ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް އަލްޝާލީ މެރިން

ރާއްޖޭގެ މާކެޓިން އަދި ޕީއާރް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން ބާއްވާ ބައިނަލްއަގްވާމީ ޓްރޭޑް ފެއާ "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" ގެ ވިޔަފާރި ބައްދަލުވުންތައް ދަރުބާރުގޭގައި ކުރިއަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަލްޝާލީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ. މޯލްޑިވްސް ގޭޓަވޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޑރ. ސަނީ އުމަރެވެ.

ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ޝޯ އެވެ. ފާއިތުވި ދެ އަހަރުވެސް ޓީޓީއެމް ފެއާ ކާމިޔާބު ކަމާއެކު ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ ޕީއާރު ފާމު އަދި ޓްރެވަލް އެޖެންޓުން ވަނީ ފާއިތުވި ދެ އަހަރު މި ފެއާގައި ބައިވެރިވެފައެވެ.

ޓީޓީއެމް ފެއާގެ އެއް މަގުސަދަކީ 2020 އަންނަންވާއިރަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެދިނުމަށް ފަތުރުވެރިކަމުގެ މާކެޓްތަކަށް ރާއްޖެ ވިއްކުމެވެ.

މިއަހަރުގެ ޓީޓީއެމް ފެއާއަށްވެސް 300 އަށް ވުރެ ގިނަ ހޮޓެލިއާސް އާއި ސަޕްލަޔަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއާ ކުރިއަށްދާނީ ހަތަރު ކޮމްޕޯނެންޓެއްގެ މައްޗަށެވެ. އެއީ ޕްރީ ޝެޑިއުލްޑް މީޓިންގްސް އިތުރުން ޓީޓީއެމް ޓްރެވަލް ސަމިޓް އަދި މޯލްޑިވްސް ސަޕްލަޔާސް އެކްސްޕޯ އާއި ގާލާ ނައިޓެވެ.

comment ކޮމެންޓް