ވޯޓު އަލުން ގުނުމުން ދެ ވޯޓު އިތުރުވެ، ސައީދު މާވަށު ދާއިރާ ގޮނޑި ޔަގީން ކޮށްފި

މާވަށު ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުން: އެ ދާއިރާ ގޮނޑި ހަ ވޯޓުގެ ފަރަގަކުން ކާމިޔާބު ކުރެއްވީ ސައީދު -- ފޮޓޯ/ ޕީއެސްއެމް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާވަށު ދާއިރާގެ ރައްޔިތުން ވޯޓުލި 69 ވޯޓު ފޮއްޓެއް އަލުން ގުނުމުން ދެ ވޯޓު އިތުރުވެ، އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ސައީދު އެ ދާއިރާގެ ގޮނޑި ޔަގީން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ އެންމެ ފުރަތަމަ ގުނާފައިވަނީ އެ ދާއިރާގެ ހަތަރު ވޯޓު ފޮއްޓެކެވެ. އެ ހަތަރު ފޮށި ގުނުމުން ފަސް ވޯޓުގެ ފަރަގާއެކު އިންތިހާބުން ކުރި ހޯއްދެވީ ސައީދެވެ.

ނަމަވެސް އިއްޔެ އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ މާވަށު ދާއިރާގެ ރައްޔިތުން ވޯޓުލި ބާކީ ހުރި 69 ވޯޓު ފޮއްޓެއް އަލުން ގުނާފަ އެވެ،. އަލުން ގުނުމުން ސައީދަށް ދެ ވޯޓު އިތުރުވެ ހަ ވޯޓުގެ ފަރަގަކާއެކު އޭނާ ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ.

އިއްޔެ ހަވީރު 5:00 އިން ފެށިގެން ސައީދާއި ފަލާހުގެ އިތުރުން އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި ގުނަން ފެށި އެ ދާއިރާގެ 69 ފޮއްޓެއް ރޭ ދަންވަރު 2:00 އަށް ނިމުނު އިރު، ނަތީޖާ ބަދަލު ވެފައިވަނީ ތިން ވޯޓު ފޮއްޓެއްގެ ވޯޓެވެ.

ނާތީޖާ އަށް ބަދަލު އައިސްފައިވަނީ ލ. މާވަށުގައި ބެހެއްޓި ދެ ވޯޓު ފޮއްޓާއި ލ. ހިތަދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮއްޓެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މާވަށު ދާއިރާއަށް ވާދަ ކުރެއްވި އެ ދާއިރާގެ މިހާރުގެވެސް މެމްބަރު އަޒްހާން ފަހުމީ އަށް މާވަށުގެ އެއް ނަންބަރު ވޯޓު ފޮށިން އެއް ވޯޓު އިތުރުވިއެވެ. އަޒްހާންއަށް އެއް ވޯޓު އިތުރުވުމުން އެ ވޯޓު ފޮށީގެ ބާތިލް ވޯޓުގެ އަދަދަކީ، ހަ ވޯޓެވެ.

މާވަށު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށިން ސައީދަށް ދެ ވޯޓު އިތުރުވި އިރު، އެމްޑީޕީ ޓީކެޓްގައި ވާދަ ކުރެއްވި އިބްރާޙިމް ފަލާހަށް ދެ ވޯޓު އިތުރުވިއެވެ. ބާތިލް ވޯޓުގެ އަދަދަކީ ދެ ވޯޓެވެ.

ލ. ހިތާދޫގައި ބެހެއްޓި ވޯޓު ފޮށިން އަޒްހާނަށް ވަނީ އެއް ވޯޓު މަދުވެފައެވެ. ބާތިލް ވޯޓުގެ އަދަދަކީ، ހަ ކެވެ.

އެ ތިން ވޯޓު ފޮށީގެ އިތުރުން ބާކީ ހުރި 66 ވޯޓު ފޮށީގެ ނަތީޖާ އަށް ބަދަލެއް އައިސްފައިނުވެއެވެ.

މިހާރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދަށް ލިބިވަޑައިގަތީ، 855 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ފަލާހަށް ލިބިވަޑައިގަތީ، 849 ވޯޓެވެ. ތިންވަނައަށް ދިޔަ އަޒްހާން އަށް ލިބިވަޑައިގަތީ، 651 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ، 26 އެވެ.

މިފަހަރު އިންތިހާބު ނާކާމިޔާބުވެވަޑައިގެންވި ފަލާހް އަކީ 2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައިވެސް އެ ދާއިރާއަށް ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންނެވި ކެންޑިޑޭޓެކެވެ.

ދާއިމީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ރޭ ނިންމި ނަމަވެސް މާވަށު ދާއިރާގެ އަލުން ގުނަން ނިންމި ފޮށިތައް ރޭ ނިމިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ދާއިމީ ނަތީޖާ އިއުލާން ކުރުން މިއަދަށް ފަސްކޮށްފައެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރުން އޮތީ މިއަދު 10 ޖަހާއިރު އެވެ.

މާވަށު ދާއިރާގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ އިތުރު ތިން ދާއިރާއެއްގެ ވޯޓު ފޮށިތަކެއް އަލުން ގުނާފައެެވެ. އަލުން ގުނަން ނިންމި، ބާރަށު ދާއިރާއާއި މާމިގިލީ ދާއިރާ އަދި ފޮނަދޫ ދާއިރާގެ ނަތީޖާތަކަށް މާބޮޑެތި ބަދަލުތަކެއް އައިސްފައި ނުވެއެވެ.

comment ކޮމެންޓް