މަންތާ އެއާގެ ދަތުރުތައް ދަރަވަންދޫ އެއާޕޯޓަށް

މަންތާ އެއާގެ ފްލީޓަށް ގެނައި ފުރަތަމަ ބޯޓު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މާދަމާ އިން ފެށިގެން މަންތާ އެއާގެ ދަތުރުތައް ދަރަވަންދޫ އެއާޕޯޓަށް ފަށަން ތައްޔާރު ވެއްޖެވެ.

މިދިޔަ ފެބްރުއަރީމަހުގެ ފަހުކޮޅު އުދުހުންތައް ފެށި މަންތާ އެއާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ އާއި ދ. ކުޑަހުވަދޫ އެއާޕޯޓާ ދެމެދުއެވެ.

އެ އެއާލައިނުގެ ފްލީޓަށް ތިންވަނަ ފްލައިޓެއް ގެނެސް ދަރަވަންދޫއަށް ދަތުރުތައް ފަށަން ތައްޔާރުވެފައިވާއިރު، އެ މަންޒިލަށް ހާއްސަ ފެއާތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ.

ފެށުމެއްގެ ގޮތުން ދަރަވަންދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދުވާލަކު ދެ ދަތުރު ބާއްވަން މަންތާ އެއާ އިން ނިންމާފައިވީ ނަމަވެސް ދެ ހަފްތާ އަށްފަހު މި ދަތުރުތައް ދުވާލަކު ތިން ފްލައިޓަށް އިތުރުކުރާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މަންތާ އިން ދަރަވަންދޫ އަށް ދަތުރު ފަށާފައިވާއިރު ހާއްސަ ފެއާއެއްގެ ގޮތުން ކޮޅަކަށް ބޮޑު މީހަކަށް 499 ރުފިޔާ އަދި ކުޑަކުއްޖަކަށް 249 ރުފިޔާގެ ފެއާއެއް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުންވެސް މަންތާ އެއާގައި ގިނަ ފެއާ ކެޓަގަރީތަކެއް އޮވެއެވެ. އޭގެ ތެރޭގައި ވަރަށް އަގުހެޔޮ ފެއާގެ ޓިކެޓުތައްވެސް ހިމެނެއެވެ. ކުރިއާލައި ބުކިން ހައްދާ ފަރާތްތަކަށް އެ އެއާލައިނުން ވަނީ ހާއްސަ ރޭޓޭއް ކަނޑައަޅައިފައެވެ. މަންތާ އެއާގެ ޝެޑިއުލްތައް އާންމު ކުރަނީ ކޮންމެ ހަ މަހަކުންނެވެ.

މަންތާ އެއާގެ ބޯޓުތަކުގައި ހުންނަނީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ. އެ އެއާލައިނުގެ ދަތުރުތަކަށް ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ އިކޯ ފްރެންޑްލީ ތިން އެއާ ކްރާފްޓެވެ.

މަންތާއިން ދަރަވަންދޫ އަށް ދަތުރުތައް ފަށާފައިވާއިރު ދަރަވަންދޫ އެއާޕޯޓަކީ ރާއްޖެގައި އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހަކުވެސް އެ އެއާޕޯޓުން އެ ސަރަހައްދުގެ ރިސޯޓުތަކަށް ދަތުރުކުރެއެވެ.

comment ކޮމެންޓް