ނިއުޕޯޓް ވިއު ހިންގަމުންދަނީ ގަވައިދާ ހިލާފަށް، ތަން ހުސްކުރުމުގެ މަސައްކަތް އެބަކުރަން: މިނިސްޓްރީ

ސްޓްރާޑާއިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ބްރިޖް ވިއު ސަރަހައްދުގައި ނިއުޕޯޓް ވިއު ހިންގަމުން އަންނަނީ ގަވައިދާ ހިލާފަށް ކަމަށާއި އެތަން ހުސްކުރުމުގެ މަސައްކަތް ގާނޫނާ އެއްގޮތަށް އިޖުރާއަތުގެ ދަށުން ކުރަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފި އެވެ.

އެއް މަސް ދުވަސް ދުވަހުގެ ތެރޭގައި ނިއުޕޯޓާއި ޕްލެޓްފޯމް ހުރި ބިން ހުސްކުރުމަށް ނޯޓިސް ދީނީ މިދިޔަ މަހު 11 ވަނަ ދުވަހު އެވެ. އަދި އެ މުއްދަތު މިދިޔަ ބުރާސްފަތު ދުވަހު ހަމަވި ނަމަވެސް މިހާތަނަށް ވެސް އެ ރެސްޓޯރެންޓް ބަންދުކޮށް ހުސްކޮށްފައެއް ނުވެ އެވެ.

ޕްލޭނިންގް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ނިއުޕޯޓް ވިއު ހިންގަމުންދާ ބިން ހުސްކުރަން އެންގި މުއްދަތު ހަމަވުމުންވެސް ތަން ހުސް ނުކޮށް އެތަނުގައި ރެސްޓޯރެންޓް ހިންގަނީ ގަވައިދާ ހިލާފަށް ކަމަށެވެ.

"ބިން ހުސްކުރުމައްޓަކައި މިނިސްޓްރީގެ ފަރާތުން އެފަރާތައް [ސްޓްރާޑާއަށް] ދީފައިވާ މުއްދަތުގައި ބިން ހުސްކޮށްފައި ނުވާތީ އާއި އެ ބިމުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީ. ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޮންނަ އުސޫލުގެ މަތިން މި މިނިސްޓްރީން ކުރިއަށް ގެންދާ ވާހަކަ ދެންނެވިން." ޕްލޭނިންގް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ އެ ބިން ހުސްކުރުމަށް އެ މިނިސްޓްރީން ސްޓްރާޑާއަށް އެންގި އެނގުމާ ހިލާފަށް ބިސް ހުސްނުކޮށް އެތަނުގައި ނިއު ޕޯޓް ވިއު ހިންގާ ކޮންމެ ދުވަހަކީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

https://sun.mv/116598

ނިއުޕޯޓް ވިއު އެތަނުން ނެގުމަށް ފަހު އެ ސަރަހައްދުގައި އާންމުން ހިތްފަސޭހަކޮށްލުމަށް ފެހި ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް އެ ސަރަހައްދު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ވެރިކަން ބަދުލުވުމާއި ޒާހިދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނިއުޕޯޓް ހިންގާ "ސްޓާރާޑާ"އިން ސިނަމާލެ ބްރިޖު ސަރަހައްދުގައި ތަރައްގީކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން ސްޓްރާޑާ ކުންފުނިން ވަނީ ބަދެލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް އެދިފައެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފައެވެ.

މިދިޔަ ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު ފަހުން އެ މައްސަލާގައި ދައުވާ ނުކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް