ދިރާގުން ރާއްޖޭގެ 75 ޕަސެންޓަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދިނުން ފާހަގަކޮށްފި

ދިރާގުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ގިނަދުވަސްވީ ކުންފުނި، ދިރާގުގެ ހިދުމަތުގެ ތެރެއިން މުހިއްމު ހިދުމަތެއްގެ ކާމިޔާބީ ފާހަގަކޮށްފިއެވެ.

މިރޭ ދިރާގުން ވަނީ ރާއްޖޭގެ 75 ޕަސެންޓަށް އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ދޭން ފަށާފައިވާތީ، އެކަން ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

ދިރާގުން ބުނީ ހައި ސްޕީޑް ބްރޯޑްބޭންޑު އިންޓަނެޓްގެހިދުމަތް ދިނުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ ސަބްމެރިން ކޭބަލް އެޅުން ކަމަށާއި ހއ އިން ފެށިގެން އައްޑުއާ ހަމައަށް ސަބްމެރިން ކޭބަލް ވިއުގަ ދަމާލެވިފައިވާ ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު ފެށިގެން އައިއިރު ރާއްޖޭގެ މުވާސަލާތީ ދާއިރާ އޮތީ ވަރަށް ހީނަރުކޮށް ކަމަށެވެ.

"މާލޭގައި ވަރަށް މަދު ފޯނެއް ހުރެފައި މާލެ ކައިރި ރަށެއްގައި ވަރަށް މަދު ފޯނެއް ނޫނީ ފޯނުގެ ގުޅުމެއް ނެތް. ދިރާގު އުފެސުނުތާ 10 ވަރަކަށް އަހަރު ނުވަނީސް ދިރާގުން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ނެޓްވޯކެއް ގާއިމްކޮށް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ފޯނުގެ ހިދުމަތް ދީފައި،" އިސްމާއިލް ވިދާޅުވީ ދިރާގު ނެޓްވޯކު ފުޅާކުރުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ތަރައްގީތަކެއް އައި ކަމަށެވެ.

އެގޮތުން ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެގެން ދިޔުމުގައި ދިރާގެ ހިއްސާ އޭނާ ފާހަގަ ކުރެއްވިއެވެ.

އިސްމާއިލް ރަޝީދު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ދިރާގު

މުވާސަލާތީ ގޮތުން ރާއްޖެއަށް ބޮޑު ކާމިޔާބީ އެއް ހޯދައިދިނުމުގައި ދިރާގުން މުހިއްމު ދައުރެއް އަދާކުރިކަން ފާހަގަ ކުރައްވާ އިސްމާއިލް ވިދާޅުވީ ރާއްޖެއަށް މޯބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ފުރަތަމަ ތައާރަފު ކުރީ ދިރާގުން ކަމަށެވެ.

"ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅާލުމަށްޓަކާ ސަބްމެެރިން ކޭބަލެއް ސްރީލަންކާ އަށް އަޅާ، އިންޓަނެޓުގެ ސްޕީޑާއި ކޮލެޓީގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރެވިގެން ދިޔަ،" މިއީ އިންޓަނެޓުގެ ހިދުމަތް ފުޅާވެގެން ދިޔުމުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ 1255 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅުމަކީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބްރޯޑުބޭންޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީވެސް ދިރާގުން ހާސިލްކުރި މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލްވީ ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

ދިރާގުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޭ ހިދުމަތް ވީހާވެސް ފުޅާކޮށް ފުރިހަމަކޮށް ފޯރުކޮށްދިިނުން ކަމަށާއި މޯބައިލް ބްރޯޑް ބޭންޑުގެ ހިދުމަތް ވެސް ރާއްޖޭގެ ހުރިހާ ރަށަކަށާއި ރިސޯޓުތަކަށްވެސް ދިރާގުން ފޯރުކޮށްދެން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި، އުއްމީދަކީ ޑިޖިޓަލް ރާއްޖެއަކަށް ހެދުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. "އެއާއެކު ގިނަ ހިދުމަތްތަކެއް ހެޔޮއަގުގައި އެފިޝިއަންޓުކޮށް ލިބިގެންދާނެ،"

މިއަދު ދިރާގުން ފާހަގަކުރާ ލަނޑުދަނޑިއާ ގުޅޭގޮތުން އިސްމާއިލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފައިބާ ބްރޯޑުބޭންޑުގެ ހިދުމަތް ދިނުމަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.

"ރާއްޖޭގެ 58 ރަށެއްގައި އަޅުގަނޑުމެން މިވަނީ ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކު އަޅާފައި،" އޭގެ ކުރިން މަސައްކަތް ކުރީ އެންމެ 13 ރަށުގައި ކޭބަލް އަޅައިގެން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިހާރު މާލެއެކޭ އެއް ސްޕީޑެއްގައި ރާއްޖޭގެ އާބާދީ އަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން އިތުރު ރަށްތަކަށް ހައި ސްޕީޑު އިންޓަނެޓް ފޯރުކޮށްދިނުމަށް،" އިސްމާއިލް ވިދާޅުވީ ބަކީ ހުރި ރަށްރަށަށްވެސް އިންޓަނެޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޓަނެޓުގެ އަގު އެދެވޭ ގޮތަށް ބަދަލު ކުރުމާ ގުޅޭގޮތުން އިސްމާއިލް ވިދާޅުވީ ކޮމިޔުނިކޭޝަނުގެ އަގަކީ ދުވަހުން ދުވަހަށް ދަށަށް ދާ އަގުތަކެއް ކަމަށާއި ދިރާގުންވެސް މަސައްކަތް ކުރާނީ އެދެވޭ އަގެއްގައި ރަނގަޅު ކޮލެޓީއެއްގެ ހިދުމަތް ދިނުމަށް ކަމަށެވެ.

comment ކޮމެންޓް