ރައީސް ސޯލިހަށް މައުމޫން މަރުހަބާ ދަންނަވައިފި

ރައީސް ސޯލިހު(ކ) އާއި ރައީސް މައުމޫން ރައީސް އޮފީހުގައި މީގެ ކުރިން ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވައިފި އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގިނަ ވޯޓުތައް ގުނައި ނިމިފައިވާ އިރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާ އިރު ފަސްދޮޅަކަހަށް ގޮނޑިއާ އެކު އެ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީއާ އެކު ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް ފަސޭހަވެގެންދާނެތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު އުފައްދަވާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އަބަދު ވެސް ތިބޭނީ ރައްޔިތުންނާ އެކު ކަމަށެވެ. އަދި މަސައްކަތް ކުރާނީ ގައުމަށް ޓަކައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ކަމަށެވެ.

"އެމްއާރްއެމް އިން އަބަދު ވެސް ތިބޭނީ ރައްޔިތުންނާ އެކު އަދި މަސައްކަތް ކުރާނީ ގައުމަށް ޓަކައި މަސައްކަތް ކުރާ ފަރާތްތަކާ އެކު،" މައުމޫން ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ގިނަ ވޯޓު ގުނައި ނިމިފައިވާ އިރު މައުމޫންގެ ތާއީދުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ލިބިފައި ވަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަށެވެ.

comment ކޮމެންޓް