މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހިދާނެކަމަށް މާލޭގައި ކަރަންޓްގެ ހިދުމަތްދޭ ސްޓޭޓްް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދުވަސް ވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން ކަރަންޓްގެ ލޯޑު ބޮޑުވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށެވެ.
އެގޮތަށް ކަރަންޓް ކަނޑާލަން ޖެހުނަސް، މަދުވެގެން ގަޑިއެއްހާ އިރުތެރޭގައި ކަރަންޓް އަލުން އެ ހިސާބަކަށް ފޯރުކޮށްދޭނެ ކަަމށެވެ.
ކަރަންޓްގެ ލޯޑު ބޮޑުވާތީ، މި ދުވަސްވަރު ގިނައިން ކަރަންޓް ބޭނުންކުރާ ޒާތުގެ ތަކެތި ވީހާވެސް މަދުން ބޭނުންކުރުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކަރަންޓްގެ މައްސަލަ ދިމާވެ ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް އިންތިހާއަށް މާފަށް އެދޭކަމަށްވެސް ސްޓެކްލޯއިން ވަނީ ބުނެފައެވެ.
މި ދުވަސްކޮޅު އާންމުކޮށް ރާއްޖޭގައި ފިނި ހޫނުމިން އުޅެނީ 29 ޑިގްރީ ސެލްސިއަސްއެވެ. އަދި އެންމެ ހޫނުވާ ވަގުތުތަކުގައި 31 ޑިގްރީ ސެލްސިއަސްއަށްވެސް ފިނިހޫނުމިން ހުރެއެވެ.