ހުޅުމާލޭގައި ހެދި އާ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގައި އަޅާފައިވާ އާ މާރުކޭޓް -- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭ ހުޅަނގު ފަރާތުގައި އަލަށް އިމާރާތްކުރި ލޯކަލް މާރުކޭޓޫ ނުވަތަ "ރަށު މާރުކޭޓު" ގެ ގޮޅިތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ރަށު މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ގާއިމް ކުރި މާރުކޭޓެއް ކަމަށެވެ.

އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާ ހަވާލުކޮށްގެން ހެދި އެ ލޯކަލް މާރުކޭޓުގައި މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް ވިއްކުމަށް 69.45 އަކަފޫޓުގެ 37 ގޮޅި އާއި ރޯމަސް ވިއްކުމަށް ހާޢްސަ 69.45 އަކަފޫޓުގެ 20 ގޮޅި ހުންނާނެއެވެ.

އެޗްޑީސީ އިން ބުނީ އަސާސީ ވަސީލަތްތަކާއެކު ތަރައްގީކުރި އެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 25 އޭޕްރީލް ވަނަ ދުވަހުގެ 9:00 އާއި 15:00 އާއި ދެމެދު ގެ ވަގުތެއްގައި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ގޮޅި ކުއްޔަށް ހިފަން އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށާއި ގޮޅި ކުއްޔަށް ހިފަން އެދެނީ ވިޔަފާރިއަކުން ނަމަ ވިޔަފާރި ކުރާތާ ހަ މަސް ވާން ޖެހެނެ ކަމަށް އެޗްޑީސީ އިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީ އިން ވަނީ ރަށުމާރުކޭޓު ދައްކައިލުމަށް މާދަމާ ހާއްސަ ހަރަކާތެއް ބާއްވަންވެސް ނިންމައިފައެވެ. ރަށު މާރުކޭޓުގެ ގޮޅީގެ ކުއްޔަކީ މަހަކު 3،500 ރުފިޔާ އެވެ. ފޯމު ހުށަހަޅާއިރު 10،500 ރުފިޔާގެ ބޭންކް ގެރެންޓީ އެއް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް