ބެންޒީމާ ކުލަބު ބަދަލުވާން އުޅޭ ވާހަކަ އަކީ އާ ވާހަކައެއް ނޫން: ޒިދާން

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒީމާ --- ފޮޓޯ/ ޕެޓްރިކް ރިޖް

ގިނަ އަހަރުތަކެއް ވަންދެން ރެއާލް މެޑްރިޑްގެ ޓޮޕް ސްޓްރައިކަރުގެ މަގާމު ދަމަހައްޓަމުން އަންނަ ކަރިމް ބެންޒީމާ ކުލަބް ބަދަލު ކުރަން އުޅޭ ކަމުގެ "ޔޯލަ" ވާހަކަތަކަކީ އާ ވާހަކައެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރޭ ސްޕެނިޝް ލީގުގައި ލެގަނެސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް ބަލިނުވެ ސަލާމަތްވީ ބެންޒީމާ ޖަހައިދިން ގޯލަކުންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ފަސް ގޯލު ޖަހާފައިވާ ބެންޒީމާ ވަނީ މި ސީޒަނުގައި ރެއާލްއަށް 18 ގޯލު ޖަހައިދީފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނުގައި ޔުވެންޓަސްއާއި ގުޅުނު ހިސާބުން ފެށިގެން ރެއާލް މެޑްރިޑްއަށް ގޯލު ނުޖެހުމުގެ މައްސަލަ ކުރިމަތިވެ ބޮޑެތި މުބާރާތް ތަކުން ވަނީ އަލްވަދާއު ކިޔަން ޖެހިފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކެޓުމާއި ކޮޕަ ޑެލްރޭގެ ވެސް ކުއާޓާއިން ކެޓި އިރު ސްޕެނިޝް ލީގުގައި ވެސް އެ ޓީމު އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ.

ނަމަވެސް ޒިދާން ރެއާލްގެ ކޯޗު ކަމާ އެނބުރި ހަވާލުވުމަށްފަހު އެ ޓީމުގެ ކުޅުން އަންނަނީ ރަނގަޅު ވަމުންނެވެ. އެ ގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ބެންޒީމާއަށް އައި ބަދަލެވެ. ޒިދާންގެ ކޯޗުކަމުގައި އޭނާ އަންނަނީ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ގޯލު ޖަހަމުންނެވެ.

ނަމަވެސް ކުރިއެކޭ އެއްފަދައިން އަންނަ ސީޒަނުގައި ބެންޒީމާ ރެއާލުން ނުފެންނާނެ ކަމުގެ ވާހަކަތައް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. ކަން މިހެން އޮތް ނަމަވެސް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބެންޒީމާ ދިފާއުކޮށް އޭނަ ކުލަބު ދޫނުކުރާނެ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.

"އޭނާ މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. ހާއްސަކޮށް ގޯލުތަކައް ބަލާއިރު އެހެން އަހަރުތަކެއް ވުރެން ކުރީގަ އޭނަ މިއަހަރު އެ އުޅެނީ. އޭނަ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް،" ނޫސްވެރިންނާ ބައްދަލު ކުރަމުން ޒިދާން ބުންޏެވެ.

އޭނާ ބުނީ ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ބެންޒީމާ އެހެން ކުލަބުތަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާ ކަމަށެވެ. ނަމަވެސް އޭނަ ކުލަބު ދެކެ ލޯބިވާ ކަމަށާއި ކުލަބުން ބޭނުންވާހައި ހިނދަކު އޭނަ ރެއާލްގައި މަޑުކުރާނެ ކަމަށް ޒިދާން ބުންޏެވެ.

"އޭނަގެ ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ގޯލާ ރައްޓެހި ކުޅުންތެރިއެއް އެއީ. ޓީމަށް ވަރަށް ބޮޑަށް ފައިދާވޭ އޭނަ ހުރުމުން." ޒިދާން ބުންޏެވެ.

comment ކޮމެންޓް