ކުރިން ނުދެކޭ، ނުދަންނަ މީހުންނަށް ޖޭޕީގެ ޓިކެޓު ދީފައި ހުރި: ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ސަން އޮންލައިނުގެ 50 މިނިޓު ޕްރޮގްރާމުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން 41 ދާއިރާއަކަށް ކުރިމަތިލި އިރު، އޭގެ ތެރޭގައި މީގެ ކުރިން ނުވެސް ދަންނަ، އަދި ކުރިން ދެކެފައި ނުވާ މީހުން ވެސް ހިމެނޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހްތިޔާރު، އެ ޕާޓީގެ ކައުންސިލުން ދިނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށެވެ. އެހެންކަމުން ދާއިރާތަކަށް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ކަނޑައެޅީ ޕާޓީގެ ލީޑަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީން ނެރެން ޖެހޭނީ ރަނގަޅު ބެލުމަކުން ބަލާފައި ހޮވާލެވޭ ރަނގަޅު ގާބިލު ކެންޑިޑޭޓުންތަކެއް ކަމަށެވެ.

"އަޅުގަނޑަށް ވިސްނޭ ރަނގަޅު ގޮތެއް ވެސް ހުށަހެޅިން ޕާޓީ ލީޑަރަށް. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އެކަންކަން ކުރާ ގޮތްތަކުގެ ވާހަަކަ ދެންނެވިން،"

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ހިޔާލުތައް ބަލައިނުގެންނެވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ލީޑަރަކަށް ހުންނަ މީހަކު ނަންގަވަން ޖެހޭ ޑިޒިޝަންތަކެއް ހުންނާނެ. އަޅުގަނޑު އިހުތިރާމުކުރަން. ޕާޓީ ލީޑަރު ނަންގަވާ ކޮންމެ ޑިޒިޝަނަކަށް އިހުތިރާމުކުރަން ޖެހޭނެ [އެކަމެއް] ގަބޫލުކުރިޔަސް ނުކުރިޔަސް،"

"[ނަމަވެސް] އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ރަނގަޅު ވިސްނުމުގައި، ރަނގަޅު ޕްރޮސެސްއަކުން މީހުން ނެރުނު ނަމަ މިއަށް ވުރެ ރަނގަޅު ނަތީޖާ ނެރެވޭނެކަން އަޅުގަނޑަށް ގަބޫލުކުރެވެނީ،" ރިޔާޒް ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ފަސް ގޮނޑި ކާމިޔާބުކުރީ މާމިގިލި ދާއިރާއަށް ޕާޓީ ލީޑަރު ގާސިމް އިބްރާހިމް، ތިމަރަފުށި ދާއިރާއަށް ރިޔާޒް، ކެންދޫ ދާއިރާއަށް އަލީ ހުސައިން، ދަނގެތި ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އަދި އިސްދޫ ދާއިރާއަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ހަމީދެވެ.

ރިޔާޒް ވިދާޅުވީ ޕާޓީ ލީޑަރަށް ފުރިހަމަ އިހްތިޔާރު ދީގެން ޖުމްހޫރީ ޕާޓީގެ ޓިކެޓު ދިން މީހުންގެ ތެރޭގައި ނުވެސް ދަންނަ މީހުން އުޅުނު ކަމަށެވެ. އަދި މީހުން ހޮވުމުގައި "ހޭންޑްޕިކް" ކުރުމަށް ވުރެ ޕާޓީއަށް އިހުލާސްތެރި، އަދި ދާއިރާގެ ރައްޔިތުންގެ މެދުގައި މަގުބޫލު މީހާ ހޯދި ނަމަ ވާނެ ގޮތާ މެދު ރައްޔިތުން ސުވާލު ނުކުރާނެ ކަމަށެވެ.

"މި ސުވާލުތަކަށް ޖަވާބު އަންނަ ގޮތަށް ކަން ކުރެވުނު ނަމަ [މާ ރަނގަޅުވާނެ] ހަމަ ޓަސްލާފައި 'އާނ މީނަ ރަނގަޅުވާނެ'އޭ ބުނުމަށް ވުރެ. އެކި މީހުން އަންނަނީ އެކި ގޮތްގޮތުން ލޮބީ ކުރަމުން. އަޅުގަނޑުމެން ވެސް ނުވެސް ދަންނަ، ނުވެސް ދެކޭ މީހުން އެބަހުރި މިފަހަރު ޕާޓީގެ ނަމުގައި ނުކުމެފައި،"

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ނުކުތް ބައެއް ފަރާތްތަކުގެ ތެރޭގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ ހަމައަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރު ދިފާއުކުރުމަށް މަޖިލީހުގައި މަސައްކަތްކުރި އޭރުގެ ބައެއް ޕީޕީއެމް މެމްބަރުންނާއި ކުރީގެ ސަރުކާރުގައި ސިޔާސީ އިސް މަގާމުތައް އަދާކުރި ބައެއް މިނިސްޓަރުންނާއި އެހެނިހެން މީހުން ވެސް ހިމެނެ އެވެ.

comment ކޮމެންޓް