އެލިޔާ އިންވެސްޓްމަންޓްގެ އެހީގައި ދޫނިދޫގައި ގާއިމްކުރި މެރިން އިންޖީން ސާވިސް ސެންޓަރު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މިއަދު ދޫނިދޫގައި ބޭއްވި މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި އެލިޔާ އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރ އަލާއު އަލީ ވެސް ބައިވެރިވެލެއްވިއެވެ.
އަދި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ދަމާސް އާއި އެމްޓީސީސީގެ އިސް މުވައްޒަފުންގެ އިތުރުން މެރިން ޕޮލިސްގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި މެރިން ޕޮލިސްގެ ފްލީޓްއަކީ ބޮޑު ދައުރެއް އަދާކުރާ ބައެއްކަމަށާއި މެރިން ޕޮލިސްގެ އުޅަނދުތައް އަބަދުވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމުކަމެއްކަމަށެވެ.
ފުލުހުންނާއި ކޯޕަރޭޓިވް ދާއިރާއާ އޮންނަ ގުޅުމުގެ ތެރެއިން ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލްކުރުމަށް އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން އަބަދުވެސް ފުލުހުން ބަލައިގަންނަކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މި ސެންޓަރު ގާއިމްކުރުމަށް އެލިޔާގެ ފަރާތުންނާއި އެހެން ކުންފުނިތަކުން ދިން އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ސީޕީ ޝުކުރު އަދާކުރެއްވިއެވެ.
މެރިން އިންޖީން ސާވިސް ސެންޓަރުގެ ސެންޓަރުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ އޮޕަރޭޝަނަލް ރެޑިނަސްގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.
މެރިން ޕޮލިސްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ދެމުންދާ ފުލުހުންގެ ހިދުމަތުގެ ތެރޭގައި ހިމެނިގެން ދެމުންދާ ހިދުމަތެއްކަން ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ ބަދަލުވަމުންދާ މުޖުތަމައުގައި ފުލުހުންގެ މިޝަން ހާސިލްކުރުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.
ހާއްސަކޮށް ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމުކަމެއް ދީގެން މަސައްކަތްކުރާއިރު، މިފަދަ ސެންޓަރެއް ގާއިމްވެފައިހުރުމަކީ ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ސެންޓަރަކަށް ވެގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ދޫނިދޫގައި ގާއިމްކުރި މެރިން އިންޖީން ސާވިސް ސެންޓަރުން އިންޖީން އޯވަހޯލް ކުރުމުގެ އިތުރުން އިންޖީނުގެ ހުރިހާ މަރާމާތެއް ކުރެވޭނެއެވެ. ސެންޓަރުގައި ހަރަކާތްތެރިވަމުންދާނީ މެރިން ޕޮލިސްގެ މެރިން އިންޖިނިއަރިން ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ. އަދި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ކަމާގުޅުންހުރި ދާއިރާތަކުން ތަމްރީނުތައް ދީފައެވެ.
އެލިޔާ އިންވެސްޓްމަންޓުން އިސްނަގައިގެން އެކުންފުނީގެ އެހީގައި ގާއިމްކުރި މި ސެންޓަރުގެ މަސައްކަތްތަކަށް އެމްޓީސީސީ އާއި ހަސަން މެރިން އާއި ދަމާސްގެ ފަރާތުން އެހީތެރިކަން ލިބުނުކަމަށް ފުލުހުން ބުންޏެވެ.މި ސެންޓަރުގެ ގާޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.