވެ އެވެ.
ފަޔާޒް ވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިން ބެޗްލާ އޮފް އިންޖިނިއަރިން ފުރިހަމަކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް ވަނީ ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް މިނިސްޓަރުގެ ލަފަޔާ އެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވައިދެއްވުމަށް އެދިވަަޑައިގެންފަ އެވެ.