ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުން މެޗުތަކުން ލިވަޕޫލްއާއި ޗެލްސީ މޮޅުވެ ތާވަލުން ކުރިއެރުންތަކެއް ހޯދައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު އެ ޓީމު ކާމިޔާބު ކުރީ 1-2ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ވަގުތީ ގޮތުން ލިވަޕޫލްވަނީ އެއްވަނައަށް ޖެހިލާފަ އެވެ. ދެވަނާގައި އޮތް ސިޓީއަށް ވުރެން އެއް މެޗު އިތުރަށް ކުޅެ ލިވަޕޫލް އެއްވަނާގައި އޮތީ 79 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް ދެން އަންނަ މެޗަކުން ސިޓީ މޮޅުވެއްޖެ ނަމަ ލިވަޕޫލް އަނބުރާ ދެވަނައަށް ވެއްޓޭނެ އެވެ. ރޭގެ އެ މެޗުން ބަލިވި ޓޮޓެންހަމް މިވަގުތު ތިން ވަނާގައި އޮތް އިރު މެންޗެސްޓާ ޔުނައިޓެޑް ވަނީ އެ ޓީމާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ޓޮޓެންހަމް ޔުނައިޓެޑަށް ވުރެން ދަރަޖައިގެ ގޮތުން ކުރި ލިބެނީ ފައިދާ ގޯލަށް ބަލައިގެންނެވެ.

ޗެލްސީއާއި ކާޑިފް ސިޓީ ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން 1-2 އިނ މޮޅުވީ ޗެލްސީ --- ފޮޓޯ/ ބެން ސްޕަރެޓް
ރެލިގޭޝަން ޒޯނުގައި އޮތް ކާޑިފްއާ ވާދަކޮށް ޗެލްސީ ރޭގެ މެޗުން މޮޅުވީ 1-2ގެ ހަނި ނަތީޖާ އަކުންނެވެ. ރޭގެ މޮޅާ އެކު ގަދަ ހަތަރަކަށް އެރުމުގެ އުންމީދު ޗެލްސީއިން އާ ކުރި އިރު އެ ޓީމު ވަނީ ފަސްވަނާގައި އޮތް އާސެނަލާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. އަދި ތިންވަނާގައި އޮތް ޓޮޓެންހަމް އަދި ހަތަރުވަނާގައި އޮތް ޔުނައިޓެޑް އާއި އެއް ޕޮއިންޓަށް ޗެލްސީ ވަނީ ރޭގެ މޮޅާ އެކު ފަރަގު ކުޑަ ކޮށްފަ އެވެ.
ކާޑިފްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ކާޑިފްއިންނެވެ. ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިންމާލި އިރު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނަޓުގައި ވިކްޓޯ ކަމަރާސޯ ޖެހި ގޯލާ އެކު ކާޑިފަށް ހިއްވަރު ލިބި އުންމީދާ އެކު ކުޅެމުންދިޔަ އެވެ.
ނަމަވެސް މެޗު ނިމެން ހަތް މިނަޓަށް ވެފައި ވަނިކޮށް ޗެލްސީގެ ކެޕްޓަން ސީޒާ އަޒްޕްލިކުއެޓާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޕޮއިންޓަކާ އެކު މެޗު ނިންމާލަން ކާޑިފުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ލޮފްޓަސް ޗީކް ގޯލެއް ޖަހައި ޗެލްސީއަށް ކުރި ހޯދައިދިނެވެ.
މީގެ އިތުރުން ވާދަވެރި ކުޅުމަކަށް ފަހު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލި ނަމަވެސް ރޭގެ މެޗުން ލިވަޕޫލް މޮޅުވީ ހަނި ގޮތަކަށެވެ.
އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ލިވަޕޫލް އެވެ. މެޗުގެ 16 ވަނަ މިނަޓުގައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ބޮބީ ފިރްމީނިއޯގެ ލިވަޕޫލްއަށް ލީޑު ނަގައިދިން ނަމަވެސް ޓޮޓެންހަމް އިން ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލޫކަސް މޯރާގެ އެ ގޯލަށް ފަހު ޓޮޓެންހަމްއަށް މުޅިން ހުސް ދެ ފުރުސަތެއް ލިބިގެން ދިޔަ އެވެ.
ލިވަޕޫލްއިން ރޭގެ މެޗުގައި މޮޅުވީ ޓޮޓެންހަމްގެ ކީޕަރު މިސްޓޭކަކުން ދޫވި ބޯޅައެއް އެ ޓީމުގެ ޓޮބީ އަލްޑާރްވިއެރެލްޑް ފައިގައި ޖެހި ބައިކޮޅަށް ވަތް ގޯލަކުންނެވެ.