އިންޑިއާގެ ބޮޑު އިންތިހާބު މާދަމާ ފަށަނީ!

ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ބޮޑުވަޒީރު މޯދީ އާއި ބީޖޭޕީ -- ފޮޓޯ: އޭޕީ

ދުނިޔޭގެ އާބާދީގެ 17 ޕަސެންޓު ހިއްސާ ކުރާ އިންޑިއާގެ އާއްމު އިންތިހާބު މާދަމާ ފެށޭނެ އެވެ. މަހަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ އެއިންތިހާބުގައި ހޮވާނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި ތިއްބަވާނެ މެމްބަރުންނެވެ. އަދި މަޖިލީހުގެ ތިރީގެއިން އަގުލަބިއްޔަތު ލިބޭ ޕާޓީއަކުން ނުވަތަ ކޯލިޝަނަކުން އެގައުމުގެ ބޮޑުވަޒީރު އައްޔަން ކުރާނެ އެވެ.

އެންމެ ބޮޑު އިންތިހާބަށް ވަނީ ކިހިނެއް؟

އިންޑިއާގެ އާއްމު އިންތިހާބުގައި 900 މިލިއަން މީހުން ވޯޓު ލާނެ އެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑިމޮކްރެޓިކް ގައުމު ކަމަށްވާ އެމެރިކާގެ އާބާދީގެ ތިން ގުނަ އިތުރު އަދަދެކެވެ.

އެއިންތިހާބު ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 19އަށް، ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެގައުމުގެ 800،000 އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި 11 މިލިއަނަށް ވުރެ ގިނަ އިލެކްޝަން އޮފިޝަލުންނާއި ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވާނެ އެވެ. އެއިންތިހާބުގެ އަގު ހަތް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ދިއްލީގެ ސެންޓާ ފޯ މީޑިއާ ސްޓަޑީސްއިން ލަފާ ކުރެ އެވެ.

ވޯޓު ލާނީ ކިހިނެއް؟

ދެހާސްސާދަ ވަނަ އަހަރުގެ އާއްމު އިންތިހާބާ އެއްގޮތަށް މިއަހަރުވެސް އިންޑިއާގައި ވޯޓު ލާން ބޭނުން ކުރާނީ އިލެކްޓްރޯނިކް ވޯޓިން މެޝިނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުގައި އީވޯޓިންއަކީ ތިމާވެއްޓާ ރަށްޓެހި އަދި އިންތިހާބު ކުރިއަށްދާ އިރު ވޯޓު ކަރުދާސް އޮޅުވާލުން ނުވަތަ ނައްތާލުން ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތެކެވެ.

އިންޑިއާގެ އާއްމު އިންތިހާބުގައި ބޭނުން ކުރާ އިލެކްޓްރޯނިކް ވޯޓިން މެޝިންތައް ކައިރީ ސިފައިންގެ މީހަކު -- ފޮޓޯ: ޕީޓީއައި

ނަމަވެސް ބައެއް ޕާޓީތަކުން ވަނީ ވޯޓުލާ މެޝިންތައް ހެކް ކުރެވޭ ކަމަށާއި ވެރިކަން ކުރާ ޕާޓީއަށް ތާއިދު ކުޑަ ސްޓޭޓުތަކުގައި މެޝިންތައް ލަސް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭގެ ސަބަބުން 2017 ވަނަ އަހަރު އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓު މެޝިން ހެކް ކުރެވޭ ގޮތް ދެއްކުމަށް ޕާޓީތަކަށް ދައުވަތު ދީފަ އެވެ. ނަމަވެސް އެމެޝިންތަކުގެ ނަތީޖާ ބަދަލު ކުރެވޭ ގޮތް އެއްވެސް ޕާޓީއަކަށް ދެއްކިފައި ނުވެ އެވެ.

ވޯޓުލުމަށް ފަހު ކޮންމެ މީހެއްގެ އިނގިލީގައި ނުފޮހެވޭ ދެލިން ނިޝާނެއް ޖަހާނެ އެވެ. ގިނަ ދުވަސްތަކަށް ދެމިހުންނަ އެނިޝާން ޖަހަން ބޭނުން ކުރާ ދެލި އުފައްދަނީ އެންމެ ކުންފުންޏަކުންނެވެ. އަދި އެދެލީގެ ސިއްރު ފޯމިއުލާ އެނގެނީ އެންމެ ދެ ކެމިސްޓުންނަށް ކަމަށް އެކުންފުނިން ބުނެ އެވެ.

ވޯޓުގެ ނަތީޖާ ލިބޭނީ ކޮންއިރަކު؟

އަންނަ މަހުގެ ނަވާރައިގައި ވޯޓުލުން ނިމުމުން، ވޯޓު ގުނަން ފަށާނީ އެމަހުގެ 23ގަ އެވެ. އަދި ކޮންމެ ޑިސްޓްރިކްޓަކުން ހެނދުނު 08:00 ގައި ވޯޓު ގުނަން ފަށައިފި ނަމަ، އާ ސަރުކާރު އުފައްދާނެ ޕާޓީއެއް މެންދުރު ފަހުން ލަފާ ކުރެވޭނެ އެވެ.

އިންޑިއާގެ ޕާލިމެންޓުގެ ތިރީގޭގެ މެޖޯރިޓީ ލިބޭނީ އިންތިހާބު ކުރާ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ލިބޭ ޕާޓީއަކަށެވެ. އަދި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބޭނަމަ ކޯލިޝަން ސަރުކާރެއް ގާއިމު ކުރަން ދުވަސްތަކެއް ނަގާފާނެ އެވެ.

އިންތިހާބު ކާމިޔާބު ކުރާނީ ކޮން ޕާޓީއެއް؟

ދެހާސް ސާދަވަނަ އަހަރު ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިންޑިއާގެ ވެރިކަމަށް އައީ މަޖިލީހުގެ 282 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އެއީ 30 އަހަރު ތެރޭ އެންމެ ޕާޓީއަކަށް އެހާ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ނަމަވެސް ފާއިތުވި ފަސް އަހަރު ތެރޭ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެނައި ބައެއް އިސްލާހުތަކާ ގުޅިގެން ބީޖޭޕީއަށް އޮތް ތާއީދު ކުޑަވާން ފެށި އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ފަސް ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުތަކުން ބީޖޭޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

އޭގެ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފެށުމާއި 2016 ވަނަ އަހަރު 500 އާއި 1،000 ރުޕީސްގެ ނޫޓު ބޭނުން ކުރުން ހުއްޓާލުމުން ގައުމުގެ އިގުތިސާދަށް އެރި ލޮޅުން ހިމެނެ އެވެ.

އިންޑިއާގެ އާއްމު އިންތިހާބާ ދިމާކޮށް ޕްރިޔަންކާ ގާންދީ ވަނީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފަ -- ފޮޓޯ: އައިއެންސީ

ނަމަވެސް މިދިޔަ މަހު އިންޑިއާގެ ޖެޓުތަކެއް ޕާކިސްތާނަށް ހަމަލާ ދިނުމާ ގުޅިގެން އަނެއްކާވެސް މޯދީއަށް އޮތް ތާއީދު އިތުރުވެފައިވާ ކަމަށް ބެލެވެ އެވެ. އެގޮތުން އެހަމަލާތައް ދިން ފަހުން ނެގި ހިޔާލު ހޯދުމުގެ ތިން ވޯޓަކުން ދައްކާ ގޮތުގައި، ކުޑަ ތަފާތަކުން ނަމަވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ބީޖޭޕީ އެވެ.

އެއިންތިހާބުގައި މޯދީއާ އެންމެ ގާތުން ވާދަ ކުރާނީ އިދިކޮޅު ކޮންގްރެސް ޕާޓީންނެވެ. އެޕާޓީއަށް 2014 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބުން ލިބުނީ އެންމެ 44 ގޮނޑި އެވެ. ނަމަވެސް ޑިސެމްބަރު މަހު ބޭއްވި ފަސް ސްޓޭޓް އިންތިހާބުގެ ތެރެއިން، ތިން ސްޓޭޓެއްގެ އިންތިހާބު ކޮންގްރެސްއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ސަބަބުން ރާހުލް ގާންދީ އިސްކޮށް ހުންނަވާ ކޮންގްރެސްއިން ވަނީ އާއްމު އިންތިހާބަށް އާރޫހަކާއެކު ކެމްޕެއިން ކުރަން ފަށާފަ އެވެ. އަދި އިންޑިއާގެ ގިނަ އަދަދެއްގެ މީހުންގެ ލޯބި ލިބިފައިވާ، ރާހުލް ގާންދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާންދީ ވަނީ އިންތިހާބާ ދިމާކޮށް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފަ އެވެ. ނަމަވެސް އެކަމަނާ އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.

comment ކޮމެންޓް