ނަބީ ބޭކަލުންގެ ބިންތައް 7 - ޞާލިޙުގެފާނު 2

ޞާލިޙުގެފާނުގެ މަހާނަފުޅެއް ކަމަށް ބުނެވޭ މަހާނަފުޅެއް --

ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނަށް ވަނީ އެކަލޭގެފާނުގެ ގައުމުގައި ވަރަށް މަތިވެރި ދަރަޖައެއް ލިބިވަޑައިގެންފައެވެ. އެކަލޭގެފާނަކީ އެޤައުމުގެ ރަސްކަމަށް ވެސް އެންމެ އެކަށީގެންވާ ބޭފުޅާ ކަމުގައި ވެސް އެމީހުން ޤަބޫލުކުރިއެވެ. އެހެންނަމަވެސް ނަބިއްޔެއްގެ ގޮތުގައި އެކަލޭގެފާނު ބަލައިގަންނާން އެމީހުން އެއްބަސްނުވީއެވެ. އަރަބި ބައްރުގެ އުތުރުގައި، ސަމޫދު ބާގައިގެ މީހުންގެ ވަޒަން އޮތް ތަނަށް އަޒާބު ފޮނުއްވުމުން، ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނާއި އެކަލޭގެފާނަށް އީމާން ވީ މީހުން ހިޖުރަ ކުރެއްވީ ޞާލިޙުގެފާނުގެ ގައުމުގެ މީހުންގެ ކާބަފައިން ކަމުގައިވާ އާދު ބާގައިގެ މީހުންގެ ވަޒަން ކަމުގައިވާ ޔަމަނަށެވެ. އެއީ ޞާލިޙުގެފާނުގެ ވެސް އަޞްލު ވަޒަނެވެ. ޞާލިޙުގެފާނުގެ ޙަޔާތްޕުޅުގެ ދެވަނަ ބައި ހޭދަ ކުރެއްވީ ޔަމަނުގެ ޙަޟްރަމައުތުގައެވެ.

"ސައްޔިދުނާ ޞާލިޙު ޢަލައިހިއްސަލާމަކީ އަރަތްބެއް. އެކަލޭގެފާނުގެ ގައުމުގެ މީހުންނަކީ އަރަބީން. އެމީހުން ދިރިއުޅުނީ މަދީނާގެ އުތުރުން އޮތް ބިމުގައި. އެއީ ތައިމާ އާއި ތަބޫކު ސަރަޙައްދު. ފަހަރެއްގައި އެގައުމުގެ މީހުންގެ ސަރަޙައްދު އުރުދުންގެ ޕެޓްރާއާ ހަމަޔަށް ދެމިގެން ވުމަކީ ވެސް އެކަށީގެންވާ ކަމެއް. އެމީހުންނަކީ ވާދީތަކުގައި ހިލަކަނޑައިގެން ގެދޮރު ހަދައި އުޅުނު ބައެއް." ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

"ޞާލިޙުގެފާނު ނިސްބަތްވެވަޑައިގަންނަވަނީ އެގައުމުގައި ވަރަށް ގަދަރު ލިބިގެންވީ އާއިލާއަކަށް. އެކަލޭގެފާނަކީ ހައިބަވެތި ބޭފުޅެއް. އެކަލޭގެފާނުން ފެންނަ ކޮންމެ މީހަކަށް ވެސް އެކަލޭގެފާނަކީ ޞާލިޙު އަދި ޙިކުމަތްތެރި ބޭފުޅެއްކަން މޫނުފުޅު މަތީން ވެސް ހާމަވާ ކަމަށް ތާރީޚީ ފަތްފުށްތަކުގައިވޭ. އެމީހުންގެ ތެރޭގައި ބުނަމުން ދިޔަ ތިމަންނަމެންގެ ރަސްކަލަކަށް ދެން ވެވަޑައިގަންނަވާނީ ޞާލިޙުގެފާނޭ. މި ކަމަށް ކީރިތި ޤުރުއާނުގައި ވެސް އިޝާރަތް ކުރައްވައިފައިވޭ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނު ފަހުން ވަޑައިގެން ވަޒަންވެރިވި ތަނާ އެންމެ ކައިރީގައި އޮތީ ޙަޟްރަމައުތުގެ މަދީނަތު ސީޔޫންއޭ ކިޔޭ ރަށެވެ. އެހެންކަމުން މިއީ ޢާދު ބާގައިގެ މީހުން ދިރިއުޅު ހިސާބުގަނޑަށް ނިސްބަތްވާ ރަށެކެވެ. ސީޔޫންއަކީ ވަރަށް ހިތްގައިމު ރަށެކެވެ. މިއީ ޙަޟްރަމައުތުގެ ޢަރޫސާގެ ނަމުން މަޝްހޫރުވެފައި އޮންނަ ރަށް ވެސްމެއެވެ. މި ރަށް އޮންނަނީ ފަރުބަދަތަކުގެ ސިލްސިލާއެއްގެ މެދުގައެވެ. މިރަށުގެ އިމާރާތްތަކަކީ ގަދީމީ އަސަރުތައް ހުރި އަދި އިމާރާތްކުރުމުގެ ގަދީމީ ފަންނުވެރިކަން ފެންނާން ހުރި ތަންތަނެވެ.

ސީޔޫންގެ މަޝްހޫރު ގަނޑުވަރު ކައިރީގައިވާ ބާޒާރުތައް ހިންގައި ބަލަހައްޓަނީ ހިތްވަރުގަދަ އަދި މުރާލި ޙަޟްރަމީންނެވެ. ހަޟްރަމީ ވިޔަފާރިވެރީން ވަނީ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ވަޒަންވެރިވެފައެވެ. އެފްރިކާގެ އިރުމަތީ ބަޔާއި އިރުމަތީ އޭޝިޔާގެ ދެކުނު ބައިގައި އިސްލާމްދީން ފެތުރީ ވެސް ޙަޟްރަމީ ވިޔަފާރިވެރީންނެވެ.

މިއީ މި ރަށުގެ ތާރީޚީ ބިނާއެއް ކަމަށް ވާ ޙިޞްނުލް ފަލްސްއެވެ. މިއީ އިރުމަތީ ފަރާތުން މި ރަށް ޙިމާޔަތް ކުރާން ޤާއިމުކުރެވިފައި ހުރި ކިއްލާއެކެވެ. މި ކިއްލާއެކޭ އެއްފަދައިން މި ރަށުގެ ހުރިހާ އިމާރާތްތަކަކީ ވެސް އިމާރާތް ކުރުމުގެ ގަދީމީ އާސާރުތައް ދައްކުވައިދޭ ތަންތަނެވެ.

މިހާރު މި އޮތީ މި ރަށަށް ރޭގަނޑުވެފައެވެ. ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނުގެ މަޤްބަރާ ހުންނަނީ މި ރަށާ މާ ދުރު ނޫން ހިސާބެއްގައެވެ. ފަތިސްނަމާދުގެ ބަންގީގެ ކުޑަ އިރުކޮޅެއް ކުރީން އަހަރެމެން ދަތުރު މި ފަށަނީ މި ތަނާ ގާތްގަނޑަކަށް 63 ކިލޯމީޓަރުގެ މަސާފަތެއްގައި ހުރި ޞާލިޙުގެފާނުގެ މަޤްބަރާއަށެވެ. އެ މަޤްބަރާ ހުންނަނީ މި ރަށުގެ އިރުއުތުރުގައެވެ. ޙަޟްރަމައުތުގެ އެންމެ މުހިންމު ހިސާބުގައެވެ.

"މިއީ އަރަބި ބައްރުގައި ހިމެނޭ އެންމެ ބޮޑު އެއް ވާދީ. މި ވާދީގެ އުތުރު ބިތުގައި އޮތީ ރުބުޢުލްޚާލީގެ ސަޙަރާ. ދެކުނުގައި އޮތީ ޢަރަބި ކަނޑު. އެހެންކަމުން މިއީ ވަރަށް ވެސް މުހިންމު ސިފަތަކެއް ލިބިފައިވާ ވާދީއެއް. މި ވާދީގައި ހިމެނޭ ޚާއްޞަ ސިފަތަކަކީ ސަހަރާއަކާ ކައިރީގައި ބަޔަކު ދިރިއުޅުމަށް ބޭނުންވާ އަސާސީ ބައިތައް އެކުލެވިގެންވުން. އެހެންކަމުން އެންމެ ގަދީމީ ޒަމާނުއްސުރެ މި ތަނުގައި ދަނީ މީހުން ދިރިއުޅެމުން." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

އާންމު ކޮށް މިފަދަ މަސާފަތެއްގައި ދަތުރަށް ނަގާ ވަގުތަށް ވުރެ މި މަގުން ކުރާ ދަތުރުތަކަށް ވަގުތު ނަގާލެއް އިތުރުވާނެއެވެ. އެއީ މި މަގުތައް އޮތް ގޮތުންނެވެ. މިއީ ރާޅު އަދި ފަރުބަދަމަތީގެ މަގުތަކެކެވެ.

"މި ވާދީއަށް ކިޔަނީ ވާދީ ސަރް. މިއީ މި ހިސާބުގަނޑުގެ ދިގު ތާރީޚުގައި ވަރަށް މުހިންމު ސަރަޙައްދެއް. މިތަނުން މިހާރު ފެންނާން ހުރި އާސާރުތަކުން ވެސް އެކަން ތަޞައްވަރު ކުރެއްވޭނެ." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

މިހާރު މިވަނީ މިހިސާބަށް އަވި ދީފައެވެ. މި ހިސާބުގައި ބައިވަރު ޝިޢުބުތައް އެބަ ހުށްޓެވެ. ޝިޢުބު އަސްނަބަކީ ވެސް މީގެ ތެރޭގައި ހިމެނޭ ތަނެކެވެ. ސައްޔިދުނާ ޞާލިޙު ޢަލައިހިއްސަލާމް ފަސްދާނުލެވިފައިވަނީ މި ތަނުގައެވެ. ވާދީ ސަރްގެ މެދުގައެވެ.

"ތާރީޚީ ހެކިތައް އިޝާރާތް ކުރަނީ ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނު މި ހިސާބުގައި އުޅުއްވި ކަމަށް. ޙިޖާޒުކަރައިގެ އުތުރުގައި އުޅުއްވުމަށް ފަހު ވަޑައިގެން އުޅުއްވީ މި ހިސާބުގައި ކަމަށް. މަދާއިން ޞާލިޙް ސަރަޙައްދުން އެބޭފުޅުން ނުކުމެވަޑައިގެން ދަތުރު ކުރެއްވީ ދެކުނަށް. ބައެއް މުފައްސިރުން ވިދާޅުވަނީ އެއީ 4000 ބޭފުޅުން ކަމަށް. އެ ބޭފުޅުން ވަޑައިގެން ވަޒަން ވެރިވީ މި ސަރަޙައްދުގައި." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މި ތިބީ ސައްޔިދުނާ ޞާލިޙު ޢަލައިހިއްސަލާމުގެ މަޤްބަރާއާ ހަމަޔަށެވެ. މި މަޤްބަރާގެ މަހާނައިގެ ދިގު މިނުގައި 10 ވަރަކަށް މީޓަރު އެބަ ހުށްޓެވެ. ހަގީގަތުގައި ވެސް އެކަލޭގެފާނަކީ އެހައި ދިގު ބޭފުޅަކީ ބާވައެވެ؟ މިއީ ހޫދު ޢަލައިހިއްސަލާމުގެ ޤަބުރުފުޅާ މެދު ވެސް އަޅުގަނޑުމެން ކުރި ސުވާލެކެވެ.

"މިހާ ދިގު ކޮށް މި މަހާނަފުޅު ހުރުމުގެ ސިއްރަކީ ކޮބައި ކަމެއް ނޭނގޭ. މިއީ އިސްލާމް ދީން އައުމުގެ ކުރީގައި މި ހިސާބުގަނޑުގައި ތިބި މީހުންގެ އަގީދާއާ ގުޅުން ހުރި ކަމަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް. ނުވަތަ ގަދަރު ދިނުމުގެ ގޮތުން މަހާނަފުޅު ދިގު ކޮށްފައި ވަނީ ކަމަށް ވެސް ވެދާނެ. އަޅުގަނޑު ގަބޫލު ކުރަނީ ޞާލިޙުގެފާނުގެ އިސްކޮޅު ވެސް ވާނީ އާންމު އިންސާނެއްގެ އިސްކޮޅާ މާ ބޮޑު ތަފާތެއް ނެތް އިސްކޮޅަކަށް ކަމަށް. އެހެންނަމަވެސް އެ ޒަމާނުގެ އިންސާނުންގެ އިސްކޮޅު ތަފާތުވުން ވެސް އެކަށީގެންވޭ. ސަމޫދު ބާގައިގެ މީހުންނަކީ އާދު ބާގައިގެ މީހުންނާ ގުޅުން ހުރި ބަޔަކަށް ވުމުން، އާދު ބާގައިގެ މީހުން ފަދައިން ހަށިގަނޑު ވަރުގަދަ ބަޔަކަށް ވުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެކަމަކު ސުވާލަކީ އެމީހުންގެ އިސްކޮޅު ވެސް ހަމަ ދިގީ ބާވައޭ." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

މި ޤަބުރުފުޅުގެ ސަރަޙައްދުގައި ވަރަށް ދުވަސްވީ ހިލަތައް އެބަ ހުށްޓެވެ. މި ހިލަތަކުގައި ކަނޑައި ނަގައިފައިވާ ވަރަށް ދުވަސްވީ ލިޔުންތަކެއް ފާހަގަ ކުރެވެއެވެ. އެއީ ޔަމަނުގެ ބޯދާ މުސްނަދު އަކުރުން ލިޔެފައިވާ ލިޔުންތަކެކެވެ.

"މި ހިލައިގައި މިވާ ލިޔުމުގައި މި ވަނީ ކޮންމެހެން މީހެއްގެ ނަމެއް ކަމެއް އެހެން ކަނޑައަޅައި ބުނާ ކަށް ނޭނގޭ. އެހެން ނަމަވެސް ފާހަގަ ކުރެވެނީ މި ލިޔުމަކީ ބޯދާ މުސްނަދު އަކުރުން ލިޔެވިފައިވާ ލިޔުމެއް ކަން. ފަހަރެއްގައި ވެދާނެ، މިއީ މި ތަނާ ކައިރީގައި ހުރި އާސާރީ އެހެންތަނަކުން ގެނެސް ޖަހައިފައިވާ ހިލައެއް ކަމަށް ވެސް. ކޮންމެއަކަސް މިހާ ތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، މި ހިލައަކީ މި ގަބުރުފުޅާ ސީދާ ގުޅުން ހުރި ހިލައެއް ކަމަކަށް ނުބެލެވޭ." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

މި ޤަބުރުފުޅާ ބެހޭ ގޮތުން މި ހިސާބުގެ މީހުން ދައްކާ ހުރިހާ ވާހަކައަކާ ގުޅޭ މާއްދީ ހެކިތަކެއް ނެތްކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް ޒަމާނުއްސުރެ މި ޤަބުރުފުޅު މަޝްހޫރުވެފައި ވަނީ ޞާލިޙުގެފާނުގެ ޤަބުރުފުޅުގެ ގޮތުގައެވެ.

"މި ހިސާބުގައި ދިރިއުޅޭ މީހުންގެ ދޫދޫ މަތިން މުތަވާތިރުކޮށް ޒަމާނުއްސުރެ ވާރިދު ވެފައިވަނީ މިއީ ޞާލިޙު ނަބީ ކަލޭގެފާނުގެ މަގްބަރާ ކަމަށް. ތަވާތުރުގެ މަގުން މި ގޮތަށް ވާރިދުވެފައި ހުންނަ ވާހަކަތަކަކީ މާއްދީ ހެތްކެއް ފެންނަން ނެތް ކޮންމެ ކަމެއްގައި އެންމެ ބޮޑަށް ތާރީޚީ ގޮތުން އިތުބާރު ކުރާން ޖެހޭ މަސްދަރުތައް. ތާރީޚީ ގޮތުން ކަމެއް ސާބިތު ކުރުމަށް ކޮންމެހެން ބޭނުންވާ ފަދަ ހެކިތަކެއް ނެތް ކަމުގައި ވިޔަސް ޒަމާނުއްސުރެ އެނގިފައިވަނީ މި ތަނުގައި މިހިރަ އާސާރުތައް ނިސްބަތްވަނީ ޞާލިޙުގެފާނަށް ކަމަށް. ޞާލިޙުގެފާނުގެ މަގްބަރާގެ ގޮތުގައި މިތަން ފާހަގަ ކުރެވިފައި ވަނީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގެ ވެސް ކުރީން. އެހެންކަމުން އިސްލާމްދީނުގެ ޒަރީއާއިން ޞާލިޙުގެފާނުގެ އެނގުމުގެ ކުރީގައި ޞާލިޙުގެފާނަށް ނިސްބަތްކޮށް މި ތަން ބަލަހައްޓަމުން ގޮސްފައިވުމަކީ ފާހަގަ ކޮށްލާން ޖެހޭ ނުގުތާއެއް. ތާރީޚީ ގޮތުން އަޅުގަނޑުމެންނަށް އެނގިފައި ވަނީ މަދާއިން ޞާލިޙުން ނުކުމެވަޑައިގެން ދެކުނަށް، ޙަޟްރަމައުތާ ދިމާއަށް ކަން ޞާލިޙުގެފާނު ދަތުރު ކުރެއްވީ. އެހެންކަމުން މި ހުރިހާ ކަމަކުން ވެސް ބާރު ލިބެނީ މިއީ ޞާލިޙުގެފާނުގެ ގަބުރުފުޅު ކަމަށް." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

މި މަޤްބަރާ ކައިރީގައި ވަޅެއް ހުރެއެވެ. އެ ވަޅަކީ މިތަނަށް ޒިޔާރަތް ކުރާ މީހުންނާއި، މިތަނުގެ ކައިރީގައި ދިރިއުޅޭ މީހުން ފެން ބުއިމަށް ބޭނުން ކުރާ ވަޅެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ރައްސުގެ އަހުލުވެރީންގެ ސަރަޙައްދާ ގާތުގައި ހުރި ކަމަށް ޤުރުއާނުގައި ވާރިދުވެފައިވާ ބިއުރުލްމުޢައްޠަލާ އަކީ މި ވަޅެވެ.

"ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނު އަވަހާރަވުމުން މި ސަރަޙައްދަށް ޙަޟްރަމައުތުގެ ނަން ލިބިގެން ދިޔަ. އަދި މި ތަނުގައި ބިއުރުލްމުޢައްޠަލާގެ ނަން ކިޔޭ ވަޅު ކޮޅެއް ވެސް އެބަ ހުރި. ގުރުއާނުގައި ވެސް ބިއުރުލްމުޢައްޠަލާގެ ވާހަކަ އައިސްފައިވޭ. އެހެންކަމުން މި ތަނުގައި މިހުންނަ ވަޅުކޮޅަކީ ގުރުއާނުގައި ނަންގަނެވިފައިވާ ވަޅުކޮޅަށް ވުން އެކަށީގެންވޭ. އަދި މިތަނާ ޙަޟޫރާގެ މީހުންނާ ވަނީ ގުޅިފަ. އެއީ ރިއްސުގެ އަހުލުވެރީން. އެމީހުންގެ ވާހަކަ ގުރުއާނުގައި އައިސްފައިވޭ. މި ވާދީއަށް މި ކިޔަނީ ވާދީ ސަރް. ވެދާނެ މިއީ ރިއްސުގެ ނަމުގެ އަކުރުތައް ބަދަލުވެގެން އުފެދުނު ނަމަކަށް." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

ޞާލިޙުގެފާނުގެ މަޤްބަރާއަކީ މި ސަރަޙައްދުގެ މީހުން ވަރަށް އަހައްމިއްޔަތުކަން ދޭ ތަނެކެވެ. މި ތަނަށް ވަރަށް ގިނަ މީހުން ތަފާތު އެކިއެކި ބޭނުމުގައި ޒިޔާރަތް ކުރެއެވެ. ބައެއް މީހުން ޚުރާފީ ސަބަބުތަކާ ހުރެ ޒިޔާރަތް ކުރެއެވެ. އަދި ބައެއް މީހުން ނުބުއްވަތުގެ ތާރީޚުގެ ހަނދާންތައް އައު ކުރުމުގެ ގޮތުން ޒިޔާރަތް ކުރެއެވެ.

"މި ސަރަޙައްދުގެ މީހުންގެ ދީނީ އަދި އިޖްތިމާއީ ހަޔާތުގައި މި ތަނަކީ ވަރަށް ވެސް މުހިންމު ތަނެއް. ވަރަށް ދުރުން ވެސް މީހުން މި ތަނަށް ޒިޔާރަތް ކުރޭ. މި ތަނަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށް އިމާރާތްތަކެއް މި ވަނީ ހަދައިފައި. އެއީ ޒިޔާރަތް ކުރާ މީހުން މަޑު ކޮށްލުމަށާއި ކައިބޮއި ހެދުމަށް ޓަކައި. މި ތަނަށް ޒިޔާރަތް ކުރާ މީހުންނަށް ގަހުވަ އާއި ސައި ލިބޭ ގޮތް އިންތިޒާމު ކުރެވިފައި ހުރޭ. މިއީ މި ސަރަހައްދުގެ މީހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަހައްޓާ ކަންކަން. އެހެންނަމަވެސް މިއަދު މިދަނީ މިތަނަށް ދެވޭ ސަމާލުކަން ކުޑަވަމުން." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

ޞާލިޙުގެފާނުގެ މަޤްބަރާ ހުންނަ ސަރަޙައްދަކީ ވަރަށް ކުރީއްސުރެ އާބާދުވެފައިވާ ތަނެއްކަން މިތަނުގެ އާސާރުތަކުން އެނގެއެވެ. އަދިވެސް މިހިސާބުގެ އިމާރާތް ކުރުމުގެ ވައްޓަފާޅީގައި ހުރީ ބޯދާ ގޮތެވެ.

"މިއީ ޙަޟްރަމައުތުގެ ސަރަޙައްދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ތަން. މި ތަން ވަނީ ޙަޟްރަމައުތުގެ ތާރީޚުގައި މުހިންމު ދައުރެއް އަދާ ކޮށްފައި. މިއީ ޞުލްޙަ އާއި އަމާންކަން ރަމްޒުކޮށްދޭ ސަރަޙައްދެއް." އުސްތާޒު ޢަބްދުއްރަޙްމާން ސައްޤާފް ވިދާޅުވިއެވެ.

"ޞާލިޙުގެފާނަކީ ނޫޙުގެފާނާއި ހޫދުގެފާނުންގެ ފަހުން އަދި އިބްރާހީމްގެފާނުންގެ ކުރީން ފޮނުއްވި ނަބީބޭކަލެއް. ޢާދު ބާގައިގެ މީހުން ހަލާކު ކުރެއްވުމަށް ފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ހޫދުގެފާނު ނަޖާ ކުރެއްވި. އަދި ޢާދު ބާގައިން ވެސް ބަޔަކު ސަލާމަތްވި. އެ ނަސްލުން ސަމޫދު ބާގަ އުފެދުނީ. ހޫދުގެފާނުގެ ވާހަކަ އާއި ޞާލިޙުގެފާނުގެ ވާހަކައިގައި ވަރަށް ބޮޑު އެއްގޮތް ކަމެއް ހުރޭ. މިއީ ޒަމާން ތަފާތު ވިޔަސް އެއްބަޔަކަށް ވާތީ. ޢާދުގެ މީހުން އުޅުނީ ޙަޟްރަމައުތާއި އޮމާނާ ދެމެދު. ޢާދު ބާގައިން ސަލާމަތް ވީ މީހުން ދިޔައީ މަދީނަތުލްމުނައްވަރާގެ އުތުރުގައި އޮތް މަދާއިން ޞާލިޙް ސަރަޙައްދަށް. ޞާލިޙުގެފާނު ފޮނުއްވީ މަދާއިން ޞާލިހަށް. އަޒާބަށް ފަހު އެކަލޭގެފާނު ދެން ވަޑައިގަތީ ޙަޟްރަމަތަށް." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

"ސަމޫދު ބާގައިގެ މީހުންނަކީ ބިނާ ކުރުމާއި އިމާރާތް ކުރުމުގެ ފަންނުގައި ވަރަށް ބޮޑަށް ކުރި އަރައިގެން ދިޔަ ބައެއް. އެމީހުން ވަނީ ހިލައިގައި ކަނޑައިގެން ގެދޮރު ބިނާ ކުރުމުގެ މަސައްކަތް ކުރި ބައެއް. އެމީހުން ދުށް ގޮތުގައި އެމީހުންނަށް ވުރެ ވަރުގަދަ ބައެއް އެޒަމާނުގައި އެހެން އެއްވެސް ތާކު އުޅެފައެއް ނުވޭ. އެމީހުން ވަނީ ބޭނުމެއް ނެތް ގޮތުގައި ވެސް އެތައް އިމާރާތެއް ކޮށްފައި. މިއީ އެ ފަންނުގައި އެމީހުން ކުރި އަރައިފައި ތިބި ވަރު ދައްކައިދިނުމުގެ ގޮތުން ކުރި ކަންކަން." އިސްލާމީ ތާރީޚުގެ އިލްމުވެރިޔެއް ކަމުގައިވާ ޑރ. ޢަބްދުލްމަޤްޞޫދު ބާޝާ ވިދާޅުވިއެވެ.

"ޞާލިޙުގެފާނުގެ ވާހަކައަކީ އެއިން ވަރަށް ބޮޑު އިބްރަތްތަކެއް ލިބިގެންދާ ވާހަކައެއް. އިންސާނާ ﷲ އަށް ތަޙައްދީ ކޮށް އުޅެން ފަށައިފި ނަމަ އޭގެ ނަތީޖާ ނުކުންނާނެ ގޮތް މި ހާދިސާއިން އެނގިގެންދޭ. ﷲ ގެ ނަބީ ރަސޫލުންގެ ތެދުކަން ދެއްކެވުމުގެ ގޮތުން ދައްކަވާ ހެކިތަކާއި މުޢުޖިޒާތަކަކީ އެކަން ގަބޫލު ނުކުރިޔަސް ދުނިޔޭގެ އަޒާބަށް ހުށަހޮޅިގެންދާ ކަމެއް ނޫން. އެހެން ނަމަވެސް އަމިއްލައަށް މުއުޖިޒާތަކަށް އެދިގެން އެ މުޢުޖިޒާތެއް ދެއްކެވުމުން އެ މުޢުޖިޒާތަކަށް އިންކާރުކޮށް ދެން ވެސް ތަޙައްދީ ކުރުމަކީ ދުނިޔޭގައި ވެސް މުޞީބާތާ އެމީހުން ކުރިމަތިލާން ޖެހޭ ކަމެއް. މިކަން ނުބުއްވަތުގެ ތާރީޚުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެނޭ. ޞާލިޙުގެފާނުގެ ހާދިސާއިން ވެސް މި އިބްރަތް ހާސިލުވޭ. ޞާލިޙުގެފާނުގެ ގައުމަށް ފޮނުއްވި އަންހެން ޖަމަލުކޮޅަކީ އެ ގައުމުގެ މީހުން އެދިގެން ފޮނުއްވި ޖަމަލުކޮޅެއް. އެމީހުންނަށް ފޮނުއްވި އަޒާބުގެ ސަބަބަކަށް ވެގެން ދިޔައީ އެ ޖަމަލުކޮޅާ މެދު އެމީހުން ޢަމަލުކުރި ގޮތް." މައްކާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. ޢާދިލް ބާނާޢިމާ ވިދާޅުވިއެވެ.

ޞާލިޙުގެފާނުގެ ޤައުމަށް ފޮނުއްވުނު އަޒާބުގެ ފަހުން އެކަލޭގެފާނު ދިރިއުޅުއްވީ ޙަޟްރަމައުތުގައި ކަމަށް ބުނެވޭ ފަދައިން، އެކަލޭގެފާނު ދިރިއުޅުއްވީ ފަލަސްޠީނުގެ ބިމުގައި ކަމަށް ވެސް ބުނެވެއެވެ. ފަލަސްޠީނުގެ ބިމުގައި ވެސް ޞާލިޙުގެފާނަށް ނިސްބަތް ކުރެވޭ އަސަރުތަކެއް އެބަ ހުށްޓެވެ. މި އަސަރުތަކުގެ މާނައަކީ ކޮންމެވެސް އެއް ދުވަސްވަރެއްގައި، ޞާލިޙުގެފާނު ފަލަސްޠީނުގެ ބިމުގައި އުޅުއްވިއޭއެވެ. އެހެންނަމަވެސް އެކަލޭގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވަނީ ފަލަސްޠީނުގައި ކަމަށް ތާރީޚީ ގޮތުން ހެތްކެއް ފެންނާކަށް ނެތެވެ. ތާރީޚީ ގޮތުން ބުރަވެވެނީ ޔަމަނުގެ ޙަޟްރަމައުތުގައި އެކަލޭގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވާ ކަމަށެވެ.

comment ކޮމެންޓް