އިނގިރޭސި ފުލުހުން އަސާންޖް ހައްޔަރުކޮށްފި

އިކުއެޑޯގެ އެމްބަސީގައި ހުރި ޖޫލިއަން އަސާންޖް ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (އޭޕްރިލް 11): އިނގިރެސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގައި ހުރި ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސި ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އަސާންޖް ހައްޔަރު ކުރީ އިކުއެޑޯއިން އޭނާއަށް ދިން ހިމާޔަތް އަނބުރާ ގެންދިޔުމުންނެވެ. މީގެ ހަތް އަހަރު ކުރިން އަސާންޖް އިކުއެޑޯގެ އެމްބަސީގައި ދިރިއުޅެން ފެށީ ސުވިޑެންއިން އޭނާގެ މައްޗަށް ރޭޕް އާއި ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރުމުންނެވެ.

އެމައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން އަސާންޖް ޑިސެމްބަރު 2010ގައި ހައްޔަރުކުރި އެވެ. އަދި އޭގެ 10 ދުވަސް ފަހުން އޭނާ ކަފާލާތުގެ ދަށުން ދޫކުރުމުން، އަސާންޖް އިކުއެޑޯއިން ހިމާޔަތް ހޯދީ އެވެ.

އިނގިރޭސި ފުލުހުން ބުނި ގޮތުގައި އަސާންޖް ހައްޔަރު ކުރީ 2010 ވަނަ އަހަރު ކަފާލާތުގެ ދަށުން ކަނޑައެޅި ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. އަދި އޭނާއާ މެދު ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކޯޓަށް ހާޒިރު ކުރުމަށް ފަހުގަ އެވެ.

އިކުއެޑޯގެ ރައީސް ލެނިން މޮރީނޯ ވިދާޅުވި ގޮތުގައި އަސާންޖްގެ ހިމާޔަތް އަނބުރާ ގެންދިޔައީ އޭނާ ތަކުރާރުކޮށް ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުން ދިޔުމުގެ ސަބަބުންނެވެ. ނަމަވެސް ވިކިލީކްސްއިން ވަނީ އަސާންޖްއަށް ދީފައިވާ ހިމާޔަތް އަނބުރާ ގެންދިޔައީ ބައިނަލްއަަގުވާމީ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެފަ އެވެ.

އިކުއެޑޯއިން ހިމާޔަތް ހޯދުމަށް ފަހު އަސާންޖް ވަނީ އިނގިރޭސިން އޭނާ އެމެރިކާއާ ހަވާލުކޮށްފާނެ ކަމަށް ބުނެ އެމްބަސީން ނުކުންނަން ދެކޮޅު ހަދާފަ އެވެ. ދެހާސްދިހަ ވަނަ އަހަރު އަސާންޖް ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ލީކުކޮށްލާފަ އެވެ. އަދި އެމައްސަލައާ ގުޅިގެން އެމެރިކާއިން އޭނާގެ މައްޗަށް ދައުވާ ކުރިކަން ހާމަކޮށްފައި ނުވި ނަމަވެސް، މިދިޔަ އަހަރު ވިކިލީކްސްއިން ވަނީ އެމެރިކާއިން އަސާންޖްއާ ދެކޮޅަށް ދައުވާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް